އަމީނީ މަގު މަރާމާތުކުރި ސަރަހައްދު އާދިއްތަ ދުވަހު ހުޅުވާލަނީ

އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން މަސައްކަތް ނިމިފައިވާ ސަރަހައްދު، އަންނަ އާދީއްތަ ދުވަހު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް ޒަމާނީ ފެންވަރަށް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވަމުންދަނީ ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ސްކޫލާ ހަމައަށް އޮތް ސަރަހައްދެވެ. އަދި ދެވަނަ ސެގްމަންޓުގެ ގޮތުގައި ކަނޑައެޅިފައިވާ ދިވެހިރާއްޖޭގެ އަޑު ކުރިމަތީ ހަތަރުއަނގޮޅި ކަންމަތީގައި ތާރު އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މި ސަރަހައްދުތަކުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނަގައި މަގުގެ އަޑީގައިވާ ޔުޓިލިޓީ ވިއުގަތައް އަލުން ތަރުތީބުކުރުމަށްފަހު، ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މިވަގުތު ކުރިއަށްދަނީ މަގުމަތީގެ ނިޝާންތައް ކުރެހުމާއި، މަގު ހުޅުވާލުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

މި ސަރަހައްދުތަކުގެ މަސައްކަތް ނިމުމާއެކު، އެމްޓީސީސީން އަންނަނީ ތިންވަނަ ސެގްމަންޓުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. ތިންވަނަ ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮތް ސަރަހައްދެވެ.

ނިމިދިޔަ ސަރުކާރުގައި 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީމަގުގެ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް، މުޅި މަޝްރޫއު ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، މަގުގެ ފެންވަރު ރަނގަޅުކޮށް، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު ވަނީ އަލުން މަރާމާތުގެ މަސައްކަތްތައް ފަށާފައެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫއުގެ ދަށުން ކުރިއަށްދާ ހުރިހާ މަސައްކަތްތަކެއް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *