މާލެ ޓެކްސީ ލައިންގެ މައުލޫމާތު ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

"މާލެ ޓެކްސީ ލައިން" ގެ އެޕްލިކޭޝަނަށް މައްސަލަ ދިމާވިގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީ އިން މިހެން ބުނީ ގްރޭޓަރ މާލެ ސަރަޙައްދުގައި ދެމުން އަންނަ "މާލެ ޓެކްސީ ލައިން" ގެ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނީ އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް، ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއްކަން އެތެރޭގެ ތަޙުޤީޤުން ކަށަވަރުވެފައިވާ ކަމަށެވެ.

އެމްޓީސީސީ އިން ބުނީ އެ މުވައްޒަފު މި އަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަޤްޞަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށާއި މި ބަދަލުތައް ކުންފުނީގެ އައިޓީ ނެޓްވޯކް ސެކިއުރިޓީ ޓީމުގެ ސަމާލުކަމަށް އައުމާއެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެވުނު ކަމަށެވެ. އަދި ކުންފުނީގެ ސާވަރާއި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 11:30 ހާއިރު ރައްކާތެރިކަމާއެކު ރީ-ސްޓޯކޮށް، މިހާރު ޚިދުމަތް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން، މިއީ އެޕްލިކޭޝަންގެ ފަޔަވޯލްއަށް ބޭރުން ހަމަލާއެއް ދީގެން ހިންގާފައިވާ ހެކް ކުރުމުގެ އަމަލެއް ނޫން ކަމަށާއި، މިހާރު ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ލިބޭނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

މި ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައި ކަމަށާއި ކުންފުނީގެ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ. މިފަދަ ކަންކަމުގެ މަޤްޞަދަކީ ކުންފުނިން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ އިތުބާރާއި ރީތި ނަން ކިލަނބުކުރުން ކަމަށް ދެކޭ ކަމަށާއި، ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްޤުތައް ހިމާޔަތްކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބަށް ޝުކުރު އަދާކުރަމުން އެމްޓީސީސީން ބުނީ، އެ ކުންފުނީގެ އަބަދުވެސް މަޤްޞަދަކީ ކަނޑައެޅިފައިވާ ހެޔޮ އަގުގައި ވީހާވެސް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *