މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓުގެ މަސައްކަތް ފަށައިފި

ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ ގްރޭޓަރ މާލޭ ކަނެކްޓްޓިވިޓީ ބުރިޖު މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ ގްރޭޓަރ މާލޭ ކަނެކްޓްޓިވިޓީ ބުރިޖު، ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

ތިލަމާލޭ ބުރިޖަކީ ކުރީގެ ސަރުކާރުން ފެށި އަދި މިސަރުކާރުން ކުރިއަށްގެންދާ، މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ.ތިލަމާލެ ބުރިޖުގެ މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި، ވިލިމާލެއާއި މާލެ ގުޅުވާލަދޭ ފަހު ސެގްމަންޓު ގުޅާލުމުން ބުރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ފުރިހަމަވެގެންދާނެއެވެ. އެހެންކަމުން މިކަން ފާހަގަކުރުމަށް ބާއްވާ ޚާއްސަ ހަރަކާތް އޮންނާނެކަމަށް އެކުންފުނިން ބުނެއެވެ.ފަހު ސެގްމަންޓު ގުޅާލުމަށްފަހު ދެން ކުރިއަށްދާނީ ފިނިޝިންގގެ މަސައްކަތްތެކެވެ. މީގެ ތެރޭގައި ރައްކާތެރިކަމުގެ ރޭލިންގްސް ހަރުކުރުމާއި ލައިޓް ހަރުކުރުންފަދަ މަސައްކަތްތައް ހިމެނެއެވެ. ބުރިޖުގެ މައި އޮނިގަނޑު ގުޅާލެވުނު ނަމަވެސް، ބުރިޖު މަތިން އާންމުންނަށް ދަތުރުފަތުރު ކުރަން ފެށޭނީ ފިނިޝިން މަސައްކަތްތައް އެއްކޮށް ފުރިހަމަވުމުންނެވެ.

މި މަޝްރޫޢުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ. މި ރަށްތައް ހުރަސްކުރާނީ ހައިވޭތަކަކުންނެވެ. މި ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބުރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ބުނެއެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެއެވެ. އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ޚަރަދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *