ތަގުވާވެރިވުމަކީ ﷲ ގެ ޢުގޫބާތަށް ބިރުވެތިވާ ހާލު އެ އިން ރައްކާތެރިވުމަށްޓަކައި ތިމާގެ ނަފްސުގައި ގާއިމުކުރާ ހުރަހެކެވެ. ތަގުވާވެރިވެވޭނީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެގެންނެވެ. އަދި ﷲ ނަހީކުރެއްވެވި އެންމެހާ ކަންތަކުން ދުރުހެލިވެގެންނެވެ. ތިމާ ކުރާ ހުރިހާ ކަމެއްގައި އެކަލާނގެ އެންގެވި ގޮތަށް އުޅުމަށް މަސައްކަތް ކުރަން ވާނެއެވެ. ކޮންމެ ކަމެއްގައިވެސް ތަގުވާވެރި ވެވޭތޯ ބަލަން ވާނެއެވެ.
މިސާލަކަށް ބަލާނަމަ ޢިލްމު ހޯދަން މަސައްކަތް ކުރާ މީހާ އޭނާ ކުރާ މަސައްކަތުގައި އިޚުލާސް ތެރިކަމާއެއެކު މަސައްކަތްކުރުމުން އެކަމަށް ފަސޭހަ ވެގެންދެއެވެ. އޭނާއަށް ކާމިޔާބު ލިބުންއޮތީ ޢިލްމު އުނގެނުމަށް ކުރާ މަސައްކަތުގައި ތަގުވާވެރިވެގެންނެވެ. އެހެންކަމުން ޢިލްމު އުނގެނުމަށް އެދޭ މީހާއަށް ވެސް އޮތީ މާތް اللَّه އަށް ތަޤްވާވެރިވުމެވެ. ﴿وَاتَّقُوا اللَّهَ وَيُعَلِّمُكُمُ اللَّهُ﴾ (سورة البقرة 282) "ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ.
ދުނިޔޭގައި އުޅުމަށްޓަކައި ކޮންމެ މީހަކުވެސް މަސައްކަތް ކުރެއެވެ. ތަނަވަސް ދިރިއުޅުމެއް އުޅުމަށްޓަކައި ބައެއްމީހުން ކުރުމަގު ޚިޔާރުކުރެއެވެ. ކަރަޕްޝަނާއި، ރިބާއާއި މިނޫންވެސް ފަސޭހައިން ފައިސާ ހޯދޭނެގޮތް ބޭނުންކުރެއެވެ. އެކަލާނގެ އެންގެވި ހެޔޮގޮތްތައް ދޫކޮށްލާ ރިޒްޤު ހޯދުމެއް ނުވެއެވެ. ކާމިޔާބު ދިރިއުޅުމެއް ލިބޭނީ އޭރުންނެވެ. އެހެންކަމުން ރިޒުޤު ތަނަވަސްވުމަށް އެދޭ މީހަކަށް ވެސް އޮތީ މާތް اللَّه އަށް ތަޤްވާވެރިވުމެވެ. ﴿وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ﴾ އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ."
ދިރިއުޅުމުގައި އެންމެންނަށްވެސް ތަފާތު ކަންކަން ދިމާވާނެއެވެ. ކޮންމެ ދުވަހަކީ ފަސޭހަ ދުވަހެއް ކަމަކަށް ނުވެއެވެ. އެހެންކަމުން ކަންތައްތައް ފަސޭހަ ވުމަށް އެދޭ މީހާ އަށްވެސް އޮތީ މާތް اللَّه އަށް ތަޤްވާވެރިވުމެވެ. ﴿ وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴾ އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ".
ޙައްޤާއި ބާޠިލް ވަކިކޮށް ދެނެގަތުމުމުގެ ތައުފީޤު ދެއްވުމަށް އެދޭ މީހާއަށް ވެސް އޮތީ މާތް اللَّه އަށް ތަޤްވާވެރިވުމެވެ. ﴿ إِن تَتَّقُوا اللَّهَ يَجْعَل لَّكُمْ فُرْقَانًا﴾ "ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާނަމަ، ތިޔަބައިމީހުންނަށް حق އާއި، باطل ވަކިކުރާނެ މަގު، އެކަލާނގެ ދައްކަވާނެތެވެ."
އާޚިރަތް ދުވަހަކީ ތިމާގެ ޢަމަލުތަކުގެ ހިސާބު ބައްލަވާ އެމީހަކު ކުރި ޢަމަލެއްގެ މައްޗަށް ޖަޒާ ދެއްވާ ދުވަހެވެ. ވީމާ އެދުވަހުން ނަޖާވުމަށް އެދޭ މީހަކަށް ވެސް އޮތީ އޮތީ މާތް اللَّه އަށް ތަޤްވާވެރިވުމެވެ. ﴿ثُمَّ نُنَجِّي الَّذِينَ اتَّقَوا﴾ " ދެން ތިމަންރަސްކަލާނގެ تقوى ވެރިވީ މީހުން ސަލާމަތް ކުރައްވާހުށީމެވެ."
ސުވަރުގެއަށް އެދޭ މީހަކަށް ވެސް އޮތީ މާތް اللَّه އަށް ތަޤްވާވެރިވުމެވެ. ﴿تِلْكَ الْجَنَّةُ الَّتِي نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا ﴾ އެއީ ތިމަންރަސްކަލާނގެ އަޅުންކުރެ، تقوى ވެރިވީ މީހުންނަށް ތިމަންރަސްކަލާނގެ ވާރުތަކޮށްދެއްވާ ސުވަރުގެއެވެ."
މާތް اللَّه ގެ ވަލިއްޔަކަށް ވުމަށް އެދޭ މީހަކަށް ވެސް އޮތީ މާތް اللَّه އަށް ތަޤްވާވެރިވުމެވެ. ﴿أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ * الَّذِينَ آمَنُوا وَكَانُوا يَتَّقُونَ ﴾ ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ ولىّ ންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. އެއުރެންނަކީ إيمان ވެ، تقوى ވެރިވެ އުޅުނު މީހުންނެވެ."
