ވާހަކަ: ގިލަން (ފުރަތަމަ ބައި)

ފަތިހުގެ ފިނިކަމާއި އެކުވެގެން އެއަންނަ ވައިރޯޅިތަކުން ޖައްވަށް ވެރިވެފައިވަނީ ކަންނެތްކަމެވެ. ރޯދަމަސް ކަމަށް ވުމުން މަގުމަތީގައި މާދުރުން އުދުހިފައި ދިޔަ ދެ ކާޅުފިޔަވާ ދިރޭ ފުރާނައެއްވެސް ފެންނާކަށް ނެތެވެ. އިރުގެ ދޯދިތަކުން އުދަރެސް ދޮންކުރަމުން ދިޔައިރު ދަނބުކުލަޔާއި ނާރިނގު ކުލަތައް އަރަމުންދާ އުޑުމަތީގައި ދެތިން ވިލާގަނޑުން ފެންނަ މަންޒަރުން ހިތަށް ގެނެސްދެނީ އުފާވެރި ކަމެވެ. ފުރާވަރުގެ ފަސް އަންހެން ކުދިން އަތިރިމަތީގައި ސަކަޖަހަމުން ދިޔައިރު ހަމަ އެ އުމުރުގެ ހައެއްކަ ފިރިހެން ކުދިން އެމީހުންނާ ހަނގާ ކުރަމުން ދިޔައެވެ. އެމީހުން އަތުގައި ހުރި ފެންކޮތަޅުތައް އަންހެން ކުދިންގެ ގަޔަށް އަމާޒު ވީއިރު ބައެއް ކުދިން އެ އަންހެން ކުދިން މޫދަށް ލުމަށްޓަކައި ފަހަތުން ދުއްވައިގެންފިއެވެ.

މިއީ ށ. ގޮއިދޫގައި ރޯދަމަހު ފުރާވަރު ކުދިން ޖަހާ ސަކަރާތެވެ. ހާރުކައިގެން ފަތިސްވާންދެން އެމީހުން މިސްކިތުގައި ގުރުއާން ކިޔަވަން ތިބެއެވެ. ފަތިސްނަމާދު ކޮށްގެން އެމީހުން ދަނީ އިރުއަރާ މަންޒަރު ބަލާލާށެވެ.

އާދައިގެމަތީން ރުހާވެސް ދިޔައީ ރައްޓެހި ކުދިންނާއިއެކު އިރުއަރާ މަންޒަރު ބަލާށެވެ. އެ ސަކަރާތުގައި އުޅުނުއިރު ރާއިފުގެ ނަޒަރުން ރުހާ ރެކެވޭނެ ގޮތެއް ނެތެވެ. ރާއިފަކީ ރަށުގެ ސްކޫލުގައި ފާހަގަ ކޮށްލެވޭ އަޚުލާގު ރަނގަޅު ކިޔަވަން މޮޅު ދަރިވަރެކެވެ. މުސްކުޅި މައިންބަފައިންގެ ތަނަވަސްކަން ކިތަންމެ ކުޑަނަމަވެސް އެދެމަފިރިންނަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅު ރާއިފްއަށް ދުނިޔެއާއި އާޚިރަތުގައި މޮޅުވާނެ ހުރިހާގޮތެއް ހޯދައި ދެވޭތޯ އެދެމަފިރިން މަސައްކަތް ކުރެއެވެ. ކުއްޖަކާ އެހާއަވަހަށް ލޯބީގެ ގޮތުން ގުޅުމަކީ އޭނާ އެހާ ގަބޫލުކުރާ ކަމެއް ނޫނެވެ. ނަމަވެސް ރުހާގެ އޯގާތެރިކަމާއި ރީތި ކަމަކީ ރާއިފުގެ ހިތަށް ބާރުފޯރުވޭ  ކަމަކަށް ނުވިއެވެ. އޭނާ ރުހާއަށް ލޯބި ހުށަހެޅީ ސްކޫލް ނިމިގެން ޒަވާޖީ ހަޔާތެއް  ފެށުމަށެވެ. ދެމީހުން އެކުވެގެން ހަރުދަނާ ދިރިއުޅުމެއް އުޅޭށެވެ.

