ޙަޤީޤީ ޙާދިސާ: އަންހެނަކަށް އެކުވެރިޔާގެ ފިރިމީހާގެ ކިބައިން ސަލާމަތްވެވުނީ ހަމަކިރިޔާ

އެއްރެއެއްގެ ދަންވަރެވެ. ހަނދާންވާގޮތުން 2 ވެސް ޖަހައިފާނެއެވެ. އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް އެކުވެރިއެއްގެ ޙާލު ސީރިއަށްވުމުން އެތަނުގައި ތަންކޮޅެއް ގިނައިރު މަޑުކުރަންޖެހުނު ރެއެކެވެ. ގެއަށް އައި މަގުމަތީގައި ބިއްލޫރިޖެހިގެއާ ހަމައިން ސައިކަލް ހުއްޓިފައި ސްޓާޓެއް ނުވިއެވެ. އެހެންވެ ސައިކަލް ޕާކުކޮށްފައި ހިނގާފައި އަންނަނިކޮށް ޕްރައިވެޓް ކާރެއް މަޑުކޮށްފިއެވެ.  

ބުނީ ދަންވަރު އެކަނި ހިނގާފައިދާތީ އެހީތެރިވެދޭން މަޑުކުރީ ކަމަށެވެ. އޭނާގެ އަޑުގައިހުރީ ހިތްހެޔޮކަމެވެ. އެހެންވެ ޝުކުރު އަދާކުރަމުން ކާރަށް އެރީމެވެ. ދޮރުތައް ތަޅުލައި ދުއްވާލުމަށްފަހު އޭނާގެ ރާގު ބަދަލުވެއްޖެއެވެ. އޭނާ އަޅުގަނޑުގެ ރީތިކަމަށް ތަޢްރީފްކުރިއެވެ. އަޅުގަނޑަށް ފައިސާވެސް ހުށަހެޅިއެވެ. ނަމަވެސް އަޅުގަނޑު ބުނީ އަޅުގަނޑަކީ ހަށިވިއްކާ ކަސްބީއެއް ނޫން ކަމަށާއި އަވަހަށް ކާރުމަޑުކޮށް އަޅުގަނޑު ބޭލުމަށެވެ.  

އޭނާ ބުނީ އޭނާގެ އެޕާޓްމަންޓަށް ގޮސްދީފިނަމަ ބޭނުންވަރަކަށް ފައިސާދީފާނެ ކަމަށާއި އަދި އެކަން ސިއްރުކުރާނެ ކަމަށެވެ. ދެންވެސް އަޅުގަނޑު ބުނީ ހަމަ އެއްގޮތަކަށެވެ. އަޅުގަނޑަކީ ކަސްބީއެއް ނޫންކަމަށާއި ކާރުން ބޭލުމަށެވެ. އަދި ގަދަކަމުން އެއްވެސްކަމެއް ކޮށްފިނަމަ ފުލުހުންނަށް ވަގުތުން އަންގާނެ ކަމަށެވެ. ގޮތް ދޫނުކުރުމުން އަޅުގަނޑު ގެންގޮސް ގޭގެ ދޮރުމައްޗަށް ބާލާފައި ނަޞީބަކުން އޭނާ ހިނގައްޖެއެވެ. އެވަގުތު ކާރުގެ ފަހަތުން ނަމްބަރު އެނގޭ ގޮތަށް ފޮޓޯއެއް ވެސް ނެގީމެވެ.  

އަޅުގަނޑު އަނެއްދުވަހު އޮފީހަށް ގޮސް އެކުވެރިޔާއަށް އެވާހަކަތައް ކިޔައިދިނީމެވެ. އަޅުގަނޑަށް ސަލާމަތްވެވުނީތީ އެކުވެރިޔާ އުފާކުރިއެވެ. އަދި އެވާހަކަ އެހެން އެކުވެރިއެއްގެ ގާތުގައި ނުދައްކަންވެސް އެދުނެވެ. އެކުވެރިޔާ ބުނީ ކަންކަމުގެ މާނަ ނުބައިކޮށް ނަގާނެ އެކުވެރިންވެސް ތިބޭނެ ކަމަށެވެ. ވީމާ ރަނގަޅުވާނީ އެބާވަތުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުން ކަމަށެވެ.   

ޖެހިގެން އައި ހުކުރުދުވަހުގެރޭ ކެއުމަކަށްދާން އެކުވެރިޔާ އަޅުގަނޑު ބަލާއައުމުން ނުކުމެ ކާރަށް ބަލައިލިއިރު އެއީ ކުރީރޭ އަޅުގަނޑަށް ބޮޑު ބިރަކަށްވި ކާރެވެ. ކާރު ދުއްވަން އިނީ އެކުވެރިޔާއެވެ. އެހެން މީހަކު ނެތެވެ. ކާރުދުއްވަމުން ގޮސް މެރީ ބްރައުން އާއި ހަމައިން ކާރު އެއްފަރާތެއްގައި މަޑުކޮށްލަން އެދުނީމެވެ. މަޑުކޮށްލުމުން އެއީ ކާކުގެ ކާރެއްތޯ ސުވާލުކުރުމުން ބުނީ ބައްޕަގެ ކާރެއް ކަމަށާއި ކާރު އޮންނަނީ އެދެމަފިރިންނަށް ދީފައިކަމަށެވެ. އެކުވެރިޔާ އާއި އޭނާގެ ފިރިމީހާ ނޫނީ އެކާރު ނުދުއްވާނެ ކަމަށެވެ.  

އެހިސާބުން އަޅުގަނޑުގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެރޭ އަޅުގަނޑާ ދިމާކުރީ އެކުވެރިޔާގެ ފިރިމީހާކަމަށް ބުނާނީހެއްޔެވެ؟ ނޫނީ ސިއްރުކުރާނީ ހެއްޔެވެ؟ ސިއްރުކޮށްފިނަމަ އެފަދަ ބޭވަފާތެރިއެއްގެ އަވާއިން އެކުވެރިޔާއަށް ދުވަހަކުވެސް ސަލާމަތްވެވޭނެ ހެއްޔެވެ؟ ރަނގަޅީ ކޮންގޮތެއް ހެއްޔެވެ؟  

އަޅުގަނޑު އެދެނީ މިސުވާލުތަކުގެ ޖަވާބު ކިޔުންތެރިން ކޮމެންޓްކުރުމެވެ. 

ކޮންމެއަކަސް އަޅުގަނޑަށް ބުރަވެވުނީ އެކުވެރިޔާއަށް ކިޔައިދޭށެވެ. އެހެންވެ ތެޅިފޮޅި ނުގަތުމަށާއި ކެތްތެރިވުމަށް ވަރަށް ބޮޑަށް ނަޞޭޙަތްތެރިވުމަށްފަހު އެރޭ ކާރުން ފޭބުމަށްފަހު ނެގި ފޮޓޯ އެކުވެރިޔާއަށް ދެއްކީމެވެ. އެހިސާބުން އެކުވެރިޔާއަށް ވިސްނިއްޖެއެވެ. އަދި ބަސްހުއްޓިފައި އެތައް އިރަކު އިނދެއްޖެއެވެ.

އެކުވެރިޔާ ބުނީ މީގެ ކުރިންވެސް 2 އަންހެނެއްގެ ކަންތައް އެނގިފައިވާ ކަމަށެވެ. ނަމަވެސް ފިރިމީހާ ދޮގުހަދައި އިންކާރުކޮށްފައިވާ ކަމަށެވެ. އެހިސާބުން އިތުރަށް ބުނާނެ އެއްޗެއް އަޅުގަނޑަކަށްވެސް ނުވިސްނުނެވެ. ސަބަބަކީ އެއީ އޭނާގެ އުޅުންކަމުގައިވާނަމަ ދޭ ނަޞޭޙަތަކުން ކުރާނެ ފައިދާއެއް ނުވިސްނުމުންނެވެ.  

ނަޞީބަކުން އެކުވެރިޔާ ފިރިމީހާ ގާތު މާގިނަ ޝަކުވާތަކެއް ނުކުރިއެވެ. ހަމައެކަނިކުރިކަމަކީ ކާރުގެ ތަޅުދަނޑި ނުދިނުމެވެ. އެގޮތަށް ކަންތައް ކުރުމުން ބުޅާ ގޯނިން ބޭރުވެއްޖެކަން ވިސްނި އަމިއްލައަށް ކުށް ޤަބޫލުކޮށްފިއެވެ. އެކުވެރިޔާ ވަރިކޮށްފައި ހިނގައްޖެއެވެ.  

އަޅުގަނޑު ހިތަށް އަރައެވެ. އަނބިމީހާގެ ފުށުން އެހައިބޮޑު ތަނަވަސްކަމެއް ލިބުމުންވެސް އަނބިމީހާ އާއިއެކު ވަފާތެރިކަމުގައި ދިރިއުޅެން ނޭނގޭ ފިރިހެނުން، އެމީހުންގެ އަމިއްލަ ތަނަވަސްކަމުގައި އުޅޭނަމަ ހާދަހާ ކަންތަކެއް އަނބިމީހާއަށް ދައްކާނެތާއެވެ!  

ނިންމާލަމުން ބުނެލަން ބޭނުންވަނީ މިވާހަކަ ދެގޮތަށްވެސް ދެއްކިދާނެއެވެ. ފިރިމީހާގެ ކިބައިން ތަނަވަސްކަމާއި ހުރިހާ ކަމެއް ލިބުމުންވެސް ހިފިނުހުރެގެން އުޅޭ އަންހެނުންވެސް މަދެއް ނޫނެވެ. ފަޅާއަރައި ވަރިކުރީމާ ހިތާމަވެސް ކުރެއެވެ. ވީމާ ތާހިރު ދިރިއުޅުމަކަށް ނުވިސްނާނަމަ ލާފޭރާމުގެ ރީތިކަމުން ކުރާނީ ކޮންފައިދާއެއްތޯއެވެ؟  

 

– މުނާ / ކިޔުންތެރިއެއް

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *