ހުކުރު ދުވަހަކީ ފާފަ ފުއްސަވައި ދެއްވެވުމަށް އޮތް ޚަޒާނާއެކެވެ. އޮތީ ނަގަން ކެރުނު ވަރެކެވެ. އެމީހަކަށް ކެރި ކުޅަދާނަވީވަރަކުން ނަގައި ރައްކާކުރަންވީއެވެ.
ފުރަތަމަ ކަމަކީ ހުކުރު ވިލޭރެއިން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސުމާއި ދެމެދު ކަހްފި ސޫރަތް ކިޔެވުމެވެ. އެމީހަކަށް އެ ހަފްތާގައި ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އަދި އަނެއް ހުކުރާއި ހަމައަށް އެމީހާއަށް އަލިކަން ލިއްބައިދޭނެ ނޫރެއް ﷲ ތަޢާލާ ދެއްވަވާނެތެވެ. އަދި އެ ނޫރުގެ ސަބަބުން އެމީހަކަށް ޤިޔާމަތް ދުވަހު ވެސް އަލިކަން ލިބޭނެތެވެ.
ދުޢާ އިޖާބަ ކުރައްވަވާ ވަގުތުކޮޅެއް ހުކުރު ދުވަހު ވެއެވެ. ނުއެނގެނީ އެއީ ކޮން ވަގުތުކޮޅެއް ކަމެވެ. ނަމަވެސް މަސައްކަތްކޮށްގެން އެ ވަގުތުކޮޅު ލިބިގެންފި މީހަކު އެދުނު ކަމެއް އެމީހަކަށް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ.
ހުކުރު ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ކުރެއްވެވި ދުވަހެވެ. ވީމާ ހަމައެކަނި ކަހްފި ސޫރަތް ކިޔެވުމުން ފުއްދައި ނުލާށެވެ! ކީރިތި ޤުރްއާން ކިޔެވުން ގިނަކުރާށެވެ. ޞަދަޤާތްކުރުން ގިނަކުރާށެވެ! ވީހައި ގިން ހެޔޮ އަމަލުތައް ކުރަން މަސައްކަތްކުރާށެވެ!
ހުކުރު ދުވަހު ކުރަން އެންމެ ފައިދާހުރި އެއް ކަމަކީ ރަސޫލް (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުމެވެ. ވީމާ ކަންކަން ކުރުމުގައި ވަގުތު ހޭދަކުރި ނަމަވެސް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ކިތަންމެ ކުރު ޞަލަވާތެއް ނަމަވެސް ކިޔެވުންމަތީގައި ދެމިހުންނާށެވެ!
ހުކުރު ދުވަހަކީ ފާފަތައް ފުއްސަވައި ދެއްވެވުމަށް އޮތް ޚަޒާނާއެކެވެ. އޮތީ އެމީހަކަށް ހަމަ ނަގަން ކެރުނު މިންވަރެކެވެ. މިވެނި އަޅުކަމެއް، ހެޔޮ އަމަލެއް ދެން އަންނަ ހުކުރު ދުވަހަކު ކުރަން މަޑުނުކުރާށެވެ! އަންނަ ހުކުރު ދުވަސް ތިމާ އާއި ބައްދަލުކޮށްފާނެ ކަމުގެ ޔަޤީންކަން އޮތް ހަމައެކަކުވެސް ނުހުންނާނެއެވެ. ބުއްދިވެރިންނަކީ ޢާޚިރަތަށްޓަކައި ލިބިގަނެވެން އޮތް ހެޔޮ ކަމެއް ވީހައި އަވަހަކަށް ލިބިގަންނަ މީހުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
