ހުޅުމާލޭގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އަމާން ދޯދި ޓަވަރުތައް ހިމެނޭ ސަރަހައްދުން މިއަދު އެކަނިވެސް 670 ޓަނުގެ ކުނި ނަގައިފި އެވެ.
މިއީ އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގައި މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ސާފުކުރުމަށް ފެށި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
'މަދިރިން ރައްކާ' ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އެފްޑީސީއާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އެންމެ ގިނަ އަދަދަކަށް ކުނި ޖަމާވެފައި އޮތް ފަހި ފްލެޓްތައް ހިމެނޭ ސަރަހައްދު ސާފުކޮށް، ބަލިމަޑުކަމުން ރައްކާތެރިވުމެވެ.
އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން މަލްޝާ ޝަރީފް މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ނެގުނު 670 ޓަނުގެ ކުންޏަކީ ގާތްގަނޑަކަށް 450 އާއި 500 އާ ދެމެދުގެ އަދަދެއްގެ ކާރުގެ ބަރުދަން ކަމަށެވެ.
މަލްޝާ އިތުރަށް ވިދާޅުވީ ސާފުކުރުމުގެ މަސައްކަތް އަދި މުޅިން ނުނިމޭ ކަމަށާއި، މާދަމާވެސް ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މާދަމާގެ ނިޔަލަށް އެ ސަރަހައްދުގައި ބާކީ ހުރި ހުރިހާ ކުންޏެއް ނަގައި އެއްކޮށް ސާފުކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ހަރަކާތުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް މަލްޝާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިއީ ބަހަށްވުރެ އަމަލުން ކަންކަން ދައްކުވައިދޭ އިޖުތިމާއީ ސާފުކުރުމުގެ ނަމޫނާ ހަރަކާތެއް ކަމަށާއި، ހުޅުމާލެ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
