ވާހަކަ: ތުއްތު ހައްވަ (ފުރަތަމަ ބައި)

މާދުރުން ފުންމަމުން ދާ ރިހިކުލައިގެ ކޮރަކަލި ބައިގަނޑުން ވިދަމުންދާ ރިހިކުލަޔާއި ކުޑަ ދޮށްޓެއް ހިފައިގެން މަސްބާނަން ހުރި ކުޑައިބުރާހިމްބެގެ ކުޑަކުޑަ އަލީ ގެ ހުނަރުވެރިކަމުގެ ހަރަކާތްތައް ބަލާ މީހަކު އާޝޯހު ވާވަރުވެއެވެ.  އިރުވައިމޫސުމުގެ ފިނިފިނި ރޯޅިން ގަސްތަކުގައި ބީހެމުން ނަށަމުން ދާއިރު މާދުރަށް ލެނބިފައި އޮތް ކުރެދި ގަސްތައް ވަށައިގެން އެނބުރެމުންދާ މާބުރުގެ ބޫން އަޑާއި ސިކުނޑިން އަރަމުންދާ އުދާހުން މި ރީތި ޖައްވުގެ ފުރިހަމަކަމުން ހަށިގަނޑަށް އުފަލެއް ނުދިނެވެ. ތުއްތުހައްވަ ކޮންމެ ދުވަހަކު މިހިނގުން ހިނގަމުން އަތިރިމަތީގައި އެނބުރެމުން ދަނީ ހިތަށް ކުރާ ތުރާތަކުންނެވެ. ހަނދާނުގެ ފަތްފުތްތަކުން ލިބުނު އުފަލަށް ވޭނުގެ ގިނިން އަނދަން ޖެހުނު ކޯޅުންތަކަށެވެ.

"އާއޮޑި ބާލާ މަންޒަރު ބަލަން އަހަރެންނަށް ނުދެވެންވީ ކީއްވެ؟" ތުއްތުހައްވަ މޫނު ހަދާލާފައި އެތެރެގެއަށް ވަނެވެ.

"އަބުރުވެރި އަންހެންކުދިން ބޭރުތެރޭގައި ސަކަރާތް ގަންނާކަށް ނުދާނެ." ތުއްތު ހައްވަގެ މަންމަ އޭނާއަށް އަޑުއިވޭވަރަށް ގޮވާލިއެވެ.

ތުއްތުހައްވަ އުފަންވީ އުފަލެއް ނެތް މުއްސަނދިކަމުގެ ޖައްވަކަށެވެ. ރަތުރަނާ ރިހީގެ އުޅާގަނޑު ނާޅާ ޒަމާނެއް ހަނދާން ނެތެއްކަމަކު ހިތުގައި ވަނީ ކެކުޅުމެވެ. ހީރުން ޖަރީ ކުރެވިފައިވާ ފަށުއި ރަތް ލިބާހުގެ ދަޅަޔާއި ހަމަ އެފޭރާމުގެ ފޭއްޔަކީ ރަސްކަމުގެ ގަނޑުވަރުން ނައެއްކަމަކު ރަސްކަނބަލަކަށް ދޫނުކުރާ އަގުބޮޑު ފޭރާމަކަސް ލިބުނު ލައްޒަތެއް ނެތެވެ. އުނދޯލީގެ ބިއްދޮށުގައި އޮންނަ ރަން މަހުމަލުގެ ކަންނޭލާއި އެތެރެގޭގައި ހުރި ދޫނިފަތުގެ މަޑު އަށީގައި ނިދަން އޮތެއްކަމަކު ނިދިން ވަނީ އޭނާ މަހުރޫމް ވެފައެވެ.

"ޒުލޭހާމެން ކޮންމެ ދުވަހަކު އަތިރިމައްޗަށްދޭ. އެއީ ރަސްމަތިފުށުން އައިސްފައިތިބި ޖިންސުއްލަތީފުން." ލިބާހެއްގެ ބޯވަޅުގައި ހީރުޖަހަން އިން ތުއްތުހައްވަ ހިތާހިތުން ޝަކުވާކުރިއެވެ.

އޭނާ ވަށައިގެން ގޭތެރެއަށް ބަލާލިއެވެ. ބޮޑާށި މަގަތުގައި ހުންނަ ހީރުޖަހާ ސާމާނުގައި ހުންނަ ފަށުއިބަރަނި ފޮށްޓާއި ވިލާތުގެ ލޯއިން ތައްޔާރު ކުރެވިފައިވާ އަޑަފި ފޮށިން ހައިބަތު ދައްކައިދިން ނަމަވެސް ދިރިއުޅުމުގެ އަގެއް ނެތްކަން އޭނާގެ ޒަމީރު ގަބޫލުކުރެއެވެ. ރަންޏެއް ނޫންނެއްކަމަކު ރަނިކަނބަލެއްގެ ދިރިއުޅުން ހައްވައަށް ލިބުނީ އޭނާގެ ބައްޕަގެ އޮޑިދޯނިފަހަރު ގިނަކަމާއި ރަށުގެ އެންމެންނަށް ބެހެއްޓި އޯގާވެރިކަމާއި ވީ ދީލަތި ކަމެއްގެ ނަތީޖާ އިންކަން ދެނެގަތެވެ. އެދީލަތިކަމާއި އެ އޯގާވެރިކަން އޭނާއަށް ވާރުތަ ނުވީ އަމިއްލަ ލޭގެ އެތެރެފުށުގެ ޚަސީލަތް ނުބައިކަމާއި އަމިއްލަ އެދުމުގެ ދަހިވެތިކަމެވެ.

"ހަރުދަނާ އަންހެން ކުދިން މަގުމައްޗަކުން ނުފެންނާނެ. ތުއްތުނާ އަތުގައި ހިފައިގެން ގެންދާނެ ރަނގަޅު މީހަކު އަންނާނީ އޭރުން." ތުއްތުހައްވަ ބައްޕަ އަބަދުވެސް އެދޭގޮތް ހަނދާންކޮށްދިނީ އީދު ކުޅިވަރު ބަލަން ދާން ހުއްދައަށް އެދުމުންނެވެ.

"ބައްޕަގެ އިއްޒަތް ބޮޑުކުރަން އަހަރެން ގުރުބާން ކުރަނީތާ." މިފަހަރުވެސް އޭނާ ކަރުނަ ފޮހެލާފައި  އެތެރެގެއަށް ވަނެވެ.

ތުއްތުހައްވަ އެންމެ ތުއްތު އިރުން ފެށިގެންވެސް ބާންދީތަކާއި ނޯކަރުންގެ އަތުން ހޭހަން ވެގެން މައިންބަފައިންގެ ލޮލުގެ ނޫރުހެން ބެލިއެއްކަމަކު އެކުވެރިންނާއެކު މިނިވަން ވެލާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. މިނިވަން ކަމާއިއެކު އުދުހެމުން ދިޔަ ކުލަކުލައިގެ ކޮކާތައްހެން ކުޅެމުންދިޔަ އެ އުމުރުގެ ކުދިންނާއެކު ތުނޑިމަތީގައި ދޮންދޫނި ހިފާށާއި މޫދުގައި އޮށްކުޅޭކަށް ނުދެވުނެވެ. ހަވީރުގެ ފިނި ދަޅައިގައި ލޫޅާފަތި އަންހެން ކުދިންގެ ބަނޑިބަނޑި ލެއްވުންތަކާއި ފިނި ބުރުތަކުން އެފުރައިގެ ފިރިހެން ކުދިންގެ ހިތްތައް ކަތިލާކަށް ނުދެވުނެވެ. އެ ލޯތްބަކީ ލޯތްބެއް ނޫނެވެ. އެއީ ޒާތެއްގެ އަޅުވެތި ކަމެކެވެ.

"މިރޭ އަހަރެން ނުނިކުންނާނެ އެއީ ނެތްގޮތެއް." ނިދަން އޮވެފައި ތުއްތުހައްވަ އަޒުމް ކަނޑައެޅިއެވެ.

ގޭގެ އެންމެން ނިދާ ފައިފިޔަވަޅު އޮބުމުން ހައްވަ ނިކުތީ ފުރާވަރުގެ ހޫނުން ހިތަށް ލިބޭ ތުރާތަކުން މިންޖު ވެލުމަށްޓަކައި ދުނިޔޭގެ ހަމަވައި ޖައްސާލާށެވެ. ބޯދީ ދެކޮޅު ބަލާލާފައި މަޑުމަޑު ހިނގުުމެއްގައި އޭނާ ނިކުތީ ވަކި މަންޒިލެއް އޮވެގެންނެއް ނޫނެވެ. އުޑުމަތީގައި ވިލާރޮއްޖެއްވެސް ނެތެވެ. ތަރުތީބެއްނެތި އުކާލެވިފައިވާ ޖަވާހިރުތަކެއް ފަދައިން ފިޔަޖަހަމުންދާ ތަރިތައް ފިޔަވައެވެ. ސާދަވިލޭރޭގެ ބުރުހަމަ ޝާއްބަ ހަނދުގެ ވިދުންގަދަ ރިހިއައްޔާއި އެކީގައި އެއްބައި ވެގެންނެވެ.

"ތުއްތުނާ. މިދަންވަރު އެކަނި ތިޔަފަދަ ފަންމިންޏެއް ނިކުމެއްޖެ ނަމަ ހަނާވާނީ އަޅުގަނޑުމެން ކަހަލަ ނިކަމެތިން." ފަހަތުން ގޮޮވާލި އަލިކޮއި އަތުގައި އޮތް ރާބަދި ދިއްކޮށްލަމުން ބުންޏެވެ.

"އަލިކޮއިތަ؟" ކަޅިޖަހާނުލާ ހައްވަ ބަލަމުން ދިޔައީ ހުސްމުންޑެއްގައި ރާބައްޖާއި ކޮށާވަޅި ހިފައިގެން ހުރި ރައިވެރި ތައްޚާނުގޭ އަލިކޮގެ ފުރިހަމަ ކަމުންނެވެ. އެ ފުޅާ ބައިމައްޗާއި އެ ބާރުގަދަ ހަށިގަނޑުގައި ޒުވާން ކަމާއި ފިރިހެން ވަންތަކަން ލިބިފައިވެއެވެ. އެއީ އޮޅަލި ކުލައިގެ ފުރިހަމަ އިސްކޮޅެއް ލިބިފައިވާ އެންމެ ރީތި ފިރިިހެނުންގެ ތެރެއިން ފިރިހެނެކެވެ.

"މީ ދެންމެ ބޭލި ރާ. އެހާމެ ތާޒާ. ތުއްތުނާއަށް މި ނިކަމެތި އަލިކޮގެ ރާ ކަމުނުދިޔަޔަސް ބޯލުމުން އެތެރެހައްޓަށް އެ ލިބޭ އަރާމެއް ހަނދާނެއް ނުނެތޭނެ." ތުރުތުރު އަޅާއަޑަކުން އަލިކޮއަށް ބުނެވުނެވެ. އޭނާ އިޚުތިޔާރެއް ނެތި ކަޅި ޖަހާނުލާ ހައްވައަށް ބަލަން ހުރެވުނީ ފަންމިންޏެއްފަދަ އަންހެނެއް މިނޫނީ އަލިކޮ އަދި ނުދެކޭތީއެވެ.

"ތި ދޭ ރާފޮދަށްވުރެ އަލިކޮގެ ތިހުރި އޯގާވެރިކަމާއި ހެޔޮކަން އަހަރެންގެ ހިތުން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ." އަލިކޮ ދިއްކޮށްލި ރާބަދީގައި ތުއްތުހައްވަ ހިފީ އަލިކޮގެ އަތުގައި ބީހިލާފައެވެ. އޭނާއަށް އަލިކޮ ވަރަށް ކަމުދިޔައެވެ. އެހެރަ ފިރިހެންވަންތަކަމާއި ޖާޒުބީ އަޑުގައި އެހުންނަ އަސަރެއް އޭނާ ދުއް އެހެން ފިރިހެނުންގެ ނެތެވެ. އަލިކޮގެ އަތުގައި ހައްވަ ހިފީ ދުވަހަކުވެސް ވަކިނުވާން އެއްބަސް ވެގެންނެވެ.

"ތިއީ ހުސްވަޢުދެއްތަ؟ ނޫނީ އަހަރެން މޮޔަ ހައްދަނީތަ؟" އަލިކޮއަކަށް ތުއްތުހައްވަގެ ދަޢުވަތު ގަބޫލުކުރަން ދަތިވިއެވެ. އެންމެ މުއްސަނދި އާއިލާއިން އައިސްފައިވާ އެހާމެ ރީތިއަންހެނަކު އޭނާއަށް ހިތްކިޔާފާނެކަމާއިމެދު ޝައްކުވިއެވެ.

"ފަހުނޭވާވެސް ލާނީ އަލިކޮގެ ނަން ކިޔަމުން." ތުއްތުހައްވަ ރަކިވެލިއެވެ.

މިރޭގެ ކަނޑުގެ ސަތަހައިގައި އެޅިފައިވާ ރިހި ދޫލައިގެ ފުރިހަމަކަން އެމީހުންގެ ހިތުގައިވެސް ވެއެވެ. ފަރަށް ބިންދަމުން މުގުރަމުންދާ ރާޅުތަކުގެ ހުދުކަންގަދަ ފޮނުތައް ފަދައިން އެމީހުންގެ ލޯބި ޚާލިސްވެފައި ޠާހިރެވެ. މަޑުނޫކުލައިގެ ފަޅުތެރެއަށް އެޅިފައިވާ ހަނދުގެ ރިހިއަލިން ކިރުނޫކުލަޔަކަށް ފެންނަން އޮތް ޖާދޫގެ ކުލަތަކުން އެމީހުންގެ ގުޅުމުގައި ޖާދުލެއް އުފެދިއްޖެއެވެ. މަޑުރާގަކަށް ގޮނޑުދޮށަށް ބީއްސަމުން ދިޔަ ކުދި ރާޅުގެ ރާގާއެކު ފަނިފަކުސާގެ ތޫލި ގޮވުންތަކުގެ އަޖައިބާއި އެކުވެގެން އެމީހުންގެ ވައުދުތަކަށް ޖައްވު ހެކިވެއްޖެއެވެ.

"ތުއްތުނާ…." ދޭތެރެތެރެ ދޭތެރެއިން ޖެހިލަމުންދާ މަޑުވައިރޯޅީގެ ހެލިލުމުން ގަސްދޮށުން ފެންނަން ހުރި ކޮކާއަލިކޮޅު ނަށާލާ ގޮތަށް ވުރެ ހިތްގައިމީ ތުއްތުނާއަށް ގޮވާލާ ކޮންމެ ގޮވާލުމަކުން އެ އޮޅިލާގޮތާއި އެ ރަކިވެލާ ރަކިވެލުމެވެ. ކާނިމާތަކާއި ފުނަމާތަކާއި އެކުވެގެން އަންނަ މީރުވަސް އަތިރިމަތީގެ ބޮޑުކާނިގަހުގައި އެލުވާފައިން އުނދޯލީގައި ތިބި ދެ ލޯބިވެރިންގެ ވަހާއި އެކުވެގެން ނާރުތަކަށް ބާރު ފޯރުވާފަދަ ޖައްވުގައިވާ ހިތްގައިމު ވަހެވެ. އިންސާނާގެ ހިއްސު ކިތަންމެ ވަރުގަދަޔަސް މާހައުލުގެ ފުރިހަމަކަމާއި އެކުދިންގެ އަސަރުގަދަކަމާއި ލޯބީގެ މަސްތުގައި ދުނިޔޭގެ ހިނގުން ކުޑަ ވަގުތު ކޮޅަކަށް ހުއްޓިފައި ވާކަަލައެވެ. ދެންއަންނަ މަހުގެވެސް ފޮއިމަތީގައި އަންނާނެކަމަށް ވަޢުދުވަމުން ދެލޯބިވެރިން ވަކިވީ ފަތިހުގެ ކުލަތަކުން އުދަރެސް އަލިކުރަން ފެށީމައެވެ.

 

ޖެހިގެން އަންނަ ފޮއިމައްޗަށް ނިކުތުމަށްޓަކައި ތުއްތުހައްވަ ދިޔައީ ހިތާއި ރޫހުން ތައްޔާރުވަމުންނެވެ. އޭނާގެ އަތުގައި ހުރި އެންމެ ރީތި ގަހަނާއާއި އެންމެ އާ ލިބާސް ލައިގެންނެވެ. އަލިކޮގެ ހާލު މާދެރައެވެ. ތުއްތުހައްވަގެ ގޭ ދޮށުގައި މުގޯލި ނާޅާ އެންމެ ދުވަހެއްވެސް ނުދެއެވެ. މުޅިރަށް ނިދާ ހިމޭންވުމުން އެ ދެލޯބިވެރިން ވަޢުދުވެފައިވާގޮތަށް ކާނިގަހުގައި އިން އުނދޯއްޔަށް ދިޔައެވެ.

"ފުރަތަމަ ރޭ އެ ދިން ރީތި ހަނދުވަރެއް މިރެއަކު ނެތް. ބޯ ވިލާތަކުގެ ބިރުން ހަނދު ފިލަނީ ކަންނޭނގެ." މިރޭގެ އަނދިރިކަމުގައި ތުއްތުހައްވަގެ ހިތުގައި ފާޑެއްގެ ބިރުވެރިކަމެއް ހިނގަމުން ދިޔައެވެ. އޭނާ އަލިކޮގެ ކޮނޑުގައި ބޯ އަޅާލާ އެ ހިތުގެ ވިންދުގެ އަޑު އަލިކޮއަށް އިއްވިއެވެ.

"ތޫފާނުގެ ބާރު ކިތަންމެ ގަދަޔަސް ތުއްތުހައްވަ ސާބިތުވެއްޖެނަމަ ތޫފާން ނިމޭނީ އަމާން ދުވަހަކަށް." އަލިކޮގެ ވާހަކައިގައި ވަނީ ތެދުވެރިކަމާއި ސާބިތުކަމެވެ. އަލިކޮއިގެ މޫނު ތުއްތުހައްވަގެ އިސްތަށިގަނޑުގައި ފޮރުވާލިއެވެ. އެއީ ކެތްތެރިކަމެއް ނެތް ފިރިހެނެއްނަމަ މޮޔަވާނެކަހަލަ އިހުސާސެއް އަލިކޮއަށް ކުރުވި ވަގުތުކޮޅެކެވެ.

"ކޮންމެ ފޮއިމައްޗަކީ އަމާން ރެއަކަށް ނުވާނެ. ކޮޅިގަނޑުގެ ވައި ޖެހޭނީ ކޮންއިރަކުން ކަމެއް ނޭނގެ. އެ ކޮޅިގަނޑުގައި އަލިކޮޔާ ވަކިވާން ޖެހިއްޖެ ނަމަ އަހަރެން ހިތް ފަަޅައިގެން ހިނގައިދާނެ." ތުއްތު ހައްވަ އެތެރެ ހަށީގެ ރިހުން ކަރުނައިގެ ހޫނާއިއެކު އަލިކޮގެ މޭމައްޗަށް ބަންޑުން ކޮށްލިއެވެ.

"ކޮޅިގަނޑު ކިތަންމެ ބާރުގަދަޔަސް މިހިތަކުން ތުއްތުނާއެއް ނުފޮހެވޭނެ. ވިސްނަންވާނީ އަބަދުވެސް ރަނގަޅަށް." އަލިކޮ ތުއްތުހައްވަގެ ކަރުނަ ފޮހެލާދިނީ ވައުދު ވަމުންނެވެ.

"އެތިބީ." މީހަކު ކަރުން ލޭ އަންނަވަރަށް ގޮވާލިއަޑު އިވުނެވެ. ކޮންމެ ފޮއިމައްޗަކީ އެ ދެކުދިން އެއްތަން ކުރުވާ ދުވަސްވަރަކަށް ވިޔަސް ކޮންމެ ސިއްރަކީ ކޮންމެވެސް ދުވަހަކުން ހާމަވާކަމަށް ވީފަދައިން ހައްވަޔާ އަލިކޮގެ ބަހާރު މޫސުން ނިމުނީއެވެ. ބިގަރުތަކާއި ފާނުޒުތައް ހިފައިގެން ހައްވަ ހޯދަމުން އައި ރައްޔިތުންނަށް އަލިކޮއާއިއެކު ތުއްތުހައްވަ އިންތަން ފެނުމުން ލޯބީގެ ގުލްދަސްތާ ރޯކޮށް އޮއްވާ ރޯކޮށްލީއެވެ. މީރުވަސްދުވާ މާ އަޅަން ކުރިޖަހާ ފަޅައި ހެދިގެންތަނާ ލޯބީގެ ކަނިކޮޅު ނިންވާލާ އަޅިއަށް ހަދާލީއެވެ.

ދިރިއުޅޭ އަމިއްލަ ގެއަކީ ތުއްތުހައްވައަށް ހުރަގެއެކެވެ. އެގޭގައި ގައިދުވެގެން އިންނަން މަޖުބޫރުކުރުވީ ބައްޕަގެ ނަފުރަތާއި މަންމަގެ ނުރުހުމާވެސް އެކުގައެވެ. އަލިކޮއާއި ވަކިވާންޖެހޭތީ އޭނާގެ ހިތްވަނީ ކަތިލެވިފައެވެ. އެ ރީތި ޒުވާނާ ނުފެންނާތީ އޭނާގެ ލޮލުގެ ބޭނުމެއްވެސް ނެތޭ ހީވާ ފަހަރު އާދެއެވެ.

 

"ތުއްތު ހައްވަ ޖެހޭނީ އެ ގުޅުމަށް ރުހުނަސް ނުރުހުނަސް އެއްބަސްވާން." ބައްޕަ ނިކުމެގެން ދިޔައީ ކައިވެންޏަށް ތައްޔާރުވުމަށް ފަހު އިންޒާރު ދީފައެވެ.

ޖެހިގެން އައި ހަނދުމަހުގެ ފޮއިމަތީގައި ރަށުގެ އެންމެ މޮޅު ކެޔޮޅު ތައްޚާނުގޭ އާދަނާ ހައްވަ ކައިވެނި ކުރުވީ ހައްވަގެ ބައްޕަގެ މަސްދޯނިތައް ދުއްވާނެ ދަނބިދަރިއަކަށް ވާތީއެވެ. ކައިވެންޏަކީ ވިޔަފާރިއަށް ވީހިސާބުން ޒަޚަމް ވެފައިވާ ހައްވަގެ ހިތުގައި ރޯވަމުން ނުބައި ވަމުންދާ ފާރުގަނޑުގެ ވޭން އެނގެނީ ހަމައެކަނި އަލިކޮއަށެވެ. ދެހިތުގައި ޖަހަމުން ދާ ވިންދު ޚާލިގަށްޓަކައި ޚާލިސްކަމާއެކު ބޭއްވިޔަސް ހިތުގައި ރިހޭ ރިހުމަކަށް ފަރުވާއެއް ނުލިބެއެވެ.

އޮއްސެންދިޔަ އިރާއިއެކު ތުއްތުހައްވަ ބޭރަށް ނިކުތެވެ. އާދަނު މަހުންލަފާ ދޯނި ހައްސަ ޖަހައިގެން އަންނަ ޚަބަރު އޭނާ އަހާފައިވާތީއެވެ. އޮއްސެމުންދާ އިރުގެ ކުލަތައް ބަލަން އަތިރިއަށް ދިއުމަކީ އޭނާއަށް ވަރަށް މަދުންނޫނީ ނުލިބޭ ތަޖުރިބާއެކެވެ.

"އެމީހުންނަށް އާދެވޭނީ އިޝާގެ ފަހުންނޯ." ދަޅަމަތީގައި ނުތިބެންވެގެން ދިޔަ އަންހެން ބައިގަނޑަކުން މީހަކު ބުނާއަޑު ތުއްތު ހައްވައަށް އިވުނެވެ. އަތިރިމަތީގައި ތިބި މީހުން އެއްގަމަށް އަރައިފިއެވެ. އިރުގެ ރީތިކުލަތައް ފަނޑުވެ އަނދިރިކަމުގެ ސާލު އަޅަނީއެވެ.

އެ އަޑަކަށް ހައްވަ ފަރުވާލެއް ނުބަހައްޓައެވެ. ކާނިގަހުގައި އިން އުނދޯލީގައި އޭނާ އިށީނދެލީ މާޒީގެ ޞަފްޙާތަކުގައި މި އުނދޯލި މުހިއްމު ދައުރެއް އަދާކޮށްފައި ވާތީއެވެ. ގަޔާނުވާ މީހަކާ އިނދެގެން އުޅެން ޖެހިފައިވާތީ ލިބޭ ގިލަންވެރިކަމުން ހިތަށް ތަސައްލީއެއް ލިބޭ ފަދަ ޚިޔާލުތަކަކުން ސިކުނޑި ފުރާލުމަށެވެ.

"ތުއްތުނާ. ދެން ގޯއްޗަށްދޭ." އަލިކޮގެ ރީތިއަޑުން ބުނެލިއެވެ.

"މަޖުބޫރު ކައިވެންޏަކުން ބަނދެލީމާ އަލިކޮވެސް އަހަރެންނަށް ކުރާނީ ނަފުރަތުތާ." ތުއްތު ހައްވަ ތެދުވަމުން ބުންޏެވެ.

"ސާބިތުކަމާއި ހިތްވަރު ދައްކަން ނުކެރޭ މީހުން ލޯބިވާކަށް ނުވާނެ. މުއްސަނދި އާއިލާތަކުގެ ކުދިން ހިތްބަލިކަމުން ލޯބިވެރިން ގުރުބާންކުރޭ." އަލިކޮގެ ހިތުގެ ރިހުން ބަންޑުންކޮށްލީ ދެތިން ޖުމްލައިންނެވެ.

ތުއްތުހައްވަގެ ހިތްހީވީ ކުދިކުދިވި ހެންނެވެ. މިދިޔަ ދުވަސްތަކުގައި އަލިކޮގެ ޚަބަރެއްވާނެކަމަށް އޭނާ ކިހާ އުންމީދު ކުރިހެއްޔެވެ؟ ސާބިތުކަމެއް ނެތީ އަލިކޮގެއެވެ. ހިތްވަރެއްވެސް ނެތީ އަލިކޮގެއެވެ. މުޅި ރަށާދެކޮޅަށް ހަނގުރާމަކޮށް އޭނާ ބަލާނައީ އަލިކޮގެ ފިނޑިކަމުންނެވެ. ތުއްތުހައްވަ ބުއްދި ފިލައިދިޔަ ކަހަލައެވެ. އޭނާ ލައިގެންހުރި ލިބާސް ބާލާ އެއްލާލިއެވެ.

"އަހަރެން އަދިވެސް މި ހުރީ ތާހިރުކޮށް. ތިޔަނޫން މީހެއް އަދި އަހަރެންގެ އަތުގައިވެސް ހިފާލާފައެއް ނެތް. އަލިކޮގެ ހިތްވަރެއް ހުރިއްޔާ އެ އާދަނު ގާތުން އަހަރެން ޖަހައިގަނެބަލަ. އަހަރެންގެ ޖިސްމަކީ އަލިކޮގެ މިލްކެއް. އާދޭ." ތުއްތުހައްވަ ރޮމުން ބުންޏެވެ.

"ރައިވެރިއެއްގެ ދަރިއަކަސް އަހަންނަށް ކޮންމެވެސް ވަރެއްގެ ތަޢުލީމެއް ލިބިފައިވޭ. މީހެއްގެ ހައްގެއް ޖަހައިގަތުމަށްވުރެ ބޮޑު އަނިޔާއެއް ކޮބާ. މިނިވަނެއްގެ ގޮތުގައި ތުއްތުނާ ފެންނަދުވަހަކީ އަހަރެންގެ ދުވަސް." ބިންމަތީގައި އޮތް ލިބާސްނަގާ ތުއްތުހައްވަ އަތަށްދީފައި އަލިކޮ ދިޔައީއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *