ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ދިިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ހާއްސަ ސޭފްޓީ ސާވޭއެއް ފަށައިފިއެވެ.
އެފްޑީސީން މީޑިއާތަކާ ހިއްސާކުރި މައުލުމާތުގައި ބުނީ، މި ސާވޭގެ މައިގަނޑު މަގްސަދަކީ ފަހި ޓަވަރުތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭ ޔުނިޓުތައް ދެނެގަނެ، އެ ފަރަތްތަކަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކުރުން ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވަނީ ބައެއް ފްލެޓްތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އަދި، ރައްޔިތުންނާ މަޝްވަރާކޮށް އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ހިޔާލުބަދަލުކޮށް މަޝްވަރާކުރައްވާފައިވެއެވެ.
އެފްޑީސީން ބުނީ، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ސެޝަނެއް ކުރިއަށްގެންދަން ނިންމީ، އެފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. އަދި، ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެނަމަ ރައްކާތެރިކަމާއެކު އަމަލުކުރާނެ ގޮތްތަކުގެ މައުލޫމާތާއި އިރުޝާދުތައް ވެސް މި ސެޝަންގެ ތެރެއިން ފޯރުކޮށްދޭވެނެކަމަށް އެފްޑީސީން ބުނެފައިވެއެވެ.
ފަހި ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ހާއްސަ ސާވޭއެއް ފަށާފައިވާއިރު، އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށް އެފްޑީސީން އަބަދުވެސް އިސްކަންދޭނެކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
