މިއީ ކީރިތި ޤުރުއާންގެ މައްސަރެވެ. އެ މަހެއްގައި ޤުރުއާން ބާވާލެއްވި މަތިވެރި ރަމަޟާންމަހެވެ. ޤުރުއާން ކިޔަވައި އެއިން ޘަވާބާއި ދަރުމަހޯދުމަށް ހިތްވަރާއެކު މަސައްކަތްކުރަންވީ ދުވަސްވަރެވެ. ކީރިތި ޤުރުއާންގެ އާޔަތްތަކާމެދު ވިސްނާ ފިކުރުކޮށްލުމުން އަޅުގަނޑުމެންނަށް ހާމަވެގެންދަނީ އެ ފޮތުގެ މަތިވެރިކަމާއި މާތްކަމެވެ. އޭގައި ފޮރުވިފައިވާ ޢިލްމީ ޙަޤީޤަތްތަކާއި، އަޖައިބުން ފުރިގެންވާ ވާހަކަތަކެވެ. އިންސާނުންގެ ވިސްނުމާއި ފިކުރުން މިއަދާ ހަމައަށް ހޯދިފައިނުވާ ޢިލްމީ އެތައް ޙަޤީޤަތްތަކެއް އެފޮތުގައި ވަނީ ބަޔާންކޮށްދީ އަންގަވައި ދެއްވާފައެވެ.
މި މަތިވެރި މައްސަރުގައި ރޯދައިގެ އަޅުކަން ފުރިހަމަކުރަމުންދާ ހިނދު، މި އަޅުކަމުން ލިބޭ ޘަވާބާއި މަތިވެރި ދަރުމަ މާތްﷲ ވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި އަޅުގަނޑުމެންގެ ނަބިއްޔާ صـلّى الله علـيـه وسـلّم ގެ ހަދީޘް ބަސްފުޅުތަކުންވެސް އެކަންވަނީ އިތުރަށް އޮޅުންފިލުވައިދެއްވާފައެވެ.
سورة البقرة 183ވަނަ އާޔަތައި 184 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ، أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ މާނައީ " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ."
މި އާޔަތުގެ ޢިލްމީ ޙަޤީޤަތާމެދު ތިބާ ފިކުރުކޮށްލަ ބަލާށެވެ. ރޯދައަކީ ހެޔޮކަންބޮޑުވެގެންވާ އަޅުކަމެކޭ އޮތުމުން އެއިން ވަރަށް ގިނަ ފިލާވަޅުތަކެއް އެބަ ލިއްބައިދެއެވެ. އޭގެ ސަބަބުން ރޫޙާނީގޮތުންނާއި މާއްދީގޮތުންވެސް އެތައް ފައިދާތަކެއް އިންސާނުންނަށް ލިބިގެންދާކަން އެބަހާމަކޮށްދެއެވެ. އަހަރަކު އެއްފަހަރު ފުރިހަމަކުރުމަށް އަމުރުކުރައްވާފައިވާ ރޯދައިގެ އަޅުކަމުން އިންސާނާގެ ޞިއްޙަތަށް ބަޔާންކުރަން ނޭނގޭފަދަ ފައިދާތަކާއި މަންފާތައް ކުރެއެވެ. ޢިލްމީ ދިރާސާތައްކޮށް، ހޯދި މިންވަރަކަށް ހާމަވެގެން ގޮސްފައިވަނީ މި ޙަޤީޤަތެވެ.
ރޯދާއަކީ އޭގައި ވަރަށް ގިނަ ފައިދާއާ މަންފާ އެކުލެވިގެންވާ އަޅުކަމެކެވެ. ދިރާސާކޮށް ހޯދާބެލި މިންވަރަކުން އެކަން ދަނީ ހާމަވެ ފެންނަމުންނެވެ. ދިރާސާތަކުން ހާމަވާގޮތުގައި ކެލޮރީ މަދުން ހިމެނޭ ކާނާގެ ބާވަތްތައް ބޭނުންކުރުމުން މީހާގެ އުމުރު ދިގުކޮށްދެއެވެ. ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް މަގުފަހިކޮށްދެއެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ދުވަހެއްގެ ކެއުމުގައި ކެލޮރީ ބޭނުންކުރާމިންވަރު މަދުކޮށްލުމުން، ޙަޖަމުކުރުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބަނޑުގައި ހުންނަ ސްޓެމް ސެލްތައް އިތުރުވުން ހަލުވިކޮށްދެއެވެ. ގޮހޮރާއި ގުޅިފައިވާ ސްޓެމް ސެލްތަކަކީ ބަލިތަކުން ސަލާމަތްވުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އުމުރުން ދުވަސްވުމުން މި ސެލްތައް އިތުރުވުން މަޑުޖެހެއެވެ. އެހެންނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި ރޯދައަށްހުރުމުން ގޮހޮރުގައި ހުންނަ ސްޓެމް ސެލްތަކުން ޙަޖަމުކުރުމަށް އަންނަ ބަދަލުގެ ސަބަބުން ކާބޯހައިޑްރޭޓްސްގެ ބަދަލުގައި ހަށިގަނޑުގައި ހުންނަ ސަރުބީ، ހަކަތައިގެ ގޮތުގައި ބޭނުން ހިފަން ފަށައެވެ. ނަތީޖާއަކަށްވެގެންދަނީ ސެލްތަކުގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެ ހަލުއިވެގެންދިއުމެވެ.
ރޯދަހިފުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމެކެވެ. ބަލިތަކުން ދުރުހެލިވެ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ބާރުލިބޭ އަޅުކަމެކެވެ. އިންސާނާގެ ހެދިބޮޑުވުމަށްޓަކައި ހަށިގަނޑުން އުފައްދާ މާއްދާއެއްކަމަށްވާ އެޗްޖީއެޗް ނުވަތަ ހިއުމަން ގްރޯތު ހޯމޯން ރޯދައިގެ ސަބަބުން ހަށިގަނޑުގައި އުފައްދާ މިންވަރު މަތިވެއެވެ. ބޭސްވެރިކަމުގައި މި ހޯމޯންގެ ނަމަކީ ސޯމާޓޮޓްރޮޕިންއެވެ. މި ހޯމޯނަކީ ކުޑަކުދިން ހެދިބޮޑުވުމާއި، އަތްފަޔާއި އިސްކޮޅު ދިގުވުން ކަހަލަ ކަންކަމުގެ ފަހަތުގައި ވާ މާއްދާއެވެ. މި ދެންނެވި ހޯމޯނަށް އަންނަ ބަދަލުތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއަކުން އެނގުނުގޮތުގައި، ރޯދައަށްހުރުމުގެ ސަބަބުން އިންސާނާ ހެދިބޮޑުވުމަށް އެހީވެދޭ ހޯމޯން ހަށިގަނޑުގައި އިތުރުވެއެވެ. ނެދަލެންޑްސްގެ ލެއިޑެން ޔުނިވަރސިޓީ މެޑިކަލް ސެންޓަރުގައި މަސައްކަތްކުރާ ފަރާތެއްކަމަށްވާ މެޑެލޯން ބުޔީސް ބުނެފައިވާގޮތުގައި ރޯދަ ހިފަން ފަށާތާ 13 ގަޑިއިރު ތެރޭގައި ސިކުނޑީގެ ޕިޓިއުޓެރީ ގްލޭންޑް ނުވަތަ ހަށިގަނޑުގެ ހޯމޯންތައް ކޮންޓްރޯލްކުރާ މައި މަރުކަޒުން ހެދިބޮޑުވުމަށް ބޭނުންވާ ހޯމޯން ހަށިގަނޑަށް ދޫކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ. ރޯދައަށް ހުންނަ ވަގުތުތަކުގައި މި ހޯމޯންގެ މަރުކަޒުން ހަށިގަނޑުގެ ތެރެއަށް މި ހޯމޯންދޫކުރަނީ ކުއްލިކުއްލިއަށް ވަރަށް ގިނައިންނެވެ.
سورة البقرة ގެ 184 ވަނަ އާޔަތުގައި ބަޔާންކުރައްވާފަދައިން "އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ." ބަޔާންކޮށްދީފައި އެވަނީ ރޫޙާނީގޮތުން ލިއްބައިދޭ ފައިދާތަކުގެ އިތުރުން މިފަދަ އެތައް މާއްދީ ފައިދާތަކެއްވެސް މި އަޅުކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިގެންދާތީއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ގަވައިދުން ރޯދަ ހިފުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ކޮލެސްޓްރޯލްގެ މިންވަރު އެއްހަމައެއްގައި ހިފަހައްޓައިދޭ ކަމެކެވެ. ލޭގެ ޕްރެޝަރު އަދި ހަކުރުގެ މިންގަނޑުތައް އެންމެ އެދެވޭ މިންވަރުގައި ހިފަހައްޓަން ބާރުއަޅައިދޭ ކަމެކެވެ. ހެދިބޮޑުވުމާއި ބަނޑުގެ މައްސަލަތައް ހައްލުކޮށްދޭ އަޅުކަމެކެވެ. އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ނިކަމެތިކަން، އުމުރާ ގުޅޭމިންވަރަށް ދުޅަހެޔޮކަންމަތީ ދަހަމައްޓައިދިނުމަށް އެހީވެދޭ އަޅުކަމެވެ.
