ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެއަރބަސް މަރުކާގެ ދެ ބޯޓު ހޯދުމަށް އިއުލާންކޮށްފިއެވެ.
މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިން ހޯދުމަށް ނިންމާފައިވަނީ އެއަރބަސް އޭ220-300 (A220-300) މަރުކާގެ ދެ ބޯޓެވެ. އަދި އޮޕަރޭޓިން ލީސް އުސޫލުން މި ބޯޓުތައް ފޯރުކޮށްދިނުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ހިނގާ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ. އަދި މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ސުވާލު ފޮނުވުމުގެ އެންމެ ފަހު ވަގުތަކީ އޮކްޓޫބަރު 15 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. މިގޮތުން ހުށަހެޅޭ ސުވާލުތަކަށް މި މަހުގެ 19 ގެ ކުރިން ޖަވާބު ދެވޭނެ ކަމަށްވެސް އެ އެއަރލައިނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން މިހާރު ބައިނަލްއަގްވާމީ ޝެޑިއުލް ދަތުރުތައް ކުރަމުންދަނީ 4 ގައުމެއްގެ 7 މަންޒިލަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ދެ ސިޓީއަކާއި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިތުރުން، ޗައިނާގެ ތިން ސިޓީއަކާއި އޮސްޓްރޭލިއާގެ މެލްބަންއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި 27 މަތިންދާ ބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ ވައިޑް-ބޮޑީ އެއަރބަސް އޭ330 މަރުކާގެ މަތިންދާ ބޯޓަކާއި، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާ ބޯޓަކާއި، އޭޓީއާރު މަރުކާގެ ފަސް މަތިންދާ ބޯޓާއި، ޑޭޝް8 މަރުކާގެ ނުވަ މަތިންދާ ބޯޓާއި އަދި ޑޭޝް6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާ ބޯޓެވެ.
މޯލްޑިވިއަންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް، ބައިނަލްއަގްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާއި އެއްގޮތަށް ގައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް އައިލެންޑް އޭވިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ.
