އުނިމާ

އިރުވައިމޫސުމުގެ ފިނިފިނި ރޯޅިތައް ގަސްތަކުގައި ބީހެމުން ނަށަމުންދާއިރު މާދުރަށް ލެނބިފައި އޮތް ކާނިގަހުގެ އުނދޯލީގައި އިން ޒުލޭހާއަކަށް ފިނީގެ އިޙްސާސެއް ނުވެއެވެ. ރަތްލޭކޮޅެއްހެން ދޮންވެފައިވާ އެހާމެމީރުވަސް ދުވާ މާކަށިކެޔޮގަނޑަށް ތިރިކުރަމުންދިޔަ ލޭކޮކާލުގެ ހަރަކާތްތަކަށް ބަލަން އިނަސް ހިތުގައި އަޅަމުންދާ ކެކުޅުމަށް ފަސޭހަކަމެއް ނުދެއެވެ. އުނގުފުރާ އުނިމާތައް އަޅައިގެން ޒަމާނުގެ އަމާން ޖައްވެއްގައި އިނަސް ހަނދާނުގެ ފަތްފުތްތައް ހުޅުވާލުމުން ޒުލޭހާ ރޫރޫއަޅައިގަތެވެ.

ޒުލޭހާ ފުރާވަރަށް އެރީ ޔަތީމަކަށް ވީތީ ހުވަފަތް މަންމަޔަކާއިއެކު ދަނޑުގޮވާން ކުރަން ވަލުގައި އުޅެނިކޮންނެވެ. ހިމަހޯލިކަހަލަ އިނގިލިތަކާއި މަޑުއަތްތިލައާއި ޖަންބުކޯތާފަތުގައި ހުރި ފަރިކަމާއި ނަލަކަން ދަނޑުގައި އުޅުނެއްކަމަކު އައީ ފުރާފުރިހަމަ ވަމުންނެވެ. ފަތިހަށިގަނޑާއި ދުޅަހެޔޮ އިސްތަށިގަނޑަކީ ރަށުގެ އެންމެ ރީތި ކުއްޖާއަށް ޒުލޭހާ ވީ މަދުސަބަބުތަކެވެ.

އިރުވައިމޫސުމުގެ ފަހުކޮޅުގައި ދަނޑުކޮށާފައި ސާފުކޮށްފައި އަންދާހެދިއިރު ރަށުގެ އެންމެ ޝާހީ އާއިލާގެ މާޖިދު ދިޔައީ ދަނޑުކައިރީގައި މުގޯލި އަޅަމުންނެވެ. ހުޅަނގު މޫސުމުގެ ކެތީގައި ގޮވާން އުކިދުވަހު އުނިމަލުން ފުރާފައި ކުޑަކުޑަ ހައިވަކަރު ފޮއްޓެއް އޭނާ ޒުލޭހާއަށް ފޮނުވިއެވެ. ބިލެއްގަނޑެއްގެ ހުނގޫ ކޮޅުގައި ބިލެއްހުނި ޖަހާފައި މުދިންބެ ގޯތި ހުސޭނު ލައްވާ މާޖިދު ލޯބިހުށައެޅި ފޮށްޓަކީ އަގުބޮޑު އެއްޗެކެވެ.

"އަހަރެންކަހަލަ އަނިޔާ ލިބެމުންދާ ނިކަމެތި ކުއްޖަކަށް މާޖިދުގެ ހިތުން ޖާގައެއް ލިބުނީތާ؟" ލަދުން ވިރިގެންދާ ހާލުގައި ބިލެއްގަނޑުގައި ހިފާ އާނބަސް ދިނީ ތިން މަސްދޯނި އޮންނަ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ދަރިއަކަށް ވީމައެއް ނޫނެވެ. ފެށުނީއްސުރެވެސް މާޖިދުގެ ފަރިކަމާއި މުރާލިކަމާއި އެހުންނަ އޯގާތެރިކަމުންނެވެ.

"ބަނޑުފުރާނަ މުއްތިކުރަން ލޭންދޭނަށް ނެގި ތަކެތީ އަގު ޚަލާސްކޮށް ނިކަމެތި ކަމުގެ ގިލަންވެރިކަމުން ސަލާމަތްވާން ތިއީ ކޮންމެހެންވެސް މުހިންމުކަމެއް." ގާތުގައި ހުރި މަންމަވެސް އެކަމާއި ނުހަނު އުފާކުރިއެވެ.

