ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޤައުމީ ދިފާއީ ބާރުގެ ފަރާތުން ހުށައަޅައިދޭ އަސްކަރީ ހުށައެޅުންތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރިކޮށްދެއްވައިފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ.
މި އަސްކަރީ ހުށައެޅުންތަކުގައި ޤައުމީ ދިފާއީ ބާރުގެ އެކިއެކި ބަހާތަކުން ކުރާ މަސައްކަތްތަކާއި އަދި ނަސްރުގެ ދުވަހާއި ގުޅުންހުރި ތަފާތު ހުށައެޅުންތައް ހުށައަޅައިދީފައިވެއެވެ.
އަސްކަރީ ހުށައެޅުންތައް ޝަރަފްވެރިކޮށްދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުއިއްޒެވެ. އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި އަދި ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެވި އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގައުމީ ދިފާއީ ބާރުން ހުށައަޅައިދޭ އަސްކަރީ ހަރަކާތްތަކަކީ، ކޮންމެ އަހަރަކުވެސް އާންމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ލިބިގެންދާ ހަރަކާތްތަކެކެވެ. ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި މި ހަރަކާތްތަކަށް އޮންނަ ޝައުގުވެރިކަން ބޮޑުވެގެންދެއެވެ. މިއަހަރުގެ ނަސްރުގެ ދުވަހުގެ އަސްކަރީ ހަރަކާތްތައް ބަލާލުމަށްވެސް ގިނަ އަދަދެއްގެ އާންމުންނާއި، ކުޑަކުދިން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް ޖަމާވެފައެވެ
