ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށް ޕްރޮގްރާމްތައް ހިންގުމަށް ތަރައްޤީ ކުރާ "ކޮމިއުނިޓީ އެމްޕަވަމަންޓް ހަބް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ކޮމިއުނިޓީ އެމްޕަވަމަންޓް ހަބް ނުވަތަ މި މަރުކަޒަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޒަކާތު ފަންޑުން ޚަރަދުކޮށް، އިޖުތިމާޢީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި އެފްޑީސީ ގުޅިގެން ހަދަމުންދާ މަރުކަޒެކެވެ. ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ ޚިދުމަތްތައް ހަރުދަނާކޮށް، އެ ފަރާތްތަކަށް މުޖްތަމައުގައި ފަސޭހަކަމާއެކު އުޅުމަށް އިސްކަންދީގެން މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ގީލާ އަލީ ވިދާޅުވީ، މި ސަރުކާރުން 416 ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަ ކޮށްގެން ތަރައްޤީކުރާ އެމްޕަވަރމަންޓު ހަބު އަންނަ މަހު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ.
40-18 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށް ޚިދުމަތް ދިނުމަށް އަމާޒު ކޮށްގެން ތަރައްޤީ ކުރާ އެމްޕަވަރމަންޓް ހަބަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީ ކުރުމަށާއި، މަސައްކަތުގެ ތަޖުރިބާއާއި އިޤުތިޞާދީ މިނިވަން ކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުމުގެ މަޤުސަދުގައި ތަރައްޤީ ކުރާ ތަނެއް ކަމަށް އިޖުތިމާޢީ ވުޒާރާއިން ވިދާޅުވެއެވެ.
ޖުމްލަ 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުމާލެ ފޭސް 2ގައި ހުޅުވާ މި ހަބުގައި ހުންނާނެ ބައިތަކުގެ ތެރޭގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށް އިންކްލޫސިވް ކެފޭއެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓުކޮށް ވިއްކުމަށް ޢާންމުންނަށް ހުޅުވާލާފައިވާ ފިހާރައެއް ހިމެނެއެވެ.