ދަނޑުގައި ގަސްތައް ފަޅާ ބިމުން މައްޗަށް އުފުލިލާ އިރުވައިމޫސުމުގެ އަދައިގައި ގަސްތައް ބަދައަށް ދެމިއިރު އަލަތު ލޯބީގެ އުފާވެރިކަން އައްސޭރިފަށުންނާއި ތުނޑިމަތިންނާއި ލޯބިވެރިންގެ މާލަންތަކުގައި ލިޔެވިއްޖެއެވެ.

"މާދަމާ ކައިވެނީގެ ހަދިޔާ ފޮނުވާނަން. ގޭގައި އުޅޭތި؟" އަތިރިމަތީގައި އިން އުނދޯޏެއްގައި ރިހިހަނދުވަރުގެ އަލިން ފެންވަރަމުން ދިޔަ ދެލޯބިވެރިންގެ ވާހަކައަކީ ކައިވެންޏާއި އެކައިވެނީގެ ކުރިމަގުގެ ފޮނިކަމެވެ. މާޖިދުގެ އަތުން ޒުލޭހާގެ އިސްތަށިގަނޑުގައި އުނިމާ ޖަހައިދެމުން ދިޔަތަން ބަލަން ދުރުގައި ހުރި އަރީފްގެ ހިތް ނަފުރަތުގެ ގިނިން އަނދަމުން ދެއެވެ.

ދޮވެފައި ހުރި އަންނައުނުތައް ހިއްކަން އަޅަން ހުރި ޒުލޭހާ ހަރަކާތައް އަވަސް ވެފައިވަނީ އަންނަން ބުނެފައިވާ މާޖިދު ކުއްލިއަކަށްވެސް އަތުވެދާނެތީއެވެ. ގިފިލިދޮރު ހުޅުވާލާފައި މީހަކު އަންނަކަން ޒުލޭހާއަށް އެނގުނަސް އަޅާނުލާ ހުރީ މާޖިދު ސަމާސާއެއް ކޮށްލަނީކަމަށް ހިތައެވެ.

"އަހަރެން ކަމުނުދިޔައީ ތިން ދޯނި ނޯންނާތީ. އަހަރެންގެ މުލައްދަނޑީގައި މާޖިދުގެ އެ ހުންނަހާ ބާރު ނުހުންނާނެ ކަމަށް ހީކުރަނީތަ؟" އަރީފު ފަހަތުން އައިސް ޒުލޭހާގެ އަތުގައި ހިފިއެވެ. ޒުލޭހާގެ އަތުގައި އޮތް ހެދުން ވެއްޓުނީ ލިބުނު ކުއްލި ސިހުމަކުންނެވެ.

"މާތް ﷲ އަށްޓަކައި ނަމަވެސް އަހަރެން ދޫކޮށްލާ." ޒުލޭހާގެ މޭގަނޑު ފަޅާލާފައި ހިތް ބޭރަށް ނިކުންނަން އުޅޭ ކަހަލައެވެ. އޭނާ ބިރުން ތުރުތުރު އަޅައެވެ. އަރީފު އައިސްފައިވާ ރުޅީގައި އެހެންޏާވެސް ހަދާގޮތަށް ޒުލޭހާ ލައިފައިވާ ލިބާސް އިރާލައިފިއެވެ. ބޯކޮށް ހެދިފައިހުރި ބިލެއް އުނިތެރެއަށް ޒުލޭހާ ކޮށްޕާލިއެވެ. އަދި ރޮއިރޮއިއޮތް ޒުލޭހާގެ ގައި މައްޗަށް ޖެހިގަތެވެ.

"ކަލޭ މަންމަ އަހަރެން އަތުން ނަގާފައިވާ ހުރިހާ ފައިސާއަކާއި ހުރިހާ އެހީއެއް އެއީ ހިލޭ ދިންއެއްޗިހި ކަމަށް ހީކުރަނީތަ؟ އޭގެ ބަދަލަކީ ކަލޭ ހިބަކުރުން ކަމުގައި ދިން އެއްޗިއްސޭ." އަރީފުގެ ނުބައިކަން އިންތިހާއަށް ގޮސްފައިވެއެވެ.

"އަހަރެން ލޮލުގެ ކުޑަކޮޅުން ބަލާލި މީހަކާ ދިމާއަށް ބަލާލިޔަސް ކަލޭގެ ދެލޮލުގެ އޮށް ނަގާނަން." އަލަތު ކައިވެންޏަށް ގެނައި ތިންގަޑެއްޗާއި އާއިލާފަރާތުން ވާރުތަވާ ރަންއުޅާބަޔާއި ރަންފައްޓަރުބައި ހިފައިގެން އައި މާޖިދަށް އަރީފުގެ ޝައިތޯނީ އަމަލު ފެނުމުން ލޭ ހޫނުވިއެވެ. އޭނާ އަރީފުގެ ކަރުގައި ހިފިއެވެ. އަރީފްގެ ނޭވާ ދަތިވާން އުޅޭހެން ހީވީމާ އަރީފް ކޮށްޕާލިއެވެ. އޭނާ ބިންމައްޗަށް ވެއްޓުނެވެ. މާޖިދުގެ އެއްއަތުން އަރީފުގެ ކަރުގައި ހިފައި އަނެއްއަތުން އަނގަތެރެއަށް އަތްކޮށްޕާލިއެވެ.

"މީގެފަހުން އަހަރެންގެ ޒުލޭހާއާއި އަނގައިން ނުބުނެވޭ ގޮތަށް މި ދޫ އުފުރާލާނަން." މާޖިދު ރުޅިއައިސްގެން ތުރުތުރު އަޅައެވެ.

"އޭނާ މަރުވެދާނެ." ޒުލޭހާ ފަކީރު ބިރުގަތުމާއި ހާސްކަމުން އަނބުރައި ނުގެންނަމަ އެދުވަހު އަރީފުގެ ދޫ އޮތީހީ މާޖިދުގެ މުށުތެރޭގައެވެ. ނިވާނުވާހާލުގައި އޮތް ޒުލޭހާގެ ނިކަމެތިކަން ފެނުމުން މާޖިދުގެ ހިތް އޯގާވެރިކަމާއި ކުލުނުން ފުރުނެވެ. އޭނާ ކައިވެންޏަށް ގެނައި ތިންގަނޑެތިން ޒުލޭހާ ނިވާކޮށްދީ ހޭހަންކޮށްދީ ހެދީ ނުހަނު ކަމޭ ހިތައިގެންނެވެ.

"އަހަރެންގެ ޒުލޭހާގެ ގައިގާ އަހަރެންގެ ފުރާނަ ހިނގާހާ ހިނދަކު މީހަކަށް އިނގިލި ކުރިވެސް ޖައްސާ ނުލެވޭނެ." ރޮމުން ގިސްލަމުން ދިޔަ ޒުލޭހާގަޔާ ބޮޑިކޮށްލާފައި މާޖިދު ބުންޏެވެ.

ހާދިސާ ހިނގާ ދުވަސްކޮޅެއް ވީއިރު ޒުލޭހާ މަޑުމަޑުން ހަމައަކަށް އެޅިއްޖެއެވެ. ދަނޑުގައި ނިކުމެފައިވާ ބިންބި ކޮޅިގަނޑުތައް ފުސްނަކަތަށް ފުސްވީއިރު ޒުލޭހާއާއި މާޖިދުގެ ހަޔާތުގެ ގޮށް ޖަހާލާ އެހެން ލޯބިވެރިންގެ މިސާލަކަށް ވެއްޖެއެވެ. މާޖިދު އާދޯންޏެއް ބަނުމުގެ މަސައްކަތުގައި އުޅޭތީ  ދޮންވެފައިވާ ބިންބި ކަނޑަން ޒުލޭހާ އުޅުނީ ލިބިފައިވާ ނިޢުމަތަށް ނުބައިމީހެއްގެ ކަޅި އަޅާފާނެ ކަމުގެ ބިރާވެސް އެކުގައެވެ.

"ޒުލޭހާ. މިދުނިޔޭގެ ދިޔަވަރު ބަދަލުވަންޏާ މާޖިދުގެ އަތުން ކަލޭޖަހައިގަނެ އަހަރެންގެ މިލްކަކަށް ނަހަދައިފިނަމަ ޖެހިގެން އަންނަ ފޮއިމަތީގެ ހަނދުވަރުގެ ފަރިކުލަތައް ފެންނާނީ ލޯފަންމީހަކަށް." އަރީފު އަޑުގެ ނެތްތަނަށް ގޮވާލާފައި ހިނގައްޖެއެވެ.

އަރީފުގެ ނުބައި ނިޔަތުގެ ވާހަކަ އޭނާ މާޖިދުގާތު ނުބުނެއެވެ. މަސްލަހަތަށްޓަކައި ސިއްރުކޮށް ޒުލޭހާ ދަނޑަށް ދިއުން ހުއްޓާލިއެވެ. އަރީފަށް އޭނާ ނެފެނި އުޅުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކުރިއެވެ. އޭނާ މާޖިދާއެކު ލޯބީގެ ގުލްދަސްތާތަކުގައި ފަރިވަމުން އުދުހެމުން ދިޔައިރު ދިރިއުޅުންވެސް ދިޔައީ ތިޔާގިވެ ތަރައްގީ ވަމުންނެވެ. ދޯނި ނިމި ބާލަން ތައްޔާރުވީއިރު ޒުލޭހާ އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއިނދެ އަދި ދުވަސްފުރި ބަނޑުގައި ރިހިރިހި އެވެ.

"އިރާދަކުރެއްވިއްޔާ މިދަރި ވާނީ އަހަރެމެންގެ ލޯބީގެ ނިޝާނަކަށް." ދޯނި ބާލަންދަމުން ޒުލޭހާ ގާތަށް ގާތްވެލާ ބަނޑުގައި ބޮސްދީފައި މާޖިދު ބުންޏެވެ. އޭނާ ޖެހިގެން ހުރި އުނިމާގަހުން އުނިމަލެއް ބިނދެ ޒުލޭހާގެ ބޮލުގައި ޖަހާދިނެވެ. ޒުލޭހާ ލަދުން އިސްޖަހާލިއެވެ.

"މިދަރި ފިރިހެން ކުއްޖަކަށް ވެއްޖެނަމަ ވައްތަރުވާނީ މާޖިދާ." ޒުލޭހާ ރަކިވެލާފައި ބުންޏެވެ.

 

ރަށުގައިވެސް އެންމެފުރަތަމަ ބަދެވުނު އިންޖީލުލީ ދޯނި ބާލަން ޅަދަރިފުރަހަންޏަށް މީހުން އެއްވެފައި އޮތްއިރު ދޯނިބުޑުގައި ކަނދުތައް ތަރުތީބުން އަތުރާލާފައި އޮތެވެ. ނިކަގަސްދޮށުގައި ދޯނި ބާލާމަންޒަރު ބަލަން ޒުލޭހާ ހުރީ ނުހަނު އުފަލުންނެވެ. އޭނާއާއިއެކު އުމުރުން ދުވަސްވީ ދެތިން އަންހެނުންވެސް ތިއްބެވެ.

ދޯނީގެ ދެފަރާތުގައި ވާ ބޯވަލުގައި ރަށުގެ ރައްޔިތުން އެއްވަޒަނަކަށް އަންބާ ކިޔާފައި ހިފާ ދަމާލިއިރު މާޖިދު އުޅުނީ ދޯނިބުޑުގައި ހުރި ކަނދުތައް ރަނގަޅު ކުރާށެވެ. ހީކުރިވަރަށްވުރެ ދޯނި ބަރުވެފައި ބޮޑުކަމުން ދޯނީގައި ކޮނޑުޖައްސައިގެން ތިބި މީހުންނަށް ދޯނި ހިފަހައްޓައިގެ ތިބެން އުނދަގުލެވެ.

އެންމެ ނާޒުކުވި ވަގުތުގައި ދޯނި ދޫކޮށްލާށޭ އަރީފް ގޮވާލުމުން އެންމެން ކަހަލަ ގޮތަކަށް ދޯނި ދޫކޮށްލާފައި ދުރަށް ޖެހުނެވެ. ދޯނި ވެއްޓެން ދިޔަވަގުތު ދަނޑިވަޅުބަލާފައި މީހަކަށް ނޭނގޭނެހެން އަރީފްގެ ފައިން ޖަހާ މާޖިދު ދޯނި ދޮށަށް ކޮށްޕާލިއެވެ. ނުވިސްނާ ހުރި މާޖިދު ދޯނިދަށަށް ވެއްޓުމާއި ބިންމައްޗަށް ޖެހުނު ދޯނީގެ ދެމެދުގައި ފިތުމާއި މާޖިދުގެ އުނގުރު ބިނދުމާއި އޭނާގެ ރޮއިގަތްއަޑާއި މުޅިތަނަށް ލޭތައް ބުރައިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. މީހަކު ދޯނި ދަށުވެއްޖެޔޭ ބުނެ ހަޅޭއްލަވައިގަތުމާއެކު ގިނަ މީހުން އެދިމާއަށް ދުއްވައިގަތެވެ. އިސާހިތަކު ދޯނިދަށުން މާޖިދު ނެރެ މޫދުލޮނަށްލާ ފަރުވާދޭން ފެށިއެވެ. މުޅި ސަރަހައްދު ހީވަނީ ލޭގެ ކޯރެއް ހެންނެވެ.

ބަނޑުގައި އަތްއަޅައިގެން ދުވެފައި އައި ޒުލޭހާ މާޖިދު ގައިގާ އޮޅުލައިގަތެވެ. އޭނާހީވަނީ ދުނިޔެ މޮޔަވެފައިވާ މީހެއް ހެންނެވެ. ދެލޮލުން ހޯސްލާފައި އަންނަ ކަރުނަޔާއި ގިސްލެވެމުން ދާމަންޒަރު ބަލާލަން މާޖިދު ލޯހުޅުވާލިއެވެ. ދުނިޔޭގެ ހަޔާތުގައި އޭނާ އެންމެ ލޯބިވާ މީހާގެ އަތުގައި ތުރުތުރު އަޅާއަތުން ހިފާލެވޭތޯ ނާކާމިޔާބު މަސައްކަތެއް ކުރިއެވެ.

"ޒުލޭހާ… އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލާތި. ހިތްވަރުކުރާތި؟" މާޖިދުގެ އަނގައިން ބޮކިޖަހާފައި ލޭނިކުތެވެ. އިސާހިތަކު ދޮޅި ފުރާ ފަހުނޭވާ މިދުނިޔެއަށް ދޫކޮށްލިއެވެ. އޭނާގެ ދެލޮލުގެ ކަޅިހުއްޓުނެވެ. ޒުލޭހާގެ ހިތްކުދިކުދިވީ ކަހަލައެވެ. ރޮއިގަންނާންވެސް ނޭނގިފައި ގަބުކައިފާ އިނދެވުނީ ކިހާއިރަކުކަމެއް ނޭނގެއެވެ.

ހަމަދުނިޔެއަށް އާދެވުނީ ބަނޑުގައި އެޅި ފަހު ވޭންވަރުންނެވެ. ފޫޅުމާދައިތައާއި ގާތްތިމާގެ މީހުންގެ އެހީއިން ޒުލޭހާ ވިއްސަން ތައްޔާރު ކުރެވުނެވެ. މާޖިދުގެ ކަށުކަމާކެމީގެ ކުރިހާ ކަމެއްނިމި ރަށުރައްޔިތުން އޭނާގެ މޫނު ބަލަން ވަންއިރު ޒުލޭހާ އޮތީ އުތުރުއެނދުގައި މާޖިދުގެ ލޯބީގެ ނިޝާނަށް ކުރަމުންދާ އިންތިޒާރުގައެވެ. ހަށިގަނޑުގައި އަޅާވޭނާއި މާޖިދުގެ ނެތިދިޔުމުގެ ހިތާމައިގައެވެ. ޒުލޭހާގެ ލޮލަށް ނުފެނި މާޖިދު ވަޅަށްލާ ފަސްއެޅިވަގުތު މާޖިދު ދެލޯނޭދި އެދެމުންދިޔަ ތުއްތުތުއްތު ދަރިފުޅުގެ ފުރަތަމަ ނޭވާ މިދުނިޔެއަށް ލައިފިއެވެ. އުފަންކުރި މީހާ ނިމިގެން ދިޔަ ވަގުތު އުފަންވި ކުޑަކުޑަ ފުރާނަ ދުނިޔެއަށް ލޯހުޅުވާލިއެވެ.

ޒުލޭހާގެ ދުނިޔެ ހިމޭން ވެއްޖެއެވެ. ކަރުތެރޭން އެއްޗެއް ދިރެނީ ދަރިފުޅުގެ ހައްޤުގައެވެ. މާޖިދުގެ ވަސިއްޔަތަކަށް ވާތީއެވެ. އެހެންނޫންނަމަ އޭނާގެ ދިރުމެއްނެތް މަސްގަނޑު މާޖިދުގެ ކައިރީގައި ފަސްގަނޑު ދަށަށްލާނެތާ ކިތަންމެ ދުވަހެކެވެ. ފުރާނަ ހުއްޓެއްކަމަކު ރޫހެއް ނެތެވެ. ހިތުގައި ވިންދު ޖެހިއެއްކަމަކު ހަޔާތުގައި ދިރުމެއް ނެތެވެ. ނޭވާ ލިއެއްކަމަކު މަރުވެފައިވާ ކަހަލައެވެ.

ތިން އަހަރެއް ހާދުވަސް ފަހުން ހުޅަނގު މޫސުމުގެ ރޯނުނަކަތުގެ ކޮޅިގަނޑުގެ އަސަރު ދުނިޔެ މައްޗަށް ދައްކާލިއިރު ޒުލޭހާ އިނީ އޭނާއަށް ލިބުނު ލޯބިލޯބި ފިރިހެން ދަރިއަށް ވޮށުފިލާ އަޅާދޭށެވެ. އެ ސޮރުގެ ކަންކަން ނިންމާލާފައި ހަވީރުގެނައި އުނިމާތައް ފެންއަޅާފައި އިން ތައްޓަކަށް އަޅާ އެއަށް ބަލަން ހުރެވުނީ މާޖިދުގެ ހަނދާނުގައެވެ. ކުޑަސޮރު ނިންދަވާފައި ވިތުރި ކޮށްލައިގެން އޮށޯތީ އޭނާގެ ލޮލަށް ނިދި ނާންނާނެ ކަން އެނގިހުރެއެވެ. މަޑުމަޑުން ދޮރުގެ ތަންޑު ހެލޭއަޑާއި ބިއްގަނޑު ފޭވާތަން އޭނާއަށް ފެނެއެވެ. ބުޅާ ފައްސަން ގެންގުޅޭ ކުރެދިގަނޑު ޒުލޭހާގެ އަތަށް ހެޔޮވަރު ކޮށްލާ ތައްޔާރު ވެލިއެވެ. ލޯމަރައި ތަގުޅިކޮށްގެން ކުޅިވަރު ބަލަން އޭނާ އޮތެވެ. މާޖިދު ނިޔާވިފަހުން އަރީފުގެ ދުއްތުރާތައް ގިނަވަމުން ދާތީ ޒުލޭހާ ރުޅިވަނީ އިންތިހާގައެވެ. މިރޭ ދޭތިން އެކައްޗަށް ހިފަން އޭނާ ހުރީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ނެވެ.

"އަހަރެން ކުރިންވެސް ބުނިން މާޖިދުގެ މިލްކަކަށް ވެގެން ނޫޅެވޭނެކަން." އަރީފު އެގެއަށް ވަދެ ޒުލޭހާގެ މޫނުގައި ފިރުމާލިއެވެ. ޒުލޭހާ ކުރެދިގަނޑުން އަރީފުގެ ގައިގައި ޖެހުމާއެކު އޭނާ ވެއްޓުނެވެ. އެއަށްވުރެ އަވަހަށް އަރީފު ތެދުވެއްޖެއެވެ. އަދި ހިނގަނޑެއް ޖަހާލިއެވެ.

"ކަލޭ ހީކުރީ އަހަރެންގާތުން މޮޅުވާނޭ ކަމަށްތަ؟ މާ މޮޅުވާނެކަމަށް ހިތާ ކައިވެނި ކުރި މާޖިދު ދޯނިދަށަށް ގަންނަވާލާ ޗިސްކޮށްލީ އަހަރެންގެ ބުއްދީގެ މޮޅުކަމުން. އަދިއަދަށްވެސް އަހަރެން މިހުރީ ކުރަން ބޭނުން ކަމެއް ކޮށްގެން. އެހެންވީމާ ތި މޮޅުވާނެކަމުގެ ވިސްނުން ދޫކޮށްލާ." އަރީފް ހޭންފެށިއެވެ. އެ ބޮޑާ ކިބުރުވެރިމީހާ ފެންނަނީ ޝައިތޯނެއް ހެންނެވެ.

"ކަލޭ އަހަރެންގެ މާޖިދު މަރާލީތަ؟ ކަލޭ އެފަކީރު ދޯނިދަށުވާން ދޫކޮށްލީތަ؟" ޒުލޭހާގެ އަޑުގައިވަނީ ވޭނީ ރިހުމެކެވެ.

"ލޯބި ލޯބި ޒުލޭހާ. ކަނބުލޮޔަށް މިކިޔާއެއްޗެއް ނުވެސް އެނގޭތަ؟ އެންމެން ދޯނި ދޫކޮށްލީ އަހަރެން ގެ ބަހަށް. އެއްވެސް މީހަކަށް ނޭނގޭގޮތަށް މާޖިދު ގައިގާ ފައިންއަޅާ ދޯނި ދަށަށް ކޮށްޕާލީ އަހަރެން. އޭނާ އަތްދިއްކޮށް އާދޭސް ކުރިއިރު އެއްކަލަ ދުވަހު ގިފިލީގައި އަހަރެންގެ ދޫނަގަން އުޅުނު ހަނދާނެއް ނުނެތޭ." އަރީފް ހެމުން ދިޔައެވެ.

"އިބިލީސްވެސް ކަލެއަށްވުރެ ރަނގަޅުވާނެ." ޒުލޭހާއަށް ވަނީ އާދަޔާ ޚިލާފު ގޮތެއް ވެފައެވެ. އޭނާ ބޮލަށް އެނބުރުން އަރަނީއެވެ. ކުއްލިއަކަށް އޭނާ މޮޔަވި ކަހަލައެވެ. ހަޅޭއްލަވައިގެންފައި އަތުގައި އޮތް ކުރެދި ގަނޑުން އަރީފުގެ ބޮލުގައި ބާރަށް ޖެހިއެވެ.

ނުވިސްނާ ހުރި އަރީފު ބިންމައްޗަށް ވެއްޓުނެވެ. ޒުލޭހާ އެ ކުރެދިގަނޑުން އަރީފުގައިގާ އަނެއްކާވެސް ޖެހިއެވެ. އޭނާގެ ބޮލުން ދުނިޖަހާފާ ލޭ ބުރައިގެން ދިޔައެވެ. ޒުލޭހާގެ ހަރަކާތަކަށް ބަދަލެއް ނާދެއެވެ. އޭނާ އަރީފްގެ ގައިގާ އެ ކުރެދިގަނޑުން ތަޅާތަޅާ އަރީފް ޗިސްކުރިއެވެ. ކުޑައިރުއްފެށިގެންވެސް ކައިވެންޏާ ހަމައަށް ދާންވަންދެން އަރީފުގެ ދުއްތުރާތައް އޭނާއަށް ފޯރިއެވެ. އެ ނުބައި މީހާއާއިހެދި އޭނާގެ މުޅި ހަޔާތް ވޭތިކުރަން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ޒުލޭހާގެ ނިކަމެތި ހަޔާތުގައި އޭނާއަށް އެންމެ އޯގާވެރިވި އެންމެ މާތްމީހާ އަރީފުގެ އަނިޔާވެރިކަމުން އޭނާޔާ ވަކިކުރީކީ ނޫނެވެ. ދުނިޔެއިންވެސް ދުއްވާލީއެވެ. އަނިޔާވެރި ގޮތަކަށް ލޮލުގެކުރިމަތީ ޗިސްކޮށްލީއެވެ. އޭނާގެ ދަރިފުޅު މިސްކީނަކަށް ހަދާ ދުނިޔެއަށް ގިނަކޮށްލީއެވެ. ޒުލޭހާ ހުރީ އަދިވެސް ފާޑެއްގެ ވިޔަރިއެއް އަރާފައެވެ. އަރީފުގެ ސިފަ ވަކިނުވާ ވަރަށް ނުވަތަ ޖެލީއަށް ވަންދެން ޒުލޭހާ އަރީފުގައިގައި އެ ކުރެދިގަނޑުން ތެޅިއެވެ. މާޖިދުގެ މައިންބައިފައިން އައިއިރު ޒުލޭހާގެ ހޭބުއްދިވެސް ނެތެވެ.

ޒުލޭހާ ފަންސަވީސް އަހަރަށް އެހެން ރަށަކަށް އަރުވާލީ އަނިޔާވެރި ގޮތަކަށް އަރީފް މަރާލުމުންނެވެ. އޭނާއަށް ލިބުނު އަނިޔާއާއި އޭނާއަށް އެހީވި މާޖިދުގެ މަރުގެ އެއްވެސް ކަމެއް ސާބިތުނުވުމުން އަދަބު ލިބުނީ ޒުލޭހާއަށެވެ. ޒަމާންތަކެއް ވަންދެން ލޯބިވާ ދަރިފުޅާއި ދުރުގައި އެހެން ރަށެއްގައި ހުރުމަކީ މާޖިދުގެ ހަނދާންތައް އޭނާގެ ހިތުން ފިލައިގެން ދިޔަކަމެއް ނޫނެވެ. އަބަދުވެސް އުނިމާ އުނގަށް އަޅައިގެން އިންނަނީ މާޖިދު އޭނާއަށް އަބަދުވެސް ދޭ ހަދިޔާއަކަށް ވާތީއެވެ.

"މާޖިދު އަންނާނެ. އޭނާ އަހަރެންގެ ބޮލުގައި މި އުނިމާތައް ޖަހާދޭނެ." ޒުލޭހާ ފަހަރަކު މަލެއް ނަގާ އެއަށް ބަލަން ހުރެގެން ކިޔައެވެ. އެ މަންޒަރު ބަލަން ދުރުގައި ހުރި މާނިޢު ހުރީ ފެންކަޅިވެފައެވެ.

"މަންމާ. މިއައީ މަންމަ ބަލާ. މަންމަ މިނިވަންވީ." ކުރިމަތީގައި ހުރި ޒުލޭހާ ފިރިހެންދަރި ބުންޏެވެ. އެސޮރު ފިރިހެންވަންތަކަމާއި ރީތިކަން ހަމަ ހީވަނީ  މާޖިދު ހެންނެވެ. ޒުލޭހާ ސިއްސައިގެން ގޮސްފައި ތެދުވެއްޖެއެވެ. އޭނާގެ ލޮލުގެ ކުރިމަތީން ފެންނަން ހުރި މަންޒަރު ގަބޫލުކުރަން ދައްޗެވެ.

"މާޖިދު ތި އައީތަ؟ ހާދަ ދުވަސް ފަހުން. އަހަރެން ކިހާދުވަހެއް  މާޖިދަށް އިންތިޒާރު ކުރާތާ! ކޮންމެ ދުވަހަކު މިތާ އުނިމާ އުނގަށް އަޅައިގެން އިންނަން." ޒުލޭހާ އުނދަގޫ ގޮތަކަށް ހިނގައިގަތެވެ. އޭނާގެ ތުރުތުރުއަޅާ އަތުން ދަރިފުޅުގެ މޫނުގައި ފިރުމާލިއެވެ.

"އާނ. ހަމަ ތެދެއް. މާޖިދު މިހުރީ އަހަރެން ބަލާ އައިސް. މީ ހަމަ ހަގީގަތުގައިވެސް މާޖިދު. އެކަމަކު ތިއައީ ހާދަ ލަހުންނޭ. ކޮބާތަ އަހަރެންނަށް ގެނައި އުނިމާ. ހަނދާން ނެތުނީދޯ. އަޅާ ނުލާ. އަހަރެން މާޖިދާއި ދިމާވޭތޯ ހާދަ ދުޢާއެއްވެސް ކޮށްފީމޭ. އެކަމަކުވެސް ހެޔޮ، ގިނަދުވަސްތަކެއް ފަހުންވިޔަސް އެކަލާނގެ އަހަރެންގެ ދުޢާ އިޖާބަ ކުރައްވައިފި. މަޑުމަޑުން ޒުލޭހާ ތިރިވަމުން ދިޔައެވެ. ދަރިފުޅުގެ އަތްދަނޑިމައްޗަށް ތިރިވިއިރު ޒުލޭހާގެ ދެލޯ މެރިއްޖެއެވެ. އޭނާގެ ވާތުގެ މުށުތެރޭގައިވާ އުނިމާތައްވެސް ބިންމައްޗަށް ވެރިއްޖެއެވެ.

"ޒުލޭހާއަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައި. ބޭހާ ނުލާ ރަނގަޅު ނުކުރެވޭ ވަރުވެފައި. އޭނާއަށް ވަރަށްބޮޑަށް އެހީތެރިކަން ބޭނުން." ޑޮކްޓަރު ބައްލަވާފައި ބުނުއްވިއެވެ.  ދެގަޑިއެއްހާ އިރުފަހުން ޒުލޭހާ ހޭއެރިއެވެ. ލޯހުޅުވުމާއެކު އޭނާ ދަރިފުޅަށް ބަލަން ފެށިއެވެ. އަދި އެ މޫނުގައި ފިރުމަންފެށިއެވެ.

"މާޖިދު. އަހަރެންނަށް އެނގޭ މާޖިދު އަންނާނެކަން. އުނިމާތަކުން އަހަރެންގެ އިސްތަށިގަނޑު ފުރާލަދޭނެކަން." އޭނާގެ ލޮލުން ހޯސްލާފައި ކަރުނަފައިބަމުން ދިޔައެވެ. މާނިއު މަންމަގެ ލޮލުން އައި ކަރުނަތައް ފޮހެލީ އޭނާގެ ލޮލުން އައިކަރުނަތައް ފޮރުވަމުންނެވެ. ޒުލޭހާއަށް އަނެއްކާވެސް ލޯމެރުނެވެ. ޒުލޭހާއަށް އެންމެ ރަނގަޅު ފަރުވާ ދިނުމަށް ގެންދެވުނެވެ.

މާނިއުގެ އަނބިމީހާ ގެނައި އުނިމާތަކުން މަންމަގެ އިސްތަށިގަނޑުގައި ޖަހައިދެމުން ދިޔައެވެ. އެކުދިންނަށް އެކުދިންގެ ބައްޕަގެ ހިތްވަރުގަދަކަމާއި ބައްޕަގެ އޯގާވެރިކަން މަންމަގެ މައްޗަށް އޮތްމިންވަރު ވަނީ އެނގިފައެވެ. އެމަންމަޔާ ބައްޕަގެ ލޯތްބަށްޓަކައި އޭނާ ފަޚުރުވެރިވެއެވެ.

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ރީތި ވަރަށް ގަދަ ވާހަކަ. ދިވެހިވަންތަ ވަރަށް އަސަރު އެކުލެވޭ ފުރިހަމަ ވާހަކައެއް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *