އެންމެ އުފާވެރި އަންހެނާއަށް ވެވިދާނެ – 7

(12 އެޕްރީލް 2022 ނޫހާއިގުޅޭ)

14. އަހަރެމެންގެ އުފަލަކީ އެމީހުންގެ އުފަލެއް ނޫނެވެ.

ނަފުސަށް އުނދަގޫކުރާ މިއުޒިކާއި ބޭއަދަބީ ލަވަތަކާއި ހަގީގަތެއްނެތް ފިލްމުތަކާއި ފާހިޝް މަޖައްލާތަކުން އުފާލިބޭ ވާހަކަ ބުނަނީ ކާކުހެއްޔެވެ. މީހަކު އެއީ އުފާދޭ ތަކެއްޗޭ ބުންޏަސް އެބުނަނީ ކަނޑައެޅިގެން ދޮގެކެވެ. މި ކަންކަމަކީ ތިމާގެ ނަފުސު ހުސްކަމުގެ ތެރެއަށް ވައްޓާލާ މާޔޫސްކަން ގެނުވާ ތަކެއްޗެވެ. އެހެންކަމުން މިފަދަ ހަގީގަތެއްނެތް ފާސިދު ކަންކަމުން ދުރުވާށެވެ. ﷲ ގެ ޙަޟްރަތަށް ރުޖޫޢަ ވާށެވެ. ޤުރުއާން ކިޔަވައި ހަދާށެވެ. ރަނގަޅު ފޮތްފޮތާއި މީހުންނަށް އެހީވުމުގައި ވަގުތު ހޭދަކުރާށެވެ. އިޚްލާޞްތެރި ހިތަކުން އެކަލާނގެއަށް ތަޢުބާވެއްޖެނަމަ އެކަލާނގެ ތިބާގެ ކިބައިން އެތައުބާ ގަބޫލު ކުރައްވާނެއެވެ.

 

15. ވިސްނުންތޫނު އަންހެނުން ސަހަރާތައް ބަގީޗާއަށް ބަދަލުކުރެއެވެ.

މޭވާއަޅާފައިވާ ގަހަކަށް ގަޅި އުކުމުން އެއިން މޭވާ ވެއްޓެއެވެ. އެ މޭވާ ގަހުގައި   ދެވަނަފަހަރަކަށް ހަރެއް ނުލައެވެ. އެކަމަކު އެގަހުން މޭވާ ނިކުމެ ދޮންވެއެވެ. އެއިން ތަފާތު ފައިދާ ކުރޭވެސް މެއެވެ. ހަމަ އެމިސާލުން ތިބާގެ އިއްޒަތް ގެއްލޭފަދަ ކުދިކުދި ކަންކަންވެސް ނުކުރާށެވެ. އަދި އަބުރުގެއްލޭފަދަ ބޮޑެތި ކަންކަންވެސް ނުކުރާށެވެ. ތިބާގެ ބަހަކަށްވާންޖެހޭނީ ޒިކުރުކުރުމެވެ. ތިބާގެ ބެލުންތަކަކީ އެކަމުން ކަމެއް ދަސްކުރާކަހަލަ ކަމަކަށް ހަދާށެވެ. ތިބާ ހިމޭންކަން ވާންޖެހޭނީ ކަންކަމާމެދު ވިސްނާ ހެޔޮ ބަދަލު ދިރިއުޅުމަށް ގެނެވޭނެ ގޮތަކަށެވެ.  އޭރުން ތިބާއަށްފެންނާނީ އަސްލު އުފަލެވެ. ސިނކުޑީގެ ހަމަޖެހުމެވެ. ޢަމަލުތައް ސީދާ ކުރުމުން މުޖުތަމަޢުގެ މީހުން ތިބާ ބަލައިގަތުމުގެ އިތުރަށް މީހުންގެ ދޫތަކުން ތަޢުރީފު ކުރާނެއެވެ. އެމީހުންގެ ދޫތަކުން ތިބާއަށް ހެޔޮދުޢާ ކުރާނެއެވެ. ﷲ ތިބާގެ ނުތަނަވަސްކަމާއި ކަންބޮޑުވުން ފިއްލަވައިދެއްވާނެއެވެ. ރޭގަނޑު ނިދަން ދިއުމުގެ ކުރިން ވިތުރިކޮށްގެން ޤުރުއާނުގެ ބައެއް ދަސްކުރަން އުޅެފައި އެކަލާނގެއަށް އިތުބާރު ކޮށްފައި ނިދާށެވެ. ﷲއަށް އީމާންވާ މީހުންގެ ދޫތަކުންވެސް ތިބާއަށް ހެޔޮދުޢާ ލިބިގެން ހޭލެވޭނެއެވެ. އޭރުން އުފާވެރިކަން އޮތީ ފައިސާއިންނޭ ބުނާމީހުންގެ ބަސް ދޮގުވާނެކަން ތިބާއަށް ގަބޫލުކުރެވޭނެއެވެ. ކަންކަމުގައި ފަސްޖެހި އެގޮތުގައި އުޅުން ދޫކޮށްނުލާށެވެ. ބަދަލަކީ ލަހުން ގެނެވޭނެ އެއްޗެކެވެ. ދިމާވާ ދަތިތަކަށް ކެތްތެރިވެ ހައްލުކުރާށެވެ. އެ ދަތިތަކަކީ ތިބާ  ކުރަމުން އައި ހެޔޮކަންކަން ހުއްޓައިލުން ކަމުގައި ނުހަދާށެވެ.

 

16. ތަނަވަސް ރިޒްޤް ލިބެނީ ފާފަފުއްސެވުން އެދި ދެންނެވުމުންނެވެ.

އަންހެނަކު ކިޔައިދިނެވެ. އޭނާގެ ފިރިމީހާ ނިޔައުވީ އޭނާގެ އުމުރުން ތިރީހުގެ އަހަރުތަކުގައެވެ. އޭނާގެ ފަސްކުދިން ތިއްބެވެ. ދިރިއުޅުމުގެ އަނދިރިކަން ހަފަރާތުން އައިސް ބައްދާލި ކަހަލައެވެ. ރޮއިރޮއި ދެލޮލުގެ ފެނުން ގެއްލޭވަރުވަނީއޭވެސް ހީވާވަރަށްރޮވުނެވެ. އަހަރެންގެ ބަދުނަސީބާމެދު ޝަކުވާ ކުރެވުނެވެ. ހިތާމަޔާއި ކަންބޮޑުވުމުން އަހަރެން މޮޔަނުވީ ކިރިޔާއެވެ. އަހަރެންގެ ކުދިން ވަރަށް ކުއްޖެވެ. ފިރިމީހާ ފަހަށް ރައްކާކޮށްފައި ހުރި މަދު ލާރިކޮޅުން ވަރަށް ބަލައިގެން ޚަރަދު ކުރަމުން ދިޔައިރުވެސް އަހަރެންނަށް އެއިން ހަމައެއް ނުޖެހެއެވެ. އެއިން ދިރިއުޅުން ހަމަ ނުޖެހުމުން ކުރެވޭ ޝަކުވާތައް ހިތުގައި ހުރެ ބަދުނަސީބާމެދު ކަރުނައަޅަމުން ދިޔައީއެވެ. އެއްދުވަހަކު އަހަރެން ކޮޓަރީގައި އިނީމެވެ. ރޭޑިއޯ ހުޅުވައިލީމެވެ. ޝެއިޚު ދައްކަވަމުންދިޔަ ވާހަކަތައް އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރަށް ވަދެގެން ދިޔަކަހަލައެވެ. "ކީރިތި ރަސޫލާ މުޙައްމަދުން ޞައްލައްﷲ ޢަލައިހި ވަސައްލަމަ ހަދީޡް ކުރެއްވިއެވެ. އިޚްލާޞްތެރި ހިތަކުން ﷲއަށް ފާފަފުއްސަވަން ދަންނަވަން އެދޭމީހާއަށް އެކަލާނގެ އެމީހަކަށް ކޮންމެ ހިތާމަޔަކާއި ކަންބޮޑުވުމަކާއި ހާސްކަމެއް ފިލުވައި ދެއްވާނެއެވެ." އެހެންކަމުން އަހަރެން ވަރަށް ބޮޑަށް އެހާމެ ޚާލިސް ހިތަކުން ފާފަތައް ފުއްސަވާތޯ ދުޢާ ކުރަމުން ދިޔައީމެވެ. އަދި ދަރިންނަށްވެސް ނަސޭހަތްތެރިވެ ގޮތުގައި ސާބިތުވީމެވެ. އޭގެ އެންމެ ހަމަސްފަހުން މީހަކު އައިސް އަހަރެންގެ ފިރިމީހާގެ ކުރީގެ ގޯއްޗެއް ގެ ޚަބަރުދިނެވެ. އެމީހާ އަހަރެން އަތުން އެތައް މިލިއަން ރުފިޔާއަކަށް އެގޯތި ގަތެވެ. އަހަރެންގެ ދޮށީދަރިފުޅު ވީ ހަމައެކަނި އެ އަވަށުންވެސް އެންމެ ފުރަތަމަ ޤުރުއާން ހިތުދަސްކުރި ކުއްޖާއަށެވެ. އަދި އޭގެ ސަބަބުން މީހުންގެ ލޯތްބާއި އޯގާވެރިކަން ލިބުނު ކުއްޖަކަށެވެ. އަހަރެމެންގެ ގެ ވީ ﷲގެ ރަހުމަތް ފުޅުން ފުރިގެންވާ އުފާވެރިކަން ލިބިފައިވާ ތަނަވަސް ގެއަކަށެވެ. ﷲ އަހަރެންގެ ދަރިން ރައްކާތެރިކުރައްވާ އަހަރެންގެ ހިތާމަތަކާއި ދަތިތައް ފިލުއްވައި ދެއްވިއެވެ. އަހަރެންނަކީ އެންމެ އުފާވެރި އަންހެނާއެވެ. ހިތާމަކޮށް ރޮއި އެއްވެސް ނަސީބެއް ނެތްކަމަށް ހިތާ ގޮތް ހުސްވެއްޖެނަމަ އެއްވެސް ކަމެއް ދަހެއްނުވެ އުފަލެއްނުލިބި އުޅެންޖެހިދެއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *