4 ދަރިން ލިބުނީމާ ވަރިކޮށް އެއްލައިލިއަސް ފަހުން ލިބުނީ މާ ރަނގަޅު ބައިވެރިއެއް

އަޅުގަނޑަކީވެސް ހަމައެފަދަ ފިރިހެނަކާއި ކައިވެނިކުރެވުނު އަންހެނަކީމެވެ. ކައިވެނިކުރީވެސް އުމުރުން 18 އަހަރުފުރުނުތަނާއެވެ. ޒުވާން އަންހެންކުއްޖަކު ދެކެ ލޯބިވެގެން ވަރިކޮށްލީ 4 ދަރިން ލިބުނުފަހުންނެވެ. ވަރިކޮށް އެއްލައިލީ ދެއަނތްބަށް ކައިވެނިކުރަން އެއްބަސްނުވުމުންނެވެ.  އަޅުގަނޑު އެއްބަސްނުވީ އަޅުގަނޑަށާއި 4 ދަރިންނަށް ބޭނުންވާ އަސާސީ ކަންކަން ކޮށްނުދެވޭ މީހަކު ދެވަނަ އަނތްބަކާއި ކައިވެނިކޮށްފިނަމަ ދިރިއުޅެންޖެހޭނެ ނިކަމެތި ޙާލަތު އެނގޭތީއެވެ.

ވަރިކޮށްލި ދުވަހު އަޅުގަނޑަށް ނުގޮވާ އެއްޗެއް ނެތެވެ. 4 ދަރިންގެ އަމާ، ސިފަގެއްލިފައި އިން ހުތުރު އަންހެނަކާ ދެން ކައިވެނިކުރާނެ މީހަކު ނުވާނެ ކަމަށް އެތައް ފަހަރަކު ބުންޏެވެ. ނަމަވެސް އަޅުގަނޑު ވަކީލްކުރީ ﷲ އަށެވެ. ގޮވި އެއްވެސް އެއްޗަކަށް ޖަވާބއްވެސް ނުދެމެވެ. "ކަލޭ އަހަރެންނާއި ކައިވެނިއިރު އަހަރެން އިނީ ހަމަ މިސިފައިގައިތޯ އާއި ކަލޭގެ ސިފަ ތިއަހުރީ ވަރަށް ރީތިކޮށްތޯ ސުވާލުކޮށްލަން ވަރަށް ބޭނުންވިއެވެ. ނަމަވެސް އެވާހަކަތައް އަޑުއަހަންތިބި ދަރިންގެ ކުރިމަތީގައި ބަހެއް ބުނަން ބޭނުންނުވީއެވެ.

ވަރިކޮށް އެއްލައިލީމާ ވަރަށް ނިކަމެތި ޙާލުގައި އުޅެންޖެހުނެވެ. މައިންބަފައިންގެ ކިބައިން ވާރުތަވީ ހުރިހާ ގަހަނާތައްވެސް ވިއްކަންޖެހުނެވެ. ނަމަވެސް މަގުމައްޗަށް ސަލާންޖަހަން ނުކުންނަން ނުޖެހެނީސް ކައިވެނިކުރާނެ މީހަކު ލިބުނެވެ. އޭނާ އަޅުގަނޑުދެކެ އިންތިހާއަށް ލޯބިވެއެވެ. ލޯބިދެއެވެ. އަޅައިލައެވެ. އޭނާގެ އެހީތެރިކަމާއިއެކު ދަރިން މިއަދު އެތިބީ ބޮޑެތިވެ ރަނގަޅު ވަޒީފާތަކުގައެވެ.

އަޅުގަނޑަށްވުރެ އަތުގައި ފައިސާތައް ގިނަ ބައިވަރު އަންހެނުން ތިބޭނެކަން ޤަބޫލުކުރަމެވެ. އެކަމަކު އަމިއްލަ އެކައުންޓުގައި އެހާބައިވަރު ފައިސާތައް ނެތްނަމަވެސް ހަމަ ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރެވި ފުދިގެން އަޅުގަނޑަށްވުރެ ވަކިން އުފަލުގައި އިނދެވޭ މައަކު ހަމަ މަދުވާނެ ކަމަށް ބުނާކަށް ޖެހިލުމެއް ނުވެއެވެ.

އިންތިހާއަށް ހުރިހާ ކުދިންވެސް އަޅުގަނޑު ދެކެ ލޯބިވެއެވެ. އެއްވެސް ކަމަކަށް ދަތިވިއަކަ ނުދެއެވެ. ރުފިޔާ ހޯދައިގެން ކުރަންޖެހޭ އެއްވެސް ކަމެއް ނެތްވަރަށް ކަންކަން ފުރިހަމަކޮށްދީފައި އަދި އިތުރުން އަޅުގަނޑު ކުރަން ބޭނުންވާ ކަންކަން ކުރަން ބޭނުންވާވަރަށްވުރެ ގިނައިން 4 ކުދިންވެސް ރުފިޔާދެއެވެ. އެއީ މާގިނަ ފައިސާ ނޫންނަމަވެސް އަޅުގަނޑަށް ފުދި އިތުރުވެއެވެ.

އަދި ކީއްހެއްޔެވެ؟ ދަރިންގެ ޙައްޤުގައި އަތުގައިހުރި ގަހަނާކޮޅު އެދުވަހު ވިއްކަލިވާހަކަ ބުނެވިއްޖެއެވެ. އެކަންކުރިކަން އަދިވެސް ކުދިންނަކަށް ނުއެނގޭނެއެވެ. ނަމަވެސް ކުދިން އެކިފަހަރުމަތިން ދީފައި ހުރި ގަހަނާ މާގިނައެވެ. އަދިވެސް ދެނީއެވެ. މަންމަ މުސްކުޅިވެއްޖެއޭ ތިއެއް ދެން ނޭޅޭނެއޭ ބުނާއިރުވެސް ދަރިއަކު ބޭރަށް ގޮސްފައި އަންނަނަމަ ކޮންމެވެސް ގަހަނާއެއް ގެނެސްދެއެވެ.

ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ދިމާވިފަދަ ގޮތެއް ދިމާވެފައިވާނަމަ ވަރިކުރިނަމަވެސް ދެއަނތްބަށް ކައިވެނިކުރަން އެއްބަސްނުވާށެވެ. ފާފަވެރިއެއް ނުވާނެއެވެ. އަނބިދަރިންނަށް ކާންބޯންދޭން ނުލިބޭ، ބަލިވީމާ ބޭސްފަރުވާކޮށްނުދެވޭ މީހަކަށް ދެއަނތްބަށް ކައިވެނިކުރަން ހުއްދަވާކަން އޮތް ފޮތެއް ނިކަން ދައްކައިބަލާށެވެ. ހަމަގައިމުވެސް އަޅުގަނޑު ނުދެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *