ފީފާ ވޯލްޑް ކަޕްގެ 2026 ގެ ތިންވަނަ ހޮވާ މެޗުގައި، ފްރާންސްގެ މައްޗަށް 6-4 ގެ ނަތީޖާއަކުން ކުރިހޯދައި އިންގްލެންޑުން މުބާރާތުގެ ތިންވަނަ މަގާމު ހާސިލްކޮށްފިއެވެ މިއީ 1966 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، އިންގްލެންޑުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.
ތިންވަނަ ހޮވާ މެޗު ކަމަށްވުމާއެކު ދެޓީމުންވެސް ނުކުތީ ބަދަލުތަކާއެކުގައެވެ. އިންގްލެންޑުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ސެމީގެ މެޗު ފެށި ކުޅުންތެރިންގެ ތެރެއިން މި މެޗުގައި ފުރަތަމަ 11 އިން ފެނުނީ ހަތަރު ކުޅުންތެރިއެކެވެ. އެއީ ޖެޑް ސްޕެންސް، މާކް ގޭހީ، ޑެކްލަން ރައިސް އަދި މޯގަން ރޮޖާސްއެވެ. ކެޕްޓަން ހެރީ ކޭން، ޖޫޑް ބެލިންހަމް އަދި ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވެސް ފެށީ ބެންޗުންނެވެ.
ފްރާންސްވެސް ވަނީ އެ އަދަދަށް ފުރަތަމަ 11 އަށް ބަދަލު ގެނެސްފައެވެ. ގޯލްކީޕަރު މައިކް މިނިއޯ، މިޑްފީލްޑަރު އެޑްރިއެން ރަބިއޯ، މައިކަލް އޮލީސޭ އަދި ކެޕްޓަން ކިލިއަން އެމްބާޕޭގެ އިތުރުން ދެން ފެނުނީ ތަފާތު ކުޅުންތެރިންތަކެކެވެ. މުޅި ޑިފެންސް ލައިންވެސް ބަދަލުކޮށްލާފައިވާ އިރު، އުސްމާން ޑެމްބެލޭވެސް މެޗު ފެށީ ބެންޗުންނެވެ.
ދެޓީމުގެ ކުޅުންތެރިންވެސް މަޑު ރާގެއްގައި ފެށި މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ގަބޫލުކުރަން ދަތިވެސް މަންޒަރެކެވެ. އިންގްލެންޑުން ފްރާންސް ކޮޅަށް ފަސޭހަކަމާއެކު ހަތަރު ގޯލް ޖެހިއެވެ.
ތިންވަނަ މިނެޓުގައި އިންގްލެންޑުން ލީޑު ނެގި އިރު، ޒަައިރޭ ޑޫއޭ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ގޮސް، ޕެނަލްޓީ އޭރިއާ ބޭރުން ފްރާންސް ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން އިންގްލެންޑަށް ލީޑު ނަގައިދިނީ ކެޕްޓަން ބޭންޑްގައި ކުޅެމުންދިޔަ ޑެކްލަން ރައިސްއެވެ.
މެޗުގެ 18 ވަނަ މިނެޓުގައި އިންގްލެންޑް ދެވަނަ ގޯލްވެސް ޖެހިއެވެ. ރައިސް ނަގައިދިން ކޯނަރަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުން ގޯލް ޖަހައިދިނީ އެޒްރީ ކޮންޒާއެވެ. އޭގެ އިރުކޮޅެއްފަހުން އިންގްލެންޑުން ތިންވަނަ ގޯލެއް ޖެހިއެވެ. ރަޝްފާޑް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ފްރާންސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އިންގްލެންޑަށް ތިންވަނަ ގޯލް ޖަހައިދިނީ ސަކާއެވެ.
ހާފު ނިމުމުގެ ކުރިން ސަކާގެ އިތުރު ގޯލެއް ފެނުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ގޯލް ސަކާ ޖެހީ، އެބެރެޗީ އެޒޭ ދިން ބޯޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސް ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެންނެވެ.
ދެވަނަ ހާފަށް ފްރާންސުން ނުކުތީ ހަތަރު ބަދަލަކާއެކުގައެވެ. ކޮނާޓޭ، ތިއޯ ހެނާންޑޭޒް، ޑިޒައިރޭ ޑޫއޭ އަދި ޗާކީގެ ބަދަލުގައި ކުޅެން ނުކުތީ ޑަޔޮޓް އުޕަމެކާނޯ، ލޫކަސް ޑީނިއޭ، އުސްމާން ޑެމްބެލޭ އަދި ބްރެޑްލީ ބާކޯލާއެވެ.
