ތިލަމާލެ ބުރިޖުން ރައީސް ފައިމަގުގައި ވިލިމާލެއަށް

މާލެއާއި ވިލިމާލެ ގުޅުވާލަދޭ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބުރިޖުމަތިން ފައިމަގުގައި ވިލިމާލެއަށް ވަޑައިގެންފިއެވެ.

ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދިނުމަށްޓަކައި އިންސްޓޯލްކުރަންޖެހޭ އެންމެ ފަހު ސެގްމަންޓު ގުޅާލައި، އެ ދެ ރަށުގެ ދެމެދުގައިވާ ބުރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް، ކޮންޓްރެކްޓަރު އެފްކޮންސް އިން ފުރިހަމަކޮށްފައިވަނީ މިމަހުގެ 22 ގައެވެ.

މިއީ މާލެއާއި ވިލިމާލެއާ ދެމެދު ބުރިޖުގެ ސުޕާސްޓްރަކްޗަރު އެކީ ގުޅުވާލުމަށްފަހު، އެއްގަމުމަގުން ދެ ރަށް ގުޅިގެން ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މާލޭގެ ސައިޓުން ފެއްޓެވި މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޝްރޫއުގެ ފަންނީ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ފަހުގެ މައުލޫމާތު ރައީސް ހޯއްދަވައި، މަސައްކަތް އަވަސްކުރުމަށް ދެއްވަންޖެހޭ އިރުޝާދުތައް އެ މަނިކުފާނު ދެއްވިއެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރީ ސަރުކާރުން ފެށި ތިލަމާލެ ބުރިޖު މަޝްރޫއަކީ، އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން މާލެ ސަރަހައްދުގައި މިވަގުތު ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަސައްކަތެވެ.

މީޑިއާތަކަށް ދެއްވި މި ބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ)ގެ ދަށުން މާލެއާ ވިލިމާލެއާއި ގުޅިފަޅުގެ އިތުރުން ތިލަފުށި ގުޅުވާލައި އަޅަމުންދާ ބުރިޖު މަޝްރޫޢުގެ މި މަސައްކަތަށް އިންޑިއާ ސަރުކާރުން، ޚާއްޞަގޮތެއްގައި އެޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ނަރެންދްރަ މޯދީ ދެއްވާ ޚާއްޞަ އިސްކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން އެޤައުމުގެ ސަރުކާރަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ. މި ޚާއްޞަ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ދެރަށް ގުޅާލެވިފައިމިވަނީ މި މަޝްރޫޢުގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ދެޤައުމުގެ އެކި ފަންތީގެ ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައި، މި އެންމެހާ ފަރާތްތަކަށްވެސް ޙައްޤު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މަސައްކަތް މިދާގޮތަށްގެންގޮސް، އިރާދަކުރެއްވިއްޔާ ގިނަވެގެން އަހަރެއްހާ ދުވަހުގެތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެ ނިމުން ވެގެންދާނީ، މުޅި މި ގްރޭޓާ މާލެ ސަރަޙައްދުގެ ތަރައްޤީއަށް، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިކަހަލަ މުހިންމު ހުރިހާ މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމުމަށް ސަރުކާރުން ދެއްވާ އިސްކަން މި މަޝްރޫޢުގެ މަސައްކަތުން ދޭހަވާކަން ފާހަގަކުރެއްވިއެވެ. މިސަރުކާރު ފެށިގެން އައިއިރުގައި ބޮޑެތި ބައެއް މަޝްރޫޢުތައް އެހާ ބާރު ސްޕީޑުގައި ނުގޮސް އެކި ކަހަލަ މައްސަލަތައް ހުރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު މިފަދަ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ދެއްވަމުންގެންދަވާ ޚާއްޞަ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު މިވީ ކުރު މުއްދަތުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި ހަނިމާދޫ އެއަރޕޯޓުގެ އިތުރުންވެސް ނުނިމިހުރި މުހިންމު މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިލަމާލެ ބުރިޖަކީ މިފަދަ މުހިންމު މަޝްރޫޢެއް ކަމަށާއި ކުރިއަށްއޮތްތަނުގައިވެސް އިރާދަކުރެއްވިއްޔާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއްދެއްވައިގެން ނިންމަން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާއާ ރާއްޖެއާ ދެމެދުގައި މިއޮތް ގާތްގުޅުން ރަމްޒުކޮށްދޭ މިކަހަލަ މުހިންމު މަޝްރޫޢުތަކަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދެއްވާނެ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މިފަދަ މަޝްރޫޢުތަކުގެ މަސައްކަތްތައް، ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުން ވަރުގަދަވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވި މި ހިނގާލުމުގައި ބައިވެރިވެވަޑައިގެން އިންޑިއާ ސަފީރުވެސް ވަނީ މީޑިއާތަކަށް ބަސްދީގަތުމެއް ދެއްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި ބުރިޖު މަޝްރޫޢަކީ އިންޑިއާއިން އެޤައުމުގެ ބޯޑަރުން ބޭރުގައި ހިންގާ މިފަދަ ޢުމުރާނީ ތަރައްޤީގެ ބިޔަބޮޑު އެންމެ ފުރިހަމަ އެއް މަޝްރޫޢުކަމަށާއި މި މަޝްރޫޢު ރާއްޖޭގައި ހިންގޭކަމީ އަދި މި މަޝްރޫޢު ފުރިހަމަވެގެން އަންނަތަން ދުށުމަކީ، އެކަމަށްޓަކައި އުފާ ކުރައްވާ ކަމެއްކަން ހާމަކުރެއްވިއެވެ. އަދި މި މަޝްރޫޢު ނިމިގެންދިއުމަކީ އެކަމުން ދިވެހިރާއްޖެއަށާއި ރާއްޖޭގެ އުޚުއްވަތްތެރި ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ރައުސުލްމާލަކަށް ވެގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ހިނގާލުން ކުރިއަށްގެންގޮސް ވިލިމާލެއަށް ނިންމާލުމުން ވިލިމާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވިއެވެ. މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *