އިސްލާމީ އަންހެން ޝަޚުޞިއްޔަތު- ލުބްނާ

ކޮރްޑޮބާގެ ލުބްނާއަކީ ބުނެވޭގޮތުގައި ސްޕެއިންގައި އުޅުނު އަޅު އަންހެން ކުއްޖެކެވެ. ލުބްނާ ތިންނަމަކުން މަޝްހޫރުވެފައިވެއެވެ. ލުބުނާއެވެ. ލަބްނާއެވެ. ލުބާނާއެވެ. ކުޑައިރުގެ މައުލޫމާތު މާބޮޑަކަށް ލިބިފައި ނެތްނަމަވެސް ލުބުނާއަކީ ސްޕެއިންގެ ކޮރްޑޮބާގެ އުމައްޔަދުގެ ގަނޑުވަރުގައި އުޅުއްވި އަންހެން ބޭފުޅެކެވެ. އަޅުކުއްޖެއްގެ ގޮތުގައި ސްޕެއިންގެ ވެރިކަމުގެ ގަނޑުވަރުގައި ބޮޑުފުޅުވެ ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ސަބަބުން ލުބުނާއަށް މީހުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގަތެވެ. ލުބުނާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި މުރާލިކަމުގެ ސަބަބުން އޭނާގެ ޢިލްމުވެރިކަންވެސް ޚަލީފާގެ ކުރިފުޅުމަތީގައި ތަޢުރީފް ހޯއްދެވިއެވެ. އެގޮތުން ހިޖްރައިން 961 ގައި އެ ގަނޑުވަރުގައި ޚަލީފާ އަބްދުއްރަހުމާނު 3 އާއި ޚަލީފާގެ ދަރިކަލުން އަލްހަކަމް ގެ  ސެކެޓްރީގެ ގޮތުގައި ވެރިކަމުގެ ގަނޑުވަރުގައި މަސައްކަތް ކުރެއްވެވިއެވެ.

ލުބްނާއަކީ ހިސާބު ޢިލްމަށް މަޝްހޫރު އަންހެން ބޭފުޅެކެވެ. އަދި އޭނާއަކީ 500،000 ވުރެ ގިނަ ފޮތްތައް ބެލެހެއްޓެވި ލައިބްރޭރިއަން އެކެވެ. އެޒަމާނަކީ ދުނިޔޭގައި އިސްލާމްދީނުގެ ޢިލްމު ފެތުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު ޒަމާނެކެވެ. އަދި މުސްލިމުންގެ މެދުގައި އެހެނިހެން ޢިލްމުތައް ކުރިއެރުވުމަށް ވާދަވެރިކަން އުފެދިފައިވާ ޒަމާނެކެވެ. އޭނާ މެދުއިރުމަތީގެ  ގައުމުތަކަށް ދަތުރުކުރައްވާ ފޮތްތައް ހޯއްދެވުމުގައި ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. އެގޮތުން މިސްރަށާއި ދިމިޝްގަށާއި ބަޣުދާދަށްވެސް ވަޑައިގަންނަވާ ތަފާތު ފޮތްތައް ހޯއްދެވިއެވެ. ތަފާތު ބަސްބަހުގެ ފޮތްތައް ސްޕެނިޝް ބަހަށް ތަރުޖަމާ ކުރެއްވިއެވެ. އެގޮތުން އޭރުގެ މަޝްހޫރު ގުރީކްގެ ތާރީޚީ ފޮތްތައް ފާހަގަ ކުރެވެއެވެ. އެކަމަނާ ބެލެހެއްޓެވި ކޮރްޑޮބާގެ މި ލައިބްރަރީއަކީ އެ ޒަމާނުގައި އެންމެ މަޝްހޫރު ލައިބްރަރީއެވެ.

މީގެ އިތުރުން ލުބުނާއަކީ މޮޅު ލިޔުންވުންތެރިއެކެވެ. ޅެންވެރިއެކެވެ. ކުޑަކުދިންނަށް ކިޔަވައިދެއްވި އެދުރެކެވެ. ސްޕެއިންބަސް ފެންފަދައިން ދެނެވަޑައިގަންނަވާ ބަހުގެ ޤަވައިދުތައް ދެނެވަޑައިގަންނަވާ ބަސްވާރެކެވެ. އަދި އޭނާއަކީ ސައިންސް ޢިލްމަށް ކުޅަދާނަ އިލްމުގެ ފެންއާރުން ފެން ހިއްޕަވާފައިވާ މޮޅު އަންހެން ބޭފުޅެކެވެ. މުސްލިމުންނަކީ މުސްލިމް އަންހެނުންނަށް ފުރުސަތު ނުދޭ، އަންހެނުންގެ ހައްޤުތަކަށް އަރައިގަންނަ ބައެއްގެ ގޮތުގައި އަދި އެފަދަ ތާރީޚެއް އޮތްބައެކޭ މީހުން ކީނަމަވެސް ލުބުނާގެ މަސައްކަތްޕުޅުތަކަށް ދިރާސާކޮށް ބަލައިފިނަމަ އެއީ ދޮގެއްކަން ސާބިތުވެއެވެ. ޚަލީފާ އަބްދުއްރަހުމާނު 3 އާއި ޚަލީފާގެ ދަރިކަލުން އަލްހަކަމް ވަނީ ލުބުނާގެ ގާބިލްކަން ވަޒަންކުރައްވާ ފުރިހަމަ އިޚްތިޔާރު ދެއްވާފައެވެ. އަދި ލުބުނާގެ މަސައްކަތްޕުޅަށް އިތުބާރު ކުރައްވާ ޚަލީފާވަނީ ވަރަށްގިނަ ބާރުތަކެއް ލުބްނާއަށް ދެއްވާފައެވެ.

ލުބްނާއަކީ މުސްލިމް އަންހެނުންނަށް ނަމޫނާއެކެވެ. އަމިއްލަފުޅު މަސައްކަތުން ކާމިޔާބު ހާސިލްކުރެއްވި މުރާލި ކަނބަލެކެވެ. އޭނާއަކީ ދިހަވަނަ ޤަރުނުގައި އަންދަލުސްގެ ރަސްމީ ގަނޑުވަރުގައި އުޅުއްވި ތަފާތު ގިނަ މަސައްކަތްތަކަށް ހުނަރުވެރި ބޭފުޅެކެވެ. އެ ދުވަސްވަރު އެއްވެސް އަންހެނަކަށް ލުބުނާ މަސައްކަތްކުރެއްވި ފެންވަރަށް އުމައްޔަދު ގަނޑުވަރުގައި މަސައްކަތް ނުކުރެވޭ ޒަމާނެއްގައި އޭނާ ކުރެއްވި މަސައްކަތްތަކަކީ ފާހަގަ ކުރެވޭ މަސައްކަތްތަކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *