އަހަރެމެން ވޭތިކުރަމުން މިގެންދަނީ ރަޙްމަތާއި، ބަރަކާތާއި، މަޣްފިރަތުން ފުރިގެންވާ ރަމަޟާންމަހުގެ މާތްވެގެންވާ ރޭތަކާއި، ދުވަސްތަކެވެ. މި މާތް މައްސަރުގެ ކޮންމެ ރެއެއްގައި ވެސް ﷲ تعالى އެކަލާނގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖުކުރައްވާނެ ކަމުގައި ރިވާވެގެންވެއެވެ. އެހެންކަމުން، މި ބަރަކާތުން ފުރިގެންވާ ދުވަސްތަކާއި، ރޭތަކުގައި ސުވަރުގެލިބިގަތުމަށް އެއްބަޔަކު އަނެއް ބަޔަކާ ވާދަކުރާށެވެ! ﷲ تعالى ގެ ރުއްސެވުމާއި، ފުއްސެވުން ހޯދުމަށް އަވަސްވެގަންނާށެވެ!މިމައްސަރުގެ ޘަވާބާއި، ދަރުމަޔަށް އެންމެ ދަހިވެތިވާންވީ ވަގުތު ކުރިޔަށް އޮތީއެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ صلى الله عليه وسلم މުޅި އަހަރުގެ އެހެން ވަގުތުތަކުގައި، އަޅުކަމުގައި މަޝްޣޫލުވެ ވަޑައިނުގަންނަވާ މިންވަރަށް، ފަހު ދިހައިގެ ރޭތަކުގައި، ކަމާއިގެން މަޝްޣޫލުވެ ވަޑައިގަންނަވައެވެ. މިގޮތުން މާތް ﷲ ރުއްސުން ލެއްވި، އުއްމުލްމުއުމިނީނަ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. " ރަސޫލުﷲ صلى الله عليه وسلم ފަހުދިހައިގެ ރޭތައް އިޙްޔާ ކުރައްވަތެވެ. އަދި އެކަލޭގެފާނުގެ އަހުލުން އަޅުކަމުގައި މަޝްޣޫލު ކުރައްވަތެވެ. އަދި އެކަލޭގެފާނު އަޅުކަމުގައި ހީވާގިވެ ވަޑައިގަންނަވަތެވެ."
އެހެންކަމުން މިރޭތަކުގެ ބަރަކާތާއި، ދަރުމަ ލިބިގަތުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވަމެވެ. އެބައެއްގެ ޙާލަތާއި، ޞިއްޙަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް މިރޭތައް އަޅުކަން ކުރުމުގައި ހޭދަކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ! މި ރަމަޟާން މަސް އައުމުގެ ކުރިން މިދުނިޔެއާ އަލްވަދާޢުކީ މީހުންގެ ތެރޭގައި ނުހިމެނި، ހެޔޮ ޞިއްޙަތާއި، ޢާފިޔަތުގައި މި މައްސަރާ ބައްދަލުކުރުމުގެ ފުރުޞަތު ލިބުމަކީ، ކުޑަ ކަމެއް ނޫނެވެ. ވީމާ، އެކަމަށް ޝުކުރުވެރިވާ ޙާލު، މި މައްސަރުގައި ކުރާ ހެޔޮޢަމަލުގެ ސަބަބުން ސުވަރުގެ ލިބޭ މީހުންގެ ތެރެއިން ވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ!ރަޙްމާންވަންތަ ﷲ ގެ އޯގާވަންތަކަމުން އަހަރެމެންނަށްޓަކައި ފަހުދިހައިގެ ތެރޭގައި، ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައި ވެއެވެ. އެއީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. ﷲ تعالى އެރޭގެ އަޅުކަން އެއްހާސް މައްސަރަށް ވުރެ މާތްކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴾ މާނައީ: "ލައިލަތުލްޤަދްރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ."
އެއްހާސް މައްސަރަކީ ގާތްގަނޑަކަށް އަށްޑިހަ ތިން އަހަރެވެ. އަހަރެމެންގެ ތެރެއިން އެއްވެސް އެއްވެސް މީހަކަށް 83 އަހަރު، ކޮންމެ ދުވަހަކު، ހުރިހައި ވަގުތެއް އަޅުކަމުގައި ހޭދަކުރެވޭނެތޯއެވެ؟ އަހަރެމެން 83 އަހަރު ދުނިޔޭގައި ދިރިއުޅުނު ކަމުގައި ވިޔަސް އެމުއްދަތުގެ މަދު އިންސައްތައެއް މެނުވީ، އަހަރެމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެއެވެ. އެހެންކަމުން ލައިލަތުލް ޤަދްރި ވިލޭރެއަކީ، ރަޙްމާންވަންތަ ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން އަހަރެމެންގެ ހިތަށް ނުގެނެވޭފަދަ ދީލަތި، ބަރަކާތްތެރި ދެއްވުމެކެވެ. އެރޭގެ މާތްކަން ބަޔާންކުރައްވައި، މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ﴾ ގެ މާނައީ: "މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެބޭކަލުންގެ ވެރި ރަސްކަލާނގެ އިޛުނަ ފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބާ ވަޑައިގަންނަވާނެތެވެ." އެރޭ އަޅުކަމުގައި ދެމިތިބި ކޮންމެ ބަޔަކަށް ފާފަފުއްސެވުން އެދި އެ މަލާއިކަތުން ދުޢާ ކުރައްވާނެތެވެ. އަދި އެރެއަކީ ފަތިސްވެ އަލިވިލެންދެން އަމާންވެގެންވާ ރެއެކެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴾ މާނައީ: "އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ."
މަޢުލޫމާތު: ހުކުރު ޚުޠުބާ
