ސްޕެއިން ދުނިޔޭގެ ފުޓުބޯޅައިގެ ރަސްކަމަށް

ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި އާޖެންޓީނާ ބަލިކޮށް، ސްޕެއިނުން 2010 ވަނަ އަހަރަށްފަހު އަލުން އެނބުރި ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލު އިތުރު ވަގުތަށް ގޮސް، ސްޕެއިނުން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގައި އާޖެންޓީނާއަށް ގޯލާ އަމާޒުކޮށް ޝޮޓެއްވެސް ހެދިޔަދީފައެއް ނުވެއެވެ. ސްޕެއިން އެޓީމުގެ ފޯމުގައި، ޓެކްޓިކަލީ އާދަޔާހިލާފު މޮޅަށް ފެނުނު އިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެޓީމުންނެވެ.

މިއީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު ސްޕެއިނުން ވޯލްޑް ކަޕް އުފުލާލި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ގައުމުގެ ތާރީހުގައި ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ.

އާޖެންޓީނާއިން ސްޕެއިނަށް ސަމާލުވެގެން ކުޅެން ހަދައިގެން އެޓީމަށް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ހަމަލާއެއް ނުއުފެއްދިއެވެ. އެޓީމުގެ ޝޮޓެއް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. މުޅިންހެން މަސައްކަތްކުރީ ސްޕެއިންގެ ޑިސިޕްލިން ޓެކްޓިކަލް ގޭމް ހުއްޓުވުމަށެވެ.

އާޖެންޓީނާއަށް އެންމެ ނުރައްކާކޮށް ލިބުނު ފުރުސަތަކީވެސް ކައުންޓާއެއްގައި އާޖެންޓީނާ ކެޕްޓަން މެސީއަށް ކުރިއަށް ދާން ލިބުނު ބޯޅައެކެވެ. ހާފުގެ މެދަށްވުރެ ކުރިއަށް ނުކުމެ، އެ ބޯޅަ ސާފުކޮށްލީ ސްޕެއިން ކީޕަރު އުނައި ސިމޮންއެވެ. އެއީ މިފަހަރު ވޯލްޑް ކަޕްގައި ސިމޮންގެ ފަރާތުން ތަކުރާރުކޮށް ފެނިފައިވާ މަންޒަރެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިތުރު ހަމަލާތައް އުފެއްދީވެސް ސްޕެއިނުންނެވެ. ހާއްސަކޮށް ހާފު ނިމެން ދިޔަ ވަރަކަށް ސްޕެއިން ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަމަވެސް ހުރިހާ ހަމަލާއެއް ވެސް ހުއްޓުވީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒެވެ.

ފުރަތަމަ ހާފު މެޗުގެ ބޮޑުބައެއް ކޮންޓްރޯލް ކޮށްގެން ކުޅުނީ ސްޕެއިންގެ ޓީމުންނެވެ. ބޯޅަ ހިފަހައްޓައިގެން 64 ޕަސަންޓް ޕާސް، އެ ޓީމުން ފުރިހަމަ ކުރި އެވެ.

ދެވަނަ ހާފު ސްޕެއިނުން ފެށީ ޔަގީންކަމާއެކުގައެވެ. ކުރިއަށްވުރެ ބޮޑަށް އެޓީމުގެ ފަރާތުން ދިރުން ފެނުނެވެ. ހާފުގެ ކުރީކޮޅުގައި އާޖެންޓީނާއަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި އާޖެންޓީނާއަށް ހެދުނު ގޯހަކުން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެލެކްސް ބައޭނާ ފޮނުވާލި ހަމަލާ، އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް މަތަކުރި އިރު، އޭގެ އިރުކޮޅެއް ފަހުން އޮލްމޯ ކަނޑާލި ބޯޅަ އޭރިއާ ތެރެއިން ކުކުރެޔާއަށް ނުލިބި ދިޔައީ ހަމަ ކިރިޔާއެވެ.

ދެވަނަ ހާފުގެ ތެރެއިން ދެޓީމުގެ ބަދަލުތައްވެސް ފެންނަން ފެށި އިރު، ސްޕެއިނުން ނުދިޔައީ ނުރައްކާ ބޮޑުކުރަމުންނެވެ.

މެޗުގެ ހޫނުގަދަވާން ފެށީ ދެވަނަ ހާފުގައެވެ. އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒަށް 81 މިނެޓުގައި ދެއްކި ރީނދޫ ކާޑަށްފަހު، މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ. މިއާއެކު އާޖެންޓީނާއަށް މެޗުގެ ބާކީބައި 10 ކުޅުންތެރިންނާއެކު ކުޅެން މަޖުބޫރުވިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ލަނޑެއް ނުޖެހި އެއްވަރުވިއިރު، ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުުތުގެ ފުރަތަަމަ ހާފުގައި ސްޕެއިނުގެ ނީކޯ ވިލިއަމްސް ލަނޑެއް ޖެހި އެވެ. އެކަމަކު، އޭގެ ކުރިން، ސްޕެއިނުގެ މިކޭލް މެރީނޯ، އޭރިއާތެރެއިން އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ އަށް ކުރި ފައުލެއް ވަނީ ދަަައްކައިފަ އެވެ.

އޭގެ ފަހުން، އޭރިއާތެރެއިން މެރީނޯ ބޮލުން ފޮނުވާލި ބޯޅައެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާ ލަސްތަކެއް ނުވެ ސްޕެއިނުން ވަނީ ލަނޑު ޖަހައިފަ އެވެ. މިއީ، އޭރިއާތެރެއަށް ނެގި ހުރަހަކުން ނިކޯ ވިލިއަމްސް ބޮލުން ޖައްސާލި ބޯޅައަކުން ފެރާން ޓޮރޭޒް ޖެހި ގޯލުންނެވެ. އެހިސާބުން ސްޕެއިނުން ކޮންޓްރޯލް ނެގި އިރު، އާޖެންޓީނާއިން އެންމެފަހު ވަގުތު ކޯނަރުގައި ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު، ދުނިޔޭގެ ފުޓުބޯޅައިގެ ޝަރަފުވެރި ތަށި ދެފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ހޯދި މަދު ގައުމުތަކުގެ ތެރޭގައި ސްޕެއިން ވަނީ ހިމެނިފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *