އިސްލާމްދީނަކީ މާތް ﷲ އަހަރެމެންނަށްޓަކައި އިޚުތިޔާރުކުރައްވައި، ފުރިހަމަކޮށްދެއްވި އެންމެ މަތިވެރި ދީނެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ގުޅިފައިވަނީ މި މާތް ދީނުގެ މަތިވެރި އުޞޫލުތަކާއެވެ. އިސްލާމްދީނަކީ އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ ދީނެވެ. މަތިވެރި އަޚުލާޤާއި ހެޔޮ ޢަމަލުތަކުން އިންސާނާ ދުރުކުރާނޭ އެއްވެސް ކަމެއް މި ދީނުގައި ނުވެއެވެ. އިސްލާމްދީނަކީ ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. —-[1] މާނައީ: "دينއެއްގެ ގޮތުގައި إسلام دينނޫން دينއެއް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާގެ ކިބައިން (އެ ކަން) قبولއެއް ނުކުރައްވާހުށްޓެވެ. އަދި، آخرةގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."
މިއީ ހުރިހައި ހެޔޮ ކަމަކަށް ގޮވައިލާ އަދި އެންމެހައި މުންކަރާތްތަކެއް ނަހީކުރާ ދީނެވެ. އެހެން ނަމަވެސް، ހިތާމައަކީ ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، މާތް ﷲ ކަނޑައަޅުއްވައިފައިވާ އިންތަކާއި މިންތަކުން ބޭރުވެ، ދީނީ ވާޖިބުތަކަށް އިހުމާލުވާ ކަމެވެ. އަދި ދީނުގެ މަތިވެރި އުޞޫލުތަކާއި އާދަކާދަތަކާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވާ ކަމެވެ.
ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާންޖެހުނަސް، ނުވަތަ އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫނެވެ. ކޮންމެ ފަދަ ފިތުނައެއްގެ ކުރިމަތީގައި ވެސް އޭނާ ހުންނާނީ އޭނާގެ ދީނާއި ޢަޤީދާގައި ސާބިތުވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ މުއައްޛިނެއްކަމުގައިވާ بِلَال رَضِيَ الله عَنْهއަށް ކާފިރުން ދެމުންދިޔަ އަނިޔާ އޭގެ އިންތިހާއަށް ދިޔައެވެ. އެކަލޭގެފާނުގެ މޭފުޅު މައްޗަށް ބޮޑެތި ހިލަތައް އަރުވައި މައްކާގެ ހޫނު ހިލަބިމުގައި އެކަލޭގެފާނު ދަމަމުން، އިސްލާމްދީން ދޫކޮށްލުމަށް މަޖުބޫރުކުރިއެވެ. ނަމަވެސް އެކަލޭގެފާނު ސާބިތުކަމާ އެކު ވިދާޅުވަމުން ގެންދެވީ: "أَحَدٌ أَحَدٌ" މިފަދައިންނެވެ. މާނައީ: "މާތް الله އެއްކައުވަންތައެވެ. މާތް الله އެއްކައުވަންތައެވެ." ހަމަ އެފަދައިން މާތް ޞަޙާބީއެއްކަމުގައިވާ اَلْـخَبَّابُ بْنُ الْاَرَتِّ އިސްލާމްދީން ޤަބޫލުކުރެއްވުމުން އެކަލޭގެފާނަށް ނުހަނު ބޮޑަށް އަނިޔާކުރެވުނެވެ. ނަމަވެސް އެކަލޭގެފާނު އިސްލާމްދީނުގައި ސާބިތުވެ ހުންނެވިއެވެ. މުޝްރިކުން އެކަލޭގެފާނަށް ދިން އަނިޔާތަކުގެ ތެރޭގައި، އަލިފާންގަނޑެއް ރޯކޮށް، އެ އަލިފާންގަނޑުގެ މަތީގައި އެކަލޭގެފާނު ދެމުން ހިމެނެއެވެ. އެ އަލިފާންގަނޑު ނިވުނީ އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މަސްތައް ފިހިގެން ފޭބި ދިޔައިންނެވެ. މި ހުރިހައިކަމެއް ހިނގައިދިޔަ އިރު ވެސް، އެކަލޭގެފާނު ހުންނެވީ ސާބިތުކަމާ އެކުގައެވެ.
މިއީ އިންތިހާ ދަރަޖައިގެ އަނިޔާއާއި އުނދަގޫތަކާ އެކުގައި ވެސް، ފުރަތަމަ ޖީލުގެ މުސްލިމުން ދީނުގައި ސާބިތުވެ ތިއްބެވި ގޮތުގެ ބައެއް މިސާލުތަކެވެ. މީގެ އިތުރަށް، މި ދީން ހިމާޔަތްކޮށް ދީނީ ދަޢުވަތު ފެތުރުމަށް މުދަލާއި ފުރާނައިން އެ ބޭކަލުން ކުރެއްވި ޖިހާދުތައް ހަނދުމަކުރާށެވެ! އެ ބޭކަލުންގެ ތެރެއިން އެތައް ސަތޭކަ ބޭކަލުންނެއް ހަނގުރާމައިގެ މައިދާންތަކުގައި ޝަހީދުވެވަޑައިގަތީ، އެ ކަމާ އުފާކުރައްވަވާ ޙާލުގައެވެ. އަދި ކިއެއްތަ! އެ ބޭކަލުންގެ ގެދޮރާއި މުދާ ދޫކުރައްވައި، ދީނަށް ނަޞްރުދެއްވުމަށްޓަކައި ހިޖުރަކުރެއްވިއެވެ. އެއީ اللهގެ ފަޟުލުވަންތަކަމާއި ރުއްސެވުން އެދިވަޑައިގެންނެވެ. އަދި ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަށް ނަޞްރުދެއްވުމުގެ ގޮތުންނެވެ.
