ވާހަކަ: ތުއްތު ހައްވަ (ފަހުބައި)

އަލިކޮ އެނބުރި ދިޔަ ކަމުގައިވިޔަސް އޭނާގެ ހިތްވަނީ ކުދިކުދިވެފައެވެ. ކިތަންމެ ބޭނުންވިޔަސް މުއްސަނދިންގެ މިލްކުގައިވާތަކެއްޗަށް ލޯ އަޅާނަމަ އަނިޔާނޫން އެއްޗެއް ނުލިބޭނެއެވެ. ޖެހިގެން އައިދުވަހު ލިބުނު ޚަބަރަކީ އަލިކޮގެ ރުއްދަނޑުގައި ބަޔަކު ހުޅުޖަހާ ރޯކޮށްލި ވާހަކައެވެ. ރާއަރާ ހުރިހާ ރުކެއް އަންދާލާ އަޅިއަށް ހަދާލީއެވެ. އާދަނުމެންގެ ނުފޫޒުން ކަތިވަޅިގެއްލުވާލާ ކޮށިދަނޑުވެސް ގެއްލުވާލީއެވެ.

"އަވަސްވީ ގޮތަކުން މިރަށުން ފުރައިގެން ދާންވީ." އަލިކޮ ވިސްނަމުން ދިޔައެވެ. އިންސާނެއްގެ ހިލަމެއް ނުވާ ތުނޑިމަތީގައި އަލިކޮ ހިނގާލަ ހިނގާލަ ހުރީ ނިކަމެތިކަމުން ގެއްލުނު ލޯބީގެ އާހުގައެވެ. ތުއްތުނާދެކެ ވީ ލޯބީގެ ބަދަލުގައި ލިބެމުންދާ އަނިޔާއިންނާއި ލިބޭ ހިތާމައަށްވުރެ ހަނދުވަރުު މަތީގައި އެދެމީހުން ވީ ލޯބީގެ ވަގުތުކޮޅާއި އަހުދުތަކުގެ ހަނދާން ތަކުން ހިތަށް ކެތް ނުވާތީއެވެ. ރަށުގެ ކޮންމެ އެއްޗެއް ދައްކަނީ ތުއްތުހައްވަގެ ލޯބީގެ ހަނދާންތައް ކަމުގައި ވާތީއެވެ.

ކުއްލިއަކަށް އަލިކޮގެ ލޮލުގައި އަޅައިގަތީ  ދެފެން ދޭތެރޭގައި އޮތް އިރުގެ އަލިން ދަޅަ އަރަމުންދާ ފުޅިއެއް ކަހަލަ އެއްޗެކެވެ.  ތިންމުށެއްހާ ދިގު ރިހިކުލައިގެ  އެލްމިނިއަމް ފުޅިއެކެވެ. އެ އެއްޗެއް ރީތިކަމުން ނުހަނު އުނދަގުލުން ނަގައިގެން އެއްގަމަށް އަރަނިކޮށް ތުއްތުހައްވަގެ ބައްޕަޔާއި އާދަނާއިއެކު ދެތިން މީހަކު އެދިމާއަށް އަންނަނީއެވެ.

"މީހުންގެ އެއްޗިހި ނަގައިގެން ގެންދާކަށް ކަލޭ ޖެހިލުމެއްވެސް ނުވޭތަ؟" އަލިކޮ އަތުގައި އޮތް ފުޅި ޖަހައިގެންފައި އާދަނު ހަޅޭއްލަވައިގަތެވެ.

"ދެފެންދޭތެރޭގައި ރަށުގޮނޑުދޮށަށް ލައްގަން އައި އެއްޗެއް ހޮވީމާ އޭގެ ވެރިޔަކަށް ވާނީ އެ ހޮވިމީހާ."އަލިކޮ މިފަހަރު ދޫދޭކަށް ބޭނުމެއް ނުވިއެވެ.

"ތި ހޮވިމީހެއް އެނގޭނީ ފަނޑިޔާރު ގެއިން." އާދަނު ބުންޏެވެ. އެ ފުޅި އަތުލައިގަނެ އެންމެފަހުން ފަނޑިޔާރުގެއަށް ހަވާލުކޮށް މައްސަލަވެސް ޖައްސައިފިއެވެ. ނަމަވެސް އެ ރިހިކުލައިގެ ފުޅީގެ މިލްކުވެރިކަން އާދަނު ޖަހައިގަތީ ދޮގުވެރި ތިން ހެކިވެރިންނާއި ތުއްތުހައްވަގެ ބައްޕަގެ ނުފޫޒު ގަދަކަމުންނެވެ. ތުއްތުހައްވަ ވެސް އަލިކޮއަތުން ޖަހައިގެން ފަދަ އަނިޔާއާއި ބޭއިންސާފުންނެވެ.

 

އަލިކޮއަށް ޖެއްސި ބޭއިންސާފުގެ ޝަރީއަތުގެ ވާހަކަ ތުންތުން މަތިން ތުއްތުހައްވަޔާ ހަމައަށްވެސް ފޯރިއެވެ. އޭނާ އެންމެ ލޯބިވާ އަލިކޮއަށް ދޭ އަނިޔާއާއި ދުއްތުރާތައް ފެނުމުން ހައްވަގެ މަޖުބޫރުކަން ނިމުމަކަށް އައެވެ. ފާޅުގައި ބައްޕަޔާއި އާދަނުގެ ބަސް ނުވިކޭ ހިސާބަށް ނިކުތީ އަނިޔާއާއި ދެކޮޅަށެވެ.

"އެއީ ވަރަށް އަނިޔާވެރި ބައެއް. އެދުވަހު އަހަރެންނަށް މި ހިތްނޭދޭ ކައިވެންޏަށް އިންކާރު ކުރުމުގެ ހިތްވަރު ލިބުނުނަމަ."  ތުއްތުހައްވަ ފެންބަލާ ދިޔަ މަގުމަތީގައި ފަރާތަކަށް ޖެހިލާފައި އަލިކޮޔާއި ބައްދަލު ކުރިއެވެ. ނަމަވެސް އެދުވަހު އަލިކޮ ދިންޖަވާބު ކުރުވެފައި ސާދާއެވެ.

"އެދުވަހު ވަކިވިގޮތަށް އަދިވެސް އަހަރެން މިހުރީ އެގޮތުގައި. ދުޝްމަނުންގެ ހައްގެއްގެ ގޮތުގައި ހުރެގެން އަހަރެންނާ ހަތަރު ކަޅި ހަމަނުކުރާތި؟"  އަލިކޮ ދިޔައީއެވެ. އޭގެ ފަހުން އަލިކޮއެއް ހައްވައަކަށް ނުފެނެއެވެ. ރަށުމީހަކަށްވެސް އަލިކޮ ދިޔަތަނެއް ނޭނގެއެވެ. އަލިކޮ އެ ރަށަކު ނެތެވެ.

ހައްވަ ހިތުގެ އަޑީން ހުރިހާކަމެއް ބަދަލު ކުރަން ވެއްޖެކަމަށް ނިންމާ ބައްޕައާއި އާދަނުގެ ނުފޫޒުން ސަލާމަތް ވާން ނިންމި ނިންމުން ނާކާމިޔާބަށް ދީލާލަން ޖެހުނީ މައިވަންތަކުގެ ލޯބި އަޅުވެތި ކަމަށްވުރެ ގަދަވީމައެވެ. އަލިކޮ ޣައިބުވުމާއި އެއްމާބަނޑު ދެކުދިންގެ ހައްގުގައި އަމިއްލަ ދިރިއުޅުން ހިމޭން ކަމާއިއެކު ހޭދަކޮށްލީއެވެ. ހަތަރު ކުދިން ލިބި ފަނަރަ އަހަރު ފާއިތު ވީއިރުވެސް އޭނާގެ ހިތުގައިވާ  އެ ލޯބި އަދިވެސް ތާޒާއެވެ. އަލިކޮވީތަނެއް ނޭނގުުނަސް ހައްވަގެ ހިތުގައި ކެންސަރަށް ވެފައިވާ ފާރުގަނޑު ރަނގަޅު ކޮށްދެވޭނީ އަލިކޮއަށްކަން ހައްވައަށް އެނގެއެވެ.

"ކޮބާ އެކުދިން." ހެނދުނުން ފަށައިގެން އާދަނާއެކު އެކުދިން އުޅޭތީ ހައްވަ އެހިއެވެ.

"އެކުދިންވީ އަލިބެގެއަށް ރޭޑިއޯއެއް ގެނެސްގެން އެ ބަލަންގޮސް. މި ދަތުުރުގައި ހަގަށްތިބި ދެކުދިންވެސް މަހަށް ދާނެ. މިހާރު އެތިބީ ތަސައްރަފު ފުދިފައި. އަހަރެން މިއައީ އެއްކަލަ ރިހި ފުޅި ބަލާ.  ވަރަށް ދުވަސް ވެއްޖެތާ އެ ފުޅި ބަނޑަހަގޭގައި އޮންނަތާ. މަށަށް ހީވަނީ މި ވިރުވާލަނިކޮށް ފަހުން ބާލަން ތައްޔާރު ކުރާ ދޯނީގައި ކަބީލާ ޖަހަން ރަނގަޅު ވާނެހެން." އާދަނު ވާހަކަ ދެއްކީ ތުއްތު ހައްވައާއެވެ.

އެފުޅި ފެނުމުން ޒަމާން ތަކަކަށްފަހުން ހިތުގައި ރިހުން ގަދަވެގެން ދިޔައީ އަލިކޮއަށް އެމީހުން ދިން އަނިޔާ ހަނދާން ވުމުންނެވެ. ދެލޮލުން ފާއްްދާލި ކަރުނަތައް ފޮހެލާކަށްވެސް ހައްވައަކަށް ނުކެރުނެވެ. ދެތުންފަތް ތުރުތުރު އަޅާތީޔާއި ރޮވުމުުގެ އަސަރުތައް މޫނުމަތިން ފެނިދާނެތީ ތުއްތުހައްވަ އަނެއް ފަރާތަށް އެނބުރުނެވެ.

"އަދިވެސް އަލިކޮގެ ހަނދާން ތަކުން ހިތަށް ތަދު ކުރަނީތާ." އާދަނު އާދައިގެ މަތީން ބުނާ މަލާމާތުގެ ބަސް ހައްވަގެ ހިތުގެ އެންމެ ފުނަށް ހެރިއްޖެއެވެ. ހިތާމަ ތަކުން އެއްފަރާތް ވެލުމަށްޓަކައި ހައްވަވެސް އެބުނާ ރޭޑިއޯއެއް ބަލާލަން އަލިބެ ގޭދޮށަށް ދިޔައެވެ.

އަލިބެ ގޭދޮށް އޮތީ ފުރިފައެވެ. ޅަދަރި ފުރަހަންޏަށް އެ ރޭޑިއޯއިން ދައްކަމުންދާ ވާހަކަ އަޑު އަހަން ހިމޭން ކަމާއިއެކު އެންމެން ތިއްބެވެ. އައްސަވަމުން ތިޔަ ގެންދަވަނީ ދިވެހިރާއްޖޭގެ އަޑޭ ބުނެފައި ދިވެހި ރާއްޖޭގެ ރަށްރަށަށް ދޭތެރެ ދޭތެރެއިން ލަށްްގަމުންދާ ގޮތްނޭނގޭ ފުޅިތަކަކީ ނުރައްކާ އެއްޗެކޭ ބުނަންވާއިރަށް ހައްވަގެ ލަގޮނޑި ފުންމައިގެން ނުދިޔައީ ކިރިޔާއެވެ.

ރަށު ރައްޔިތުންހެން ރޭޑިއޯ އަޑުއަހަން ތިބުމުން އަބަދުވެސް އެހެންޏާ ކުދިން ކުޅެން އުޅޭ އަތިރިމަތީގައި މިއަދު އެއްވެސް ކުއްޖެއް ނެތެވެ. އައްސޭރި ފަށުގައި ބަނދެ ނިމިފައިވާ ހުރި ދޯނީގައި ކަޑިލުމަށްޓަކައި ފޮތިގަނޑަކާއި ދަޅެއް ހިފައިގެން ތުއްތުހައްވަގެ ބައްޕަ އަވަދިނެތި އުޅެމުން ދެއެވެ.  އާދަނު އިނީ ދޯންޏާއި ތަންކޮޅެއް ދުރުގައި ހުރި ކަނބުރުގޭގައި ގިރުނބާ ދަމާށެވެ. ހުރިހާ ލޯ ތަކެއް ދަޅަކަށް އަޅާ އަލިފާނުން ވިރުވާށެވެ. ގިރުބާއިން އަލިފާން ނަގައިގެން ދުންބޯންހުރި ސަންފަ މައްލަވަ ކުރާތީ އާދަނަށް ލިބިފައިވަނީ އިތުރު މުރާލި ކަމެކެވެ.

"ތީ ހާދަހާ ރީތި ފުޅިއެކޭ. އަލިފާނަށްލާން ހެޔޮވެސް ނުވާނެއެއްނު." ސަންފަ ރަކި ވެލާފައި ގުޑުގުޑާގައި ތުންޖަހާ އެތެރެއަށް ދަމާލާފައި ބުންޏެވެ.

"މިއީ ހޮވި ފުޅިއެއް، ވަރަށް ގިނަ ލޮއި ލިބޭނެ ކަމަށް މިބަލަނީ."  އެފުޅި އަލިފާނުގައި އެތައް އިރެއް ވީއިރުުވެސް ގޮތެއް ނުވެގެން ޚިޔާލެއް ފިކުރެއްނެތި ދަނޑިބުރިއަކުން  ތަންކޮޅެއް އެތެރެ ކޮށްލަމުން އާދަނު ބުންޏެވެ.

"ކިތަންމެ ލޮޔެއް ކިތަންމެ ގިނައަދަދަކަށް ލިބުނަސް އަދި ކިތަންމެ ދޯންޏެއް ލިބުނަސް އާދަނުގެ ހަޔާތުން އަހަރެން މިއެދޭ ކަމެއް ނުލިބެންޏާ އޮތީ ކޮން އުފަލެއް. އަލިކޮ އަތުން ހައްވަ ޖަހައިގަނެ އަދި އަލިކޮ ހޮވި ތި ރިހިފުޅި ފޭރިގަތަސް އާދަނަށް ފުރިހަމަ އުފަލެއް ނުލިބޭތީތާ އަހަރެން މި ހުންނަނީ." ސަންފަ އަނގައިންނާ ނޭފަތުން އައި ދުންތައް އާދަނާ ދިމާއަށް ބުރުވާލިއެވެ.

"އާނ. ސަންފަ ހަލާލު ކުރަންވީ ދުވަސް އޮތީ ދުރެއްގައެއް ނޫން. އެހަށް މީތި ވިރުވާލަންދެން މަޑުކޮށްލާ. މިއިން ލިބޭ ފައިދާ މަދެއް ނުވާނެ."  އާދަނު ސަންފަގެ ގުޑުގުޑާއަށް ދަމާލަމުން ބުންޏެވެ. ސަންފަ ރަކިވެގެންގޮސް މޫނު ރަތް ވެއްޖެއެވެ.

"އޭތި އަލިފާނަށް ނުލާތި؟ އެޔާއި ދުރަށްދޭ؟" ހައްވަ ދުވަމުން ކޮންމެވެސް އެއްޗެކޭ ގޮވަމުން އަންނަތަން އާދަނަށް ފެނެއެވެ. ކަނޑިކި ހިއްލާފައި ހުރިލެއް މަތި ކަމުންނާއި ދުވަމުން އަންނަލެއް ބާރުކަމުން ކޮންމެވެސް ކަމެއް ވީކަން ޔަގީން ވެގެން އާދަނު ދާން ތެދުވިއެވެ.

"އަނެއްކާ ކޮންކަމެއް ލައިގަތީބާ." ސަންފަ ތުންފިއްތާލާ އަނެއް ފަރާތަށް އެނބުރުމާއި އާދަނު ކިހިނެއްވީހޭ ގޮވާލިއަޑާއި އެއްކޮށް ބާރު އަޑުފަށްގަނޑެއް އިވިއްޖެއެވެ. ހޮނުގުގުރިއެއްހެން އެއްޗެއް ގޮވައިގެން ދިޔައަޑާއި ފާޑެއްގެ ކުނޑިތަކެއް ބުރައިގެން މަންޒަރާއި ދޯނި ދޮށުގައި ތިބި ތިން މީހުން ރޮއިގަތް އަޑާއި އެކުވެގެން މުޅިތަން ފުސްވެގެން ދިޔައީ އެއްފަހަރާއެވެ. ސިކުންތު ކޮޅެއްތެރޭގައި ރުފިޔާ ފޮތިތަކެއް ކަހަލަ ތޫނު ދަގަނޑުފޮތި ކޮޅުތަކެއް ބުރައިގެން ގޮސް އެންމެ ކައިރީގައި ތިބި ތިން މީހުންގެ ފުރާނަ މިދުނިޔެއާއި ވަކިކޮށްލައިފިއެވެ. ވަށައިގެން ވަނީ ލޭގެ ކޯރު ހެދިފައެވެ.

"މި ހަޔާތުގެ ކޮންމެ ކަމަކީ އެމީހަކު ކުރި ކަމެއްގެ ބަދަލު އެމީހަކަށް ދެވޭނޭ ކަންކަން. ދެން ނުފެނި ބާކީ އޮތީ މިދުވަސްތައް ފެންނަން ކަންނޭނގެ." ކަރުނުން ފުރިފައިވާ ދެލޯ ފޮހެލަމުން ހައްވަ ހިތާހިތާ ކިޔާލިއެވެ. ލޯބިވާ ބައްޕަޔާއި ފިރިމީހާޔާއި ސަންފަގެ ޖަނާޒާއަށް ހައްވައަށް ނުދެވުނީ ފެނުނު މަންޒަރުގެ ބިރުވެރިި ކަމުންނެވެ.

 

ހައްވަގެ ހިތާމައިގެ ދުވަސްތައް ނުނިމި އުޅެނިކޮށް ހަތަރު ދަރީން މުސްކުޅި މުދަލާ ކޯޅެން ފެށިއެވެ. އެކެއްގެ އަނބިިމީހާ އަނެކަކާއި ގުޅުމެއް ނެތެވެ. އެއްގޮހޮރުގައި އޮތެއްކަމަކު އެއްލެޔެއް ދައުރުވިއެއް ކަމަކު އެއްބެޔާއި އަނެއްބެޔެއް ހަތުރުނަށްވެ މުސްކުޅި މުދަލުގެ ބަރަކާތް ކެނޑިގެން ހިގައްޖެއެވެ. ވިޔަފާރިއަކަށް ވީ ކައިވެނީގެ މޭވާ އެވިޔަފާރިން ހަނާކޮށް ހަފުސް ކޮށްފިއެވެ. ހަމައެއް އިންސާފެއްނެތި ބެހެވިގެން ދިޔަ މުދަލުގެ ހިތި ރަހަ ލިބުނީ ހައްވައަށެވެ. ބަލާނެ ދަރިއެއްނެތި ވަންނާނެ ގެއެއްނެތި އަތިރިމަތީގައި އިންނަން ޖެހުނީ އޭނާއަށެވެ. އޭނާގެ ދެލޯވަނީ އަޑިވަދެފައެވެ. ލޯކައިރި ހީވަނީ އަނދާ އަޅިއަށްވެފައި ވާހެންނެވެ. އެރީތި ފަތި ހަށިގަނޑު ވަނީ ހިކި އަނަރޫފަ ވެފައިވާ ކަށިގަނޑަކަށް ވެފައެވެ.

"އަހަރެން މިހުރީ ހައްވަ ބަލާއައިސް." އެއީ ކަންފަތް ކައިރީ އެނބުރެމުންދާ މާބުރުގެ އަޑާ އެކުވެގެން އައި  އެއަޑަށްޓަކައި ހިތްއެދި ގޮވަމުންދިޔަ އަލިކޮގެ އަޑެވެ.

"ނޫން. މިހާރުދެން ކީއްކުރަން. މި ޒުވާންކަން ނެތި ދިޔަފަހުންތަ؟ ފަރިކަމާއި ރީތިކަން ގޮސް މޫނުގައި ރޫޖެހުނު ފަހުންތަ؟ ދިރިއުޅުމުގެ އުންމީދު ގެއްލުނު ފަހުންތަ؟" ހައްވައަށް ރޮވުނެވެ. ދެލޮލުން ކަރުނަ އޮހިގަތެވެ.

"މާރަނގަޅެއްނު. ކޮންމެ މީހަކުވެސް ބޭނުންވާނީ އުމުރުގެ މިހިސާބުން އުފާވެރި ދިރިއުޅުމެއް. އެބަޔަކަށްޓަކައި ދިރިއުޅުން ގުރުބާންކުރި މީހުން ހައްވަ ދޫކޮށްލުމުން ހައްވަ ހުންނަންވީ ކީއްވެ؟ އަދިވެސް އެ ހަނދުވަރުގައި ފެނުނު ތުއްތުނާއާއި މިހާރުގެ ތުއްތުނާއާއި އަހަންނަކަށް ތަފާތެއް ނެތް." އަލިކޮ  ހައްވަގެ އަތުގައި ހިފާލިއެވެ. އެމީހުންގެ ހިތުގެ ލޯބި ބަލެއް ނުވެއެވެ. އަދިވެސް ހުރީ ތާޒާކޮންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *