ނ. އަތޮޅުން މ. އަތޮޅަށް ރީނދޫ ސަމާލު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، މެންދުރު 15:00 އިން ރޭގަނޑު 19:00އާ ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، ސަމާލު ނެރެފައިވާ ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

އެހެންކަމުން މި ސަރަޙައްދުގެ ރައްޔިތުން އަދި ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
އެހެންނަމަވެސް އަންގާރަ ދުވަހުން ފެށިގެން އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށާއި، އަންގާރަ ދުވަހުން ފެށިގެން ކުރާ ވިއްސާރާގައި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާނުކުރެވުނު ނަމަވެސް ވައިގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރައްވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *