ޕެންޝަން އޮފީހުގެ ސީއީއޯއަކަށް ޔަޒްމީދު މުހައްމަދު އައްޔަންކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން ( ޕެންޝަން އޮފީހު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަކަށް ޔަޒްމީދު މުހައްމަދު އައްޔަންކޮށްފި އެވެ.

ޔަޒްމީދު މި މަގާމަށް އައްޔަންކޮށްފައިވަނީ 5 އަހަރުގެ މުއްދަތަކަށެވެ.

ޔަޒްމީދު އެންމެ ފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް އަދި ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައިވާއިރު، އޭނާ ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ޕަބްލިކް އޮޑިޓިންގް އަދި ވިޔަފާރި މެނޭޖްމަންޓްގެ ދާއިރާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ އަގުހުރި ހިދުމަތްތަކެއް ކުރައްވާ ތަޖުރިބާ ހޯއްދަވާފަ އެވެ.

މީގެއިތުރުން ޔަޒްމީދު ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަން އަދާކުރެއްވި މުއްދަތުގައި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ކޮމިތީގެ މުގައްރިރުކަމާއި، ޖުޑީޝަލް އެކަޑަމީގެ އެގްވައިޒަރީ ބޯޑުގެ މެންބަރުކަން އަދި ފަނޑިޔާރުންގެ މަސައްކަތް އިވެލުއޭޓްކުރާ ކޮމިޓީގެ މެންބަރުންކަންވެސް ކުރައްވާފަ އެވެ.

ޔަޒްމީދު ވަނީ މީގެކުރިން 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރު އެންޓި- ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކޮމިޝަނަރުގެ ހައިސިއްޔަތުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި، މުއައްސަސާތަކުގެ ގާވަނަންސް ރިވިއުކުރުމުގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް ހިންގުނު މުހިންމު ހަރަކާތުގައި ލީޑްކުރައްވާފަ އެވެ.

މީގެއިތުރުން ޔަޒްމީދު އަކީ ކިޔެވުމުގެ ދާއިރާއިންވެސް ރަނގަޅު ނަތީޖާ ހޯދާފައިވާ ފަރާތެކެވެ. އެގޮތުން  އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކޮށްފައިވާ ސަޓިފައިޑް ޗާޓަޑް އެކައުންޓެންޓް އަދި އޯޕަން ޔުނިވާސިޓީ މެލޭޝިޔާއިން ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވުމުގެ އިތުރުން އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ފަސްޓް-ކްލާސް އޮނާސް ޑިގްރީ ހާސިލުކުރައްވާފައިވެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *