މޯލްޑިވްސް 2.0ގެ އެއް އަމާޒަކީ އެއްވެސް ރައްޔިތަކަށް ލިބޭ ފުރުޞަތެއް އެމީހަކު ދިރިއުޅޭ ރަށެއްގެ ސަބަބުން ހަނިނުވާނެ ފަދަ "ޑިޖިޓަލް ފަސްޓް" ޤައުމެއް ބިނާކުރުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް 2.0″ މަގުޗާޓު ތަންފީޛުކުރުމުގަ އަދި މަގުޗާޓުގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރިއަށްގެންދާ "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މޯލްޑިވްސް 2.0ގެ ތަޞައްވުރު ޙަޤީޤަތަކަށް ހެދޭނީ ރައްޔިތުންނަށް ފުރިހަމަ އިތުބާރާއެކު އޭ.އައި ފަދަ ފަހުގެ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުވިގެންދާ ޑިޖިޓަލް އެކޯސިސްޓަމްގެ ތެރޭގައި ދާންވީ މިސްރާބު އެނގިގެން ކަމަށެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން އަޅުގަނޑުމެން ދިރިއުޅޭ ގޮތާއި، މަސައްކަތްކުރާ ގޮތާއި، މުޢާމަލާތްކުރާ ގޮތާއި ޚިދުމަތްތައް ހޯދާ ގޮތް، މިއަދު މިވަނީ މުޅިން ބަދަލުވެފައިކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
"މޯލްޑިވްސް 2.0″ މަގުޗާޓު ތަންފީޛުކުރުމުގަ އަދި މަގުޗާޓުގައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިއަދަކީ ވަރަށް މުހިއްމު ޤައުމީ ކެމްޕެއިނެއް ފަށްޓަވާ ދުވަހެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިއަދަކީ އެންމެންގެ ބައިވެރިވުން ޔަޤީންކުރެވޭ ޑިޖިޓަލް އިޤްތިސާދަކަށް ރާއްޖެ ބައްޓަންކުރުމަށްޓަކައި ބޭނުންވާ އިންސާނީ ރައުސްމާލު އުފެއްދުމަށް ޤައުމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ސަރުކާރުގެ މުއައްސަސާތަކާއި މި ކަމުގައި ސަރުކާރަށް އެހީވެދޭ ފަރާތްތައް ގުޅިގެން ފެށުމުގެ އުއްމީދީ ހަރަކާތް ރަސްމީކޮށް އިފްތިތާޙުކުރެވިގެންދާ ދުވަސް ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ މި ކެމްޕެއިންގ އާއެކީ މި ފެށިގެންދަނީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް، އަދި އިޤްތިސާދު ބިނާކުރުމަށް ޤާއިމުކޮށްފައިވާ އަދި ކުރިމަގަށް ރާވާފައިވާ ޤައުމީ ޑިޖިޓަލް ނިޒާމުތަކާއި އުމްރާނީ އިންވެސްޓްމެންޓްތައް މެދުވެރިކޮށް އިޤްތިސާދީ އަދި އިޖްތިމާޢީ ނަފާ ހޯދުމަށް ޑިޖިޓަލް ރޮގުން ލޯހުޅުވިފައި ތިބި ހުނަރުވެރި، ޒިންމާދާރު އަދި އުފެއްދުންތެރި ރައްޔިތުން ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.
