ކޮންމެ ކަހަލަ ފޮތެއް ނަމަވެސް ކިޔުމަކީ، އުފާވެރިކަމާއި ރަނގަޅު ސިއްޙަތަށްޓަކައި ކުރެވޭ ވަރަށް މުހިއްމު ކަމެކެވެ.
އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ކެމްބްރިޖްގެ ދިރާސާއަކުން ދައްކާ ގޮތުގައި ފޮތް ކިއުމަކީ ނަފްސާނީ ސިއްހަތު ރަނގަޅުވުމާއި، އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމަށާއި ކަންބޮޑުވުންތަކުން ދުރުވުމަށާއި ހަނދާންނެތޭބަލި (ޑިމެންޝިއާ) ޖެހުމުގެ ނުރައްކާ ކުޑަވާ ކަމެކެވެ.
އެތައް ހާސް މީހުންނާއި ކުޑަކުދިން ބައިވެރިކޮށްގެން މިހާރު ކުރެވިފައިވާ އެ ދިރާސާތަކުގެ ޑޭޓާ ތަހުލީލުކޮށްފައިވެއެވެ. އެއިން އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ ފޮތް ކިޔާނަމަ އަލްޒައިމާ ބަލީގެ ނުރައްކާ %33 ދަށްވާކަމެވެ.
ފޮތް ކިއުމަކީ ލިޔަންކިޔަން ދަސްކުރުމުގެ ހުނަރު ރަނގަޅުވުމުގެ އިތުރަށް ކިޔެވުމާއި ހިސާބުގެ ޢިލްމަށްވެސް މޮޅުވާ ކަމެކެވެ.
"ކިޔެވުމަކީ އަހަރެމެންގެ ސިކުނޑީގެ ސިއްހަތަށް އެހީތެރިވެދީ، މުހިންމު ކޮގްނިޓިވް ސްކިލްސް ތަރައްގީކޮށް، އަހަރެމެންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ރަނގަޅު ގޮތެއް،" ދިރާސާގެ ލީޑް ޕްރޮފެސަރ ބާބަރާ ސަހަކިއަން ވިދާޅުވެއެވެ.
"އެއީ އަހަރެމެން ކުޑައިރުއްސުރެ ހިތްވަރު ދޭން ޖެހޭ ކަމެއް. އެކަމަކު ހަގީގަތުގައި، މިއީ އުމުރުން ދުވަސްވިޔަސް ފަށަން ރަނގަޅުކަމެއް. އަދި އުމުރަށް ވެސް އެކަމުން ފައިދާތަކެއް ގެނެސްދެވިދާނެ ކަމެއް." އޭނާ އިތުރަށް ވިދާޅުވިއެވެ.
ރާއްޖޭގައިވެސް ފޮތް ކިޔާ މީހުން މަދެއް ނޫނެވެ. އޭގެ ފައިދާތައް އެމީހުންނަށް ރަނގަޅަށް ދެނެގަންނަން އެނގެއެވެ. ވީމާ ކޮންމެ ދުވަހަކުވެސް ފޮތެއްގެ ކޮންމެވެސް މިންވަރެއް ކިއުމަށް ވަގުތުކޮޅެއް ހޭދަކޮށްލަމާ ހިނގާށެވެ.
