މީހުންނާމެދު ރަހުމު ކުރަން ދަސްކޮށްދިނުން
ކުއްޖާއަކީ ކާމިޔާބު އުފާވެރި މީހަކަށް ހެދުމަށްޓަކައި މަންމައަކީ އެހެންމީހުންނަށްވެސް ހެޔޮ މީހަކަށް ވާންޖެހެއެވެ. ހެޔޮ މީހަކަށް ވުމަކީ ގުދުރަތީ ގޮތުން ލިބޭ އިނާމެކޭވެސް ބުނެވިދާނެއެވެ. އެހެން އިންސާނުންނަށް އޯގާތެރިވާ އަދި ރަހުމު ކުރާ ބަޔަކަށް ތިމާގެ ކުދިން ހެދުމަށްޓަކައި މަންމަ ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދޭން ޖެހެއެވެ. މި ދުނިޔޭގައި ކުއްޖާއަށް އޭނާ ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދެވި ދާނެއެވެ. ހެޔޮލަފާ މަންމަގެ ލޯތްބާއި އޯގާތެރިކަމުން ކުދިންނަށް ދަސްކޮށްދެނީ އޯގާތެރިވާ އަދި ރަހުމު ކުރާ މީހަކަށް އެކުދިން ވުމަށެވެ.
އެހެންމީހުންނާއިއެކު އުޅެއް ދަސްކޮށްދިނުން
ތިމާގެ ދަރިން އެހެންމީހުންނާއި އެކު އުޅެން ދަސްކޮށްދޭން ވާނެއެވެ. ވަޒީފާގެ މާހައުލުގެ އިތުރުން އަމިއްލަ ދިރިއުޅުމުގައިވެސް މީހުންނާއި އެކު އުޅެން އަންހެން ކުދިންނަށް ދަސްކޮށްދެން ޖެހެއެވެ. އެހެންމީހުންނާ ގުޅިގެން އުޅުމަށް ދަސްކޮށްދިނުމުން ކުއްޖާ ކިޔަވާނިމި މުޖުތަމަޢަށް ނިކުތުމުން އޭނާގެ ހަޔާތުގެ ގިނަ ކަންކަން ކާމިޔާބުކުރަން ފަސޭހަވެއެވެ. މީގެ އިތުރުން ވަޒީފާގައި ކުރިއެރުން ހޯދުމަށް ހުރަސްކުރަން ޖެހޭ އިންތަކާއި ބަލަންޖެހޭ ކަންކަންވެސް ކިޔައިދޭން ވާނެއެވެ.
ކުއްޖާގެ ހަށިގަނޑު ރައްކާތެރި ކުރާނެ ގޮތްތައް ދަސްކޮށްދިނުން
މުޖުތަމަޢުތެރޭގައި އުޅެމުންދާއިރު ކުއްޖާއަށް ޖިންސީ ފުރައްސާރައާއި ކުރިމަތިވެއެވެ. އަންހެންކުދިންނަށް މި މައްސަލަ ބޮޑުވެފައި ނުރައްކާވެސް ބޮޑެވެ. ވީމާ ކުއްޖާއަށް އެކުއްޖާގެ އުމުރާ ގުޅޭގޮތުން ބުނެދެވެން ހުރި މިންވަރަށް އޭނާގެ ނަފުސު ރައްކާތެރިވާނެގޮތްތައް ބުނެދޭން އެންމެ ރަނގަޅުވާނީ މަންމައެވެ. ޖިންސީ ފުރައްސާރައިގެ ތެރޭގައި ހިމެނޭ އެއްވެސް ވާހަކައެއް ދަރިފުޅު ދައްކައިފިނަމަ އަޑުއަހާށެވެ.
ދީނީ ކަންކަން ދަސްކޮށްދިނުމުގައި ނަމޫނާ ދެއްކުން
ކޮންމެ އަންހެން ކުއްޖަކީވެސް ދިރިއުޅުމުގެ ހަޔާތުގައި ދަރިން ހޯދާނެ ކުއްޖެކެވެ. ދަރިން ތަރުބިއްޔަތު ކުރާނެ ކުއްޖެއްވެސް މެއެވެ. މި ހުރިހާ ކަމެއް ކަޑައްތުކުރާއިރު ތަފާތު ގޮންޖެހުންތަކާއިވެސް ކުރިމަތި ލާން އެކުދިންނަށްވެސް ޖެހޭނެއެވެ. އެކުދިންގެ ދިރިއުޅުމުގައި ދިމާވާ އަޑިގުޑަންތަކުގައި މާތްﷲ އަށް ވަކީލުކުރުމާއި ކިޔަމަންތެރިކަން އަދާކުރުމަށް އުގަންނައިދޭން ޖެހެއެވެ. މަންމަ އިސްލާމްދީނުގައި ވާގޮތަށް އަޅުކަން ކުރާތަން ފެނުމުން ކުއްޖާއަށް ރޫހާނީގޮތުންނާއި ނަފްސާނީގޮތުން ކަންކަމާއި ކުރިމަތި ލުމަށާއި ހިތްވަރު ކުރަން ދަސްވާނެއެވެ. ދެ ދުނިޔޭގެ ކާމިޔާބު ހޯދުމަށް މަންމަގެ އަމަލުތަކަށް އަބަދުވެސް ކުދިން ބަލާނެއެވެ. އެ އަމަލުތައް އޭނާގެ ދަރިންނަށްވެސްް ދަސްކޮށްދޭނެއެވެ. އެހެންކަމުން މަންމައެއްގެ ހަރުދަނާ ދިރިއުޅުން ޖީލުތަކަކަށް ދެމިގެން ދާނެއެވެ.
