ހަމަކަށަވަރުން الله سُبْحَانَهُ وَتَعَالَى އިންސާނުންނަށް ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި މުދަލުގެ ނިޢުމަތް ހިމެނެވެ. އެއީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ އެންމެހައި ޙާޖަތްތައްފުއްދުމަށް ލައްވައިފައިވާ ވަސީލަތެކެވެ. ހަމަ އެއާ އެކު، މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ. ފަހެ ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން މީސްތަކުންނާ الله سُبْحَانَهُ وَتَعَالَى ސުވާލުކުރައްވާނެ ކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ.
ހަމަކަށަވަރުން މުދަލުން ހޭދަކުރުމުގައި އިޤުތިޞާދުކުރުމަކީ މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގެވެ. މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި، ދަހިވެތިނުވުން ހިމެނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި އެއުރެންނީ، އެއުރެން ހޭދައެއްކޮށްފި ނަމަ އިސްރާފުނުކުރާ، އަދި މުށްބާރު ވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ." ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެކެވެ. އެއާ ޚިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެކެވެ. މުސްތަޤުބަލަށް ޓަކައި މުދާ ރައްކާކުރުމަކީ ވެސް މުހިންމުކަމެކެވެ. އެހެނީ އިންސާނާގެ ޙަޔާތުގައި ތަފާތު އެކި ޙާލަތްތަކާ ކުރިމަތިލާން ޖެހެއެވެ. ބަލިވުމާއި، އަތްމަތި ދަތިވުމާއި، ކުއްލިއަކަށް ދިމާވާ ބޮޑެތި ކަންކަމެވެ. ފަހަށް ރައްކާކުރުމަކީ މި ގޮތުން ދިމާވާ ކަންކަމާ ކުރިމަތިލުމަށް ލިބޭ ބާރެކެވެ. އަތްމަތި ދަތިވެ ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ.
މުދަލާ މެދު އަހަރެމެން ފިކުރުހިންގާ އިރު ވިސްނާން ޖެހޭ އަނެއް ކަމަކީ، ބޭނުމެއް ނެތި ނުވަތަ ދަރަނި އަދާކުރެވޭނޭ ގޮތެއް ވެސް ނެތި ދަރަނި ނެގުމުގައި ޙައްދުފަހަނަޅައި ދިޔުމުގެ މައްސަލައެވެ. ދަރަނީގެ މުޢާމަލާތަކީ އެ ކަމާ މެދު އަހަރެމެން ސަމާލުވާން ޖެހޭ ކަމެކެވެ. އެހެނީ ދަރަނީން ރައްކާތެރިވުމަށް އެދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދުޢާކުރައްވައިފައެވެ. އަދި ދަރަނި އަދާކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ) މާނައީ: "މުއުމިނު އަޅާގެ ދަރަނި އަދާކުރެވިއްޖައުމަށްދާންދެން، ވަކިގޮތެއް ނުނިމި އޭނާގެ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވެއެވެ." ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެކެވެ. ދަރަނިދޭ މީހާގެ ޙައްޤެކެވެ. އެހެންކަމުން ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމައެވެ. އަދި މި ފަދައިން ދަރަންޏެއްނަގާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާށެވެ! އެހެނީ ރިބާގެ މުޢާމަލާތްތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން جَابِرُ رَضِيَ اللهُ عَنْهُ ރިވާކުރައްވައިފައި ވެއެވެ. (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوْكِلَهُ، وَشَاهِدَهُ وَكَاتِبَهُ) މާނައީ: "ރިބާ ކާ މީހާއަށާއި، ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއަށާއި، އެ މުޢާމަލާތުގައި ހެކިވެރިވާ މީހާއަށާއި، އެ މުޢާމަލާތްތައް ލިޔާ މީހާއަށް، رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ލަޢުނަތްލެއްވިއެވެ."
މުދަލުގެ މުޢާމަލާތްތަކާއި އެހެނިހެން ކަންކަމަށް ވެވޭ އެއްބަސްވުންތަކަށް އިޙުތިރާމްކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަޚުލާޤެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ޢަޤުދުތައް ފުއްދާށެވެ!" މީސްތަކުންގެ މެދުގައި ވެވޭ މާލީ އެއްބަސްވުންތަކަށް އިޙުތިރާމުކުރުމާއި އެ އަށް ތަބާވުމަކީ ވާޖިބުކަމެކެވެ. އެއީ ދަރަންޏާއި ގަނެވިއްކުމާއި، ކުއްޔަށްދިނުމާއި، އެއްމެދު އެއްބަސްވުންތައްކަމުގައި ވިޔަސް މެއެވެ. އެހެނީ އެ ފަދަ އެއްބަސްވުންތަކަށް ވަފާތެރިވުމަކީ މުއުމިނުންގެ މަތިވެރި ސިފައެކެވެ.
މުދާ ހޭދަކުރާން ޖެހޭ މުހިންމު އެއް ދާއިރާއަކީ ތިމާ ބަލަހައްޓާން ޖެހޭ ފަރާތްތަކެވެ. އެހެނީ އަނބިދަރީންނަށް ކޮންމެހެން ކުރާން ޖެހޭ ހޭދައަކީ ތިމާގެ މުދަލުގައި ލައްވައިފައިވާ އެ ބައިމީހުންގެ ޙައްޤެކެވެ. އަބުރުވެރިކަމާ އެކު ތިމާގެ އަނބިދަރީންނަށް އުޅެވޭނޭ މިންވަރަށް ތިމާގެ ފެންވަރުގައި ޚަރަދުބަރަދުދޭން ޖެހޭނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (كَفَى بِالْمَرْءِ إِثْـمًا أَنْ يَـحْبِسَ عَمَّنْ يـَمْلِكُ قُوْتَهُ) މާނައީ: "އެ މީހަކު ޚަރަދުދީ ބަލަހައްޓާން ޖެހޭ މީހުންނަށްދޭން ޖެހޭ ކާބޯތަކެތި ނުދީ ހިފެހެއްޓުން، އެ މީހަކަށް ފާފައަކަށް ފުދެއެވެ."
ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެކެވެ. މުދާ ހޭދަކުރުމުގައި ޢަދުލުވެރިވުމާއި، ދަރަނީން ރައްކާތެރިވުމާއި، ފަހަށް ރައްކާކުރުމާއި، މުދަލުގައި ހިމެނޭ ހައްޤުތަކާ މެދު ޢާއިލާގެ މެމްބަރުންނަށް ނަސޭހަތްތެރިވާންވާނެއެވެ. މާލީގޮތުން ހަރުދަނާ މުޖުތަމަޢެއް ބިނާވުމުން އަމާނާތްތެރިކަމާއި، ތެދުވެރިކަމާ އެކު ޒިންމާދާރުވާނެ މުޖުތަމަޢެއް ބިނާވާނެއެވެ.
ހަރުދަނާކަމާ އެކު މާލީ މުޢާމަލާތްތައްކުރުމަކީ ތިމާގެ ޙިކުމަތްތެރިކަމުގެ ޢަލާމާތެކެވެ. އަދި އެއީ ޢާއިލާއާއި މުޖުތަމަޢު ހަރުދަނާވުމުގެ ސަބަބެކެވެ. ފަހެ އަހަރެމެންގެ މާލީ އެންމެހައި ކަންކަމަކީ ﷲގެ ޙަޟުރަތާ ކުއްތަންވުމުގެ ތެރޭގައި ހިމެނޭ ކަންކަމަށް ހަދާންޖެހެއެވެ. ޢަދުލުވެރިކަމާ އެކު ހޭދަކުރުމާއި، އިސްރާފުނުކުރުމާއި ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވާން ޖެހެއެވެ.
މާލީ މުޢާމަލާތްތައްކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެކެވެ. ގަނެވިއްކުމުގައި މުއުމިނު އަޅާ ތެދުވެރިވާނެއެވެ. މުޢާމަލާތްތަކުގައި އަމާނާތްތެރިވާނެއެވެ. ދަރަނި އަދާކުރުމުގައި ފަރުވާތެރިވާނެއެވެ. މީސްތަކުންގެ ޙައްޤުތަކާ މެދު ރައްކާތެރިވާނެއެވެ. ނަބިއްޔާ "އެ މީހަކު ޚަރަދުދީ ބަލަހައްޓާން ޖެހޭ މީހުންނަށްދޭން ޖެހޭ ކާބޯތަކެތި ނުދީ ހިފެހެއްޓުން، އެ މީހަކަށް ފާފައަކަށް ފުދެއެވެ." ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلتَّاجِرُ الصَّدُوْقُ الْأَمِيْنُ مَعَ النَّبِيِّيْنَ وَالصِّدِّيْقِيْنَ وَالشُّهَدَاءِ) މާނައީ: "ތެދުވެރި އަމާނާތްތެރި މުސްލިމު ވިޔަފާރިވެރިޔާ ޤިޔާމަތްދުވަހު ވާހުށީ ނަބިއްޔުންނާއި ޞިއްދީޤުންނާއި ޝަހީދުންނާ އެކުގައެވެ."
- މިއަދުގެ ހުކުރު ޚުޠުުބާއިން
