އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ 2029 ވަނަ އަހަރުގެ ނިޔަލަށް މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މުއައްސަސާއަކަށް ހެއްދެވުމަކީ އެ ވުޒާރާގެ މައިގަނޑު އަމާޒު ކަމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
"އެކްސް" ގައި ހިއްސާކުރެއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމާއި ވަގްފު މަޝްރޫއުތައް އިތުރަށް ހަރުދަނާކޮށް، އަހަރަކު ގާތްގަނޑަކަށް 250 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ބަދަލުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންގެ މުސާރަ ފިޔަވައި، ވުޒާރާގެ އެހެނިހެން ހިންގުމުގެ ހަރަދުތަކަށާއި އިސްލާމީ ކަންކަން ކުރިއެރުވުމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މާލީ އަމިއްލަ ބާރުވެރިކަން ހޯދުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު ޑރ. ޝަހީމް އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ޒަކާތުގެ ފައިސާ ޝަރުއީ ހަމަތަކުގެ މަތިން އޭގެ ހައްގުވެރިންނަށް ބެހެމުންދާއިރު، ވަގްފު މަޝްރޫއުތަކުން ލިބޭ މަންފާ ހާއްސަކުރެވޭނީ އެ މަޝްރޫއަކަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށެވެ. އެގޮތުން މާތް ﷲ ގެ ވާގިފުޅާއެކު، 2028 ވަނަ އަހަރުގެ ނިޔަލަށް ވަގުފުގެ 8 މަޝްރޫއެއް ނިންމައި، ވުޒާރާގެ މާލީ ބިންގާ ހަރުދަނާކޮށް، ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރެވިގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މިކަމުގެމައިގަނޑު ބޭނުމަކީ ރާއްޖޭގައި އިސްލާމީ ދައުވަތު ފުޅާކޮށް، ދީނީ ހިދުމަތްތައް ތަރައްގީކުރުމުގައި އިސްލާމީ ވުޒާރާގެ ގާބިލުކަން އިތުރުކުރުމެވެ. އެގޮތުން މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުން، އިސްލާމީ ތައުލީމު ކުރިއެރުވުން، އިމާމުންނާއި ދީނީ އިލްމުވެރިން ބާރުވެރިކުރުވުން، ކީރިތި ގުރުއާން އުނގަންނައިދިނުމުގެ ފުޅާ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން މުޖުތަމަޢުގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ދާއިރާ ހަރުދަނާކުރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިއީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް މާލީ ފުދުންތެރިކަން ހޯދައިދިނުމަށާއި، ވަގުފުގެ ނިޒާމު އައު ހަރުފަތަކަށް ގެންގޮސްދީ، އަންނާން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި ތަރިކައެއް ބިނާކުރުމަށް އެޅޭ ތާރީހީ އަދި އިންގިލާބީ ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.