އިންގްލެންޑުން ދެވަނަ ހާފަށް ރަޝްފޯޑުގެ ބަދަލުގައި އޮލީ ވޮޓްކިންސް ކުޅެން ނެރެނު އިރު، ދެވަނަ ހާފުގައި ފެނުނީ މުޅިން ތަފާތު ފްރާންސެކެވެ. އެޓީމުގެ އެޓޭކް ލައިނުގެ ފެންވަރު ދައްކާލައި އިންގްލެންޑް ހާސްކޮށްލިއެވެ.
މެޗުގެ 48 ވަނަ މިނެޓުގައި ފްރާންސުން އެޓީމުގެ ފުރަތަމަ ގޯލް ޖެހިއެވެ. މައިކަލް އޮލީސޭ ދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު އިންގްލެންޑް ގޯލުގެ ތެރެއަށް ފޮނުވާލީ އެމްބާޕޭއެވެ. އެއީ މުބާރާތުގައި ޖެހި ނުވަ ވަނަ ގޯލެވެ. އަދި ވޯލްޑް ކަޕް ތާރީހުގައި ޖެހި 21 ވަނަ ގޯލެވެ.
އެހިސާބުން ފްރާންސަށް ދިރުން ލިބި، 54 ވަނަ މިނެޓުގައި އަނެއްކާވެސް ގޯލް ޖެހިއެވެ. އެމްބާޕޭ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އިންގްލެންޑް ގޯލަށް ބޯޅަ ނިންމާލީ ބްރެޑްލީ ބާކޯލާއެވެ.
66 ވަނަ މިނެޓުގައި އެމްބާޕޭ ތާރީހީ ގޯލާއެކު ފްރާންސަށް އިތުރަށް ފަރަގު ކުޑަކޮށްދިނެވެ.
އޮލީސޭ ތިން ބޯޅަ، ނަލްޓީ އޭރިއާ ތެރެއިން އިންގްލެންޑް ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން އެމްބާޕޭ ވޯލްޑް ކަޕްގައި 22 ވަނަ ގޯލް ޖަހައި، މެސީގެ ތާރީހީ ރެކޯޑު މުގުރާލި އިރު، އެއީ އޭނާ މި ވޯލްޑް ކަޕްގައި ޖެހި 10 ވަނަ ގޯލެވެ. އެހިސާބުން ފްރާންސަށް މެޗު އެއްވަރުކޮށްލަން އިތުރު ފުރުސަތުތައް ތަނަވަސްވި ނަމަވެސް، ޑެމްބެލޭއާއި އެމްބާޕޭ އަދި އޮލީސޭއަށް ލިބުނު ފުރުސަތުތައް ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ.
އެހެން ދަނިކޮށް، އިންގްލެންޑަށް ހަމަޖެހިލަން ލިބުނު ފުރުސަތަކީ 85 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ޖެޑް ސްޕެންސަށް މަލޯ ގުސްޓޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީގައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ސަކާ ހެޓްރިކް ހަދައި، އިންގްލެންޑަށް އިތުރު ގޯލެއް ޖަހައިދިނެވެ.
އޭގެ ފަހުން އިތުރު ވަގުތުގައިވެސް ޑްރާމާ ބޮޑުވިއެވެ. ޑެމްބެލޭގެ ގޯލެއް ފެނިގެން ދިޔަތާ މާގިނައިރެއް ނުވެ، ބެލިންހަމް ވަނީ އިންގްލެންޑަށް ހަވަނަ ގޯލެއް ޖަހައިދިނީ ލޯ މެޑަލް ޔަގީން ކޮށްދީފައެވެ.
މިއީ ވޯލްޑް ކަޕް ތާރީހުގައިވެސް ތިންވަނަ ހޮވި މެޗެއްގައި އެންމެ ގިނައިން ގޯލް ޖެހި މެޗެވެ. ކުރިން އެ ރެކޯޑު އޮތީ 1958 ވަނަ އަހަރުއެވެ. އެއީ ފްރާންސުން 6-3 އިން ވެސްޓް ޖަރުމަނު ބަލިކުރި މެޗެވެ.
