ރާއްޖޭގައި ހިންގާ ރިސޯޓުތަކަކީ ދިވެހި ދައުލަތުގެ ތަކެތި ކަމަށާއި، ޓޫރިޒަމް ވިޔަފާރިން ލިބޭ މުއްސަނދިންކަން ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބޭރު ފައިސާއާ ބެހޭ ބިލު ތަސްދީގުކުރުމުގެ ރަސްމިއްޔާތައްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރިސޯޓަކަށް 40 ޕަސަންޓް ޑޮލަރު މާރުނުކުރެވި ނުހުންނާނެ ކަމަށެވެ.
ބައެއް ވިޔަފާރިވެރިން، ދައްކަންޖެހޭ 40 ޕަސަންޓް ކުޑަކުރުމަށް އާމްދަނީ ކުޑަކަމަށް ދައްކައި ހިސާބުތައް ހަދައި ފޮނުވާނެކަމަށް ބުނެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ހިސާބު އޮޅުވާލުމުގެ ފުރުސަތު ނުލިބޭ ވަރަށް، ސަރުކާރަށް ބޭނުންވާ މައުލޫމާތު ލިބޭ ނިޒާމެއް ގާއިމުކުރާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުން ޓްރެކްކުރެވޭ ނިޒާމެއްވެސް ތައާރަފު ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ޓޫރިޒަމް ވިޔަފާރިން ވަކި ބަޔަކު މުއްސަނދިވެ، ދެން ތިބި ރައްޔިތުން ތަކުލީފުގައި ދިރިއުޅެން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ޑޮލަރު ދައުލަތަށް މާރުކުރުމުގެ ބަދަލުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށާއި، ބްލެކް މާކެޓްގައި ޑޮލަރުގެ އަގު ބޮޑުކުރާނެކަމަށް ބައެއް ވިޔަފާރިވެރިން ސަރުކާރަށް ބިރު ދައްކާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
