ފެހިކުލައިގެ ދޮންކޭލުގެ ފުށް ވައިގާ ހިފަނީ

މިދުވަސްކޮޅު އިންޑިޔާގައި ފެހިކުލައިގެ ދޮންކޭލުގެ ފުށް ހެދުމަކީ ވަރަށް ވައިގާ ހިފާފައިވާ ކަމެކެވެ.  ބެލެވޭ ގޮތުގައި ފެހިކުލައިގެ ދޮންކޭލުގެ ފުށަކީ ގޮހޮރުގެ މައްސަލަތަކަށް ފަރުވާއެކެވެ. އެފުށުގައި ފައިބަރއާއި ތަފާތު ފައިދާހުރި މާއްދާތައް ފޯރުކޮށްދިނުމުގެ އިތުރުން ފެޓްސްގެ ބައި ދަށްކޮށްދޭ ބައިތައް ހިމެނެއެވެ. ޕާނާއި ކޭކާއި ޕިއްޒާ ފުށްގަނޑު ފަދަ ފުށްބޭނުންކޮށްގެން ތައްޔާރުކުރާ ތަކެތި ހެދުމަށްވެސް ފެހިކުލައިގެ ދޮންކޭލުގެ ފުށް ބޭނުން ކުރެއެވެ.

ކޯވިޑް 19 ގެ ބަލިމަޑުކަމުގައި އިންޑިޔާގައި ފެހިކުލައިގެ ދޮންކޭލުގެ ފުށްބޭނުން ކުރަން ފެށިއެވެ. އެމީހުން ދޮންކެޔޮ ޗިސްކުރުމަށްފަހު އެ އަވީލާ ހިއްކައެވެ. ދެން ހިއްކި ދޮންކެޔޮތައް މުގުރުމަށްފަހު އެއިން ފުށް ހަދައެވެ. މިއީ ސޯޝަލް މީޑިޔާގައި މިހާރު މަޝްހޫރުވެފައިވާ ކާނާއެކެވެ.

 

ބަރުދަން ލުއިކުރަން އެދޭ މީހުންނަށްވެސް މިއީ ރަނގަޅު ކާނާއަކަށް ވެފައިވާ ކަމަށްވެއެވެ. މި ފުށުގައި ފައިބަރ، ޕޮޓޭޝިއަމް، މަގްނީޒިއަމް އަދި ވިޓަމިންތައް އެކުލެވިގެން ވެއެވެ. އުއްތަރަ ޕުރަދޭޝްގެ ހެލްތު ކޯޗެއް ކަމަށްވާ އަރްވާޝީ އަގަރުވާލް ފާހަގަ ކުރާގޮތުގައި މިއީ ބަރުދަން ލުއިކުރުމަށާއި އަދި ހަޖަމުކުރުމުގެ ނިޒާމަށްވެސް އެހީތެރިވެދޭ ފުށެއްކަމަށް ވެއެވެ. އިންޑިޔާގެ ބައެއް ރެސްޓޯރެންޓް ތަކުގައިވެސް މިހާރު މި ފުށުން ތައްޔާރުކުރެވޭ ކާނާ ލިބެން ހުރެއެވެ.

ފެހިކުލައިގެ ދޮންކޭލުގެ ފުށް މިދުވަސްކޮޅު މާ ބޮޑަށް ވައިގައި ހިފިކަމުގައިވިޔަސް މިއީ އެފްރިކާ، ސައުތު އޭޝިޔާ އެމެރިކާގައި ބޭނުންކުރަމުންދިޔަ ކާނާއެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *