އަހަރެމެން ދުނިޔޭގައި އުޅޭއިރު ދިމާވާ ކަންކަމުގައި ވަރަށްގިނަފަހަރު ކެތްތެރިވާށޭ ބުނެއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޒިކުރުކުރުމަށާއި ދުޢާ ކުރުމަށް ނަސޭހަތްތެރިވެއެވެ. މުސީބާތްތައް ދިމާވުމުންނާއި ކަމެއް ގޯސްކޮށް މެދުވެރިވުމުންނާއި ލޯބިވާ މީހުންގެ ފަރާތުން ދިމާވާ ހިތްދަތި ކަންކަމަށް ކެތްތެރިވުމަށް ބުނެވެއެވެ. މުސީބާތް މެދުވެރިވާން ދިމާވީކަންކަން ހަނދާން ނައްތާލާ އަނިޔާ ދިންމީހުންނަށް މަޢާފު ކުރަން ބުނެވެއެވެ. ތިމާގެ ދިރިއުޅުން އިސްލާހު ކޮށް ﷲ ގެ މަގަށް އެނބުރި ރުޖޫޢަ ވާން ކިޔައިދެވެއެވެ. މި ހުރިހާ ކަމަކީވެސް ރަނގަޅު ކަންކަމެވެ. އަދި ކީއްހެއްޔެވެ؟ މިއީ ކަންކަން ކުރަންވީ ގޮތްވެސް މެއެވެ.
ހިތާމަވެރި ކަމެއްދިމާވުމުން ތިމަންނައަށް މިހެން ދިމާވީ ކީއްވެހެއްޔޭ ބުނެވޭ ފަހަރު އާދެވޭ ނޫންހެއްޔެވެ؟ ތިމަންނައަށް އިންސާފު ނުލިބެނީ ކީއްވެ ހެއްޔޭ އެހޭ ނޫންހެއްޔެވެ؟ ނަމަވެސް އަބަދުވެސް ހަނދާން ކުރާށެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ ވަޢުދުވެ ވޮޑިގެންފައިވާ އިންސާފު ތިބާއަށް ލިބޭނެއެވެ. މިއަދު ނުލިބެއްޖެ ނަމަ މާދަމާ ލިބޭނެއެވެ. ނޫނީ ފަހުން ނަމަވެސް ލިބޭނެއެވެ. ނުވަތަ އާޚިރަތްދުވަހުން ކެތްތެރިވީތީ އަދި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވީތީ އޭގެ އަޖުރު ލިބިގެންވެއެވެ.
ބައެއްމީހުން އިމްތިހާންގެ ވަގުތުގައި ﷲ ސުބުހާނަހޫ ވަތަޢާލާއާއި ދުރަށް ދެވޭތަން އާދެއެވެ. އެކަލާނގެ އަމުރުފުޅުތަކާއި ދުރަށް ޖެހެވޭގޮތްވެއެވެ. އެމީހުން ދުނިޔޭގެ އުފާތަކުގެ ތެރެއަށް ވަދެ ހިތާމަތަކާއި ދުރުވާން ބޭނުންވެއެވެ. އެފަދައިން ޢަމަލު ނުކުރާށެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އިންސާނުން އިމްތިޙާން ކުރައްވަނީ އެކަލާނގެ އެމީހަކުދެކެ ލޯބިވެ ވޮޑިގަންނަވާތީއެވެ. އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުން އެކިއެކި މުސީބާތް މެދުވެރިކުރައްވާ ގިނަގިނައިން އިމްތިހާނު ކުރައްވައެވެ. ވީމާ މުސީބާތެއް މެދުވެރިވުމުން ﷲ ސުބުހާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުން ގިނަކުރާށެވެ. ފަސްވަގުތު ނަމާދު ކުރާށެވެ. ދެން ސުންނަތް ނަމާދުތައް އިތުރުކުރެވެތޯ ބަލާށެވެ. އެއަށްފަހު ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔާށެވެ. ޞަދަގާތް ދޭށެވެ. އެ ޞަދަގާތް ގަބޫލުކުރެއްވުން އެދި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ދުޢާ ކުރާށެވެ. ދަމުނަމާދުކޮށް ﷲ ސުބުހާނަހޫ ވަތަޢާލާއަށް ދުޢާ ދަންނަވާށެވެ. ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އެކަލާނގެއަށް ތަސްބީހަ ކިޔާށެވެ. ފަހަރަކަށްވުރެ ފަހަރެއް އެކަލާނގެއާއި ގާތް ވެވެނީއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާގެ ލޯބި ފަހަރަކަށްވުރެ ފަހަރެއް އިތުރު ވަނީކަން އިހުސާސް ކުރެވޭނެއެވެ.
ކޮންމެ މީހެއްގެ ދިރިއުޅުންވެސް މިލްކުވެ ވޮޑިގަންނަވަނީ ﷲ ސުބުހާނަހޫ ވަތަޢާލާށެވެ. އިންސާނުން ކުރާ ކޮންމެކަމެއްގައިވެސް އޭގެ ފޮނި ނަތީޖާ ހޯދަން އަވަސް އަރުވާލައެވެ. ނަމަވެސް ކޮންމެ ކަމެއްވެސް އެމީހަކަށް އެންމެ ރަނގަޅު ވަގުތެއްގައި އެމީހަކަށް އެކަމެއް ﷲ ސުބުހާނަހޫ ވަތަޢާލާ މެދުވެރި ކުރައްވައެވެ. ކޮންމެ ލަސްވުމެއްގައި ހެޔޮގޮތް މިންވަރު ކުރައްވާފައިވާކަން ގަބޫލުކުރާށެވެ.
ދުނިޔެމަތީގައި އެދޭހާ ކަމެއް ހާސިލް ނުވެދާނެއެވެ. ނަމަވެސް މަޙްޝަރު ދުވަހުން ﷲ ސުބުހާނަހޫ ވަތަޢާލާ އެމީހަކަށް އިންސާފު ދެއްވާނެއެވެ. ހެޔޮޢަމަލު ކުރާނަމަ ފާފަ ފުއްސަވާނެއެވެ. އަފޫކުރައްވާނެއެވެ. ސުވަރުގޭގެ ތަނަވަސް ރަޙްމަތް އެމީހަކަށް މިންވަރު ކޮށްދެއްވާނެއެވެ.
މުފްތީ މެންކްގެ ދަރުހަކުން…
