މަޖިލީހުގެ ރައީސާއި ވަޒީރުން އަދި ކައުންސިލަރުންގެ އެލަވަންސް ބޮޑުކުރަނީ

އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުންނަށް ދެމުން އަންނަ އެލަވަންސްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ދައުލަތުގެ މުސާރަތަކަށް ގެންނަންވާ ބަދަލުތަކާ ގުޅޭގޮތުން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. އޭނާ ހުށަހެޅުއްވީ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރަށު ކައުންސިލަރުންގެ އެލަވަންސަށް ބަދަލު ގެނައުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ.

މި ނިންމުމުގެ ދަށުން ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރުމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، މިހާރު މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ 73,125 ރުފިޔާގެ މުސާރައިގެ ފަރަގު ނައްތާލުމަށްޓަކައި، އެ މަނިކުފާނުގެ އެލަވަންސަށް 22,000 ރުފިޔާ އިތުރުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ. މި ބަދަލާއެކު މަޖިލީހުގެ ރައީސަށް ޖުމްލަ 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މިހާރު އޮންނަ އުސޫލުން މަޖިލީހުގެ ނައިބު ރައީސަށް 91,000 ރުފިޔާ އަދި މެންބަރުންނަށް 82,500 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތުގެ މަތިން ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުން އަދި ކައުންސިލަރުންގެ އެލަވަންސަށް ވެސް 5,000 ރުފިޔާ އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މިހާރު ކައުންސިލް ރައީސުންނަށް 25,000 ރުފިޔާ، ނައިބު ރައީސުންނަށް 20,000 ރުފިޔާ އަދި ކައުންސިލަރުންނަށް ލިބެނީ 18,000 ރުފިޔާއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *