އަހަރެމެންނަކީ ޒަމާނުއްސުރެން މާތް اللهގެ ދީން ޤަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބަޔަކީމުއެވެ. އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ޞުލްޙަވެރިކަމާއި އަޚުވަންތަކަމާއެކުގައެވެ. ނަމަވެސް ފަހުގެ ތާރީޚުގައި އަހަރެމެންގެ މުޖުތަމަޢަށް އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެއާމެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރު ކުރާންޖެހިފައިވާ ކަމެކެވެ.
މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ ބައިމީހުންނަށް ނުކިޔަމަންތެރިވުމެވެ. އަދި އެ މީހުން މުސްކުޅިވާ ދުވަހު އެ މީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުމެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް الله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެކެވެ. ވަޞިއްޔަތް ކުރައްވައިފައިވަނީ އެ ކަމުގެ މަތިވެރިކަމުންނެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށްހިތުމަށް) ތިމަންރަސްކަލާނގެ وصيةކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތިކަމާ އެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުން ވަނީ، ދެ އަހަރުގައެވެ. (ތިމަންރަސްކަލާނގެ أمرކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ! އެނބުރި رجوعވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟުރަތަށެވެ."
ކީރިތި ޤުރްއާނުގައި އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައި ވެއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެކެވެ. ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެއެވެ. މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެކެވެ. މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވަތެވެ. މިކަން މިހެން އޮތް ހިނދު، މިކަން ހަނދާންނައްތައިލައި، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅައިނުލައި، ދޫކޮށްލައިފައިވަނީ ކިތައް މީހުންހެއްޔެވެ؟ ހޮސްޕިޓަލުތަކުގައްޔާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ޙާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ އިންސާނާއެވެ! މަރުގެ ސަކަރާތުގެ ތެރެއަށް ތިބާ ވެއްޓޭ ހިނދު، ތިބާއަށް ސަލާމަތްވެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.
ތިބާ ކުޑަކުޑައިރު، ނިދިނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވާށެވެ! މި އަދު އެ ދެ މީހުން އެ ވަނީ މުސްކުޅިވެ ގައި ބާރު ދެރަވެފައެވެ. ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައެވެ.
މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މިސްކިތުގެ ޙުރުމަތް ކަނޑައިލުން ހިމެނެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ކަންކަން ހުންނަގޮތަކީ، ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު އެއްޗެހިގޮވުމާއި، ޒުވާބުކުރުމާއި، މީސްތަކުންގެ އަބުރާބެހުމާއި، ދޮގުވާހަކަތައް ފެތުރުމާއި، މި ފަދަ ކަންކަންކުރުމެވެ.
މިފަދަ މީހުންނަށް، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ފަހެ ކޮބައިހެއްޔެވެ؟ ނަމާދުކުރުމުން ލިބުނު މަތިވެރި ޘަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށްދަނީއެވެ. މި ކަންކަމާ މެދު ވިސްނައިލާކަށް ނުވޭހެއްޔެވެ؟ މި ފަދަ ކަންކަންކުރާ މީހުން ޙައްޤުގެ މަގަށް އެނބުރި އަންނާށެވެ! ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަމާއެވެ! މުސްލިމުން އެއްބަޔަކު އަނެއްބަޔަކާމެދު ޢަމަލު ބަހައްޓަންވީ ގޮތް ބަޔާންކުރައްވައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިނާންނާށެވެ!
އެކަކު އަނެކަކަށް ފުރަގަސްނުދޭށެވެ! اللهގެ އަޅުންގެ ގޮތުގައި، އަޚުންތަކެއްކަމުގައި ތިޔަބައިމީހުން ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ! ފަހެ، އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ، އޭނާގެ އަޚާއަށް ނަޞްރުވެރިވެ އަޅާނުލައި ދޫކޮށެއް ވެސް ނުލާނެއެވެ. އޭނާ، އޭނާގެ އަޚާ ނިކަމެއްޗެއް ވެސް ނުކުރާނެއެވެ. އެއް މުސްލިމެއްގެ ލެއާއި (އެބަހީ: ފުރާނައާއި) މުދަލާއި އަބުރު، އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވެއެވެ."[1]
ވިޔަފާރީގައި ތެދުވެރިވުމަކީ އަޅުކަމެކެވެ. މާތް الله އޭގެ ދަރުމަ ބޮޑުކުރައްވައިފައިވާ ކަމެކެވެ. ވިޔަފާރީގައި މަކަރުހެދުމަކީ މާތް الله ލަޢުނަތް ލައްވައިފައިވާ އެކަމުގެ ޢަޛާބު ބޮޑު ކަމެކެވެ. ވިޔަފާރި މުދަލުން ޒަކާތްދިނުމަކީ މުދަލުގައި ބަރަކާތްލައްވާ ކަމެކެވެ. ނަމަވެސް، މި ކަންކަން ހަނދުމަނައްތާލައި، ވިޔަފާރީގައި މަކަރާއި ޙީލަތްހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ޚަޒާނާކޮށް، މުންކަރާތްތަކާއި، ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން ނިކުންނަ ނަތީޖާއަކީ، އޭގައި މާތް الله ބަރަކާތްނުލެއްވުމެވެ. ނަމަވެސް މާތް الله ރުހިވޮޑިގެންވާ މަގުން މުދާ ހޭދަކޮށް، އެއާ މެދު އަމާނާތްތެރިވުމުން މާތް الله އޭގައި ބަރަކާތްލައްވައި، އިންސާނާގެ ދަރިފަސްކޮޅަށް އެ މުދާ ވާރުތަކުރައްވައެވެ. މި ކަންކަމަކީ ކީރިތި ޤުރްއާނުން އެނގޭން އޮތް ކަންކަމެވެ. ވީމާ މިކަންކަމާ މެދު ފިކުރުހިންގައި ޢަމަލުތައް ސީދާކުރާށެވެ!
- މިއަދުގެ ހުކުރު ޚުޠުބާއިން