"އަހަރެމެންގެ މި ގުޅުމަށް ވާނެގޮތެއް ހިތަށް އަރުވާލިއަސް ބިރުގަނޭ. މަންމައަކީ ފާޑެއްގެ މީހެއް. މަންމަ ހިފާލާ ކަމެއްގައި ގޮތްދޫނުކޮށް ހުންނާނެ މަރުވިޔަސް. މަންމަ ނުގަބޫލު ވެދާނެތީ ވަރަށް ބިރުވެސްގަނޭ." މޫދުގައި އޮވެފައި ރުހާ ބުންޏެވެ. އޭނާގެ ދެލޮލުން ފެންނަނީ ކަންބޮޑުވުމެވެ.

"ކަންކަމާ ދޭތެރޭ ނުބައިކޮށް ނުވިސްނާ. އަދި އަހަރެމެން ކިޔަވާވެސް ނުނިމޭ. މަންމަމެން ރުއްސަން ފުދޭވަރެއްގެ ވަގުތު އެބައޮތް." ރާއިފްގެ އަޑުގައި އުންމީދާއި އިތުބާރު ވެއެވެ.

"ހަމަ މިހާރު އެއްގަމަށް އަރާ." ދުރުން އިލޮށިފައްޗެއް ހިފައިގެން އަންހެނަކު އަޑު ގަދަކުރަމުން އަންނާތީ ހުރިހާ ކުދިން އެކުއްޖަކަށް މޫދުން އެއްގަމަށް އެރޭނެ އެންމެ ހަލުތްވެއްކޮށް އެއްގަމަށް އަރަން ދިޔައެވެ.

"ރުހާގެ މަންމަ." ރާއިފްވެސް އެއްގަމަށް އަރަމުން ރުހާއަށް ބުންޏެވެ.

ހުރިހާ ކުދިން އަވަސް އަވަހަށް އެކުއްޖަކަށް ދެވޭނެ އެންމެ ބާރުމިނެއްގައި އެ ސަރަހައްދުން ފިލާ ރައްކާވެއްޖެއެވެ. ރުހާގެ މަންމަ ހަލީމާ، ރުހާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ހިނގަމުންދިޔައެވެ.

"ކަލޭ ތިއުޅެނީ ހަސީނާމެންގޭ ރާއިފުއާއި ހިތާވެގެންކަން ރަށު ރައްޔިތުންނަށް އެނގޭ. މަށަށް ދެރައީ އެކަން މަށަށް ނޭނގި އެހެން މީހުންނަށް އެނގުނީމާ. މިހާރު ތިހުރީ ކިޔަވާނެ ވަރަށް ކިޔަވާ ނިމިފައި. މީހުންނާއި އިންނަ ކުޅިވަރު ފެށީ އަމިއްލައަށް ތިމާއަކީ ބޮޑުމީހެއް ކަމެއް ގަބޫލު ކުރެވުނީމާތާ. އެހެންވީމާ މިއަންނަމަހު ވިލަރެސްގޭ ޒުހޭރުއާއި އިންނަން ތައްޔާރުވޭ." ހަލީމާ ދިޔައީ ރުހާއާއި ދިމާއަށް އެއްޗިހި ގޮވަމުންނެވެ. މަގުމަތީގައި މީހުން ނެތްކަން އެއީ ރުހާގެ ނަސީބޭ ހިތަށް އެރިއެވެ. އެހެންނޫންނަމަ އޭނާ ލަދުން މަރުވީހެވެ.

"މަންމަ ނުގަބޫލު ކަމެއް ކުރަން އުޅެގެން މަޅިއެއް އަރާފާނެ." ރުހާގެ ކުލާސް ކުއްޖެއްކަމަށްވާ މަރީ ބުންޏެވެ.

"ރާއިފްއަށް އަހަރެންގެ މި ހިތާމަ އެނގޭނެނަމަ." ރުހާ ހުރީ ވަރަށް ދެރަވެފައެވެ.

އެދުވަހު ހަތަރުދަމު ރުހާ އޮތީ ކޮޓަރީގައެވެ. މަންމަގެ ވާހަކައިން މަންމަ ވިސްނާފައިވާ ގޮތް އޭނާއަށް ނުހަނު ރަނގަޅަށް ފަހުމު ވެއެވެ. އެ ޒުހޭރަކީ މަންމަ ވަރަށްގިނައިން އެ މީހެއްގެ ވާހަކަ ދައްކާ މީހެކެވެ. ރިސޯޓުގައި ވަޒީފާއެއްގައި އުޅޭ ޒުހޭރަކީ މާރީތި މީހެއް ނޫންނަމަވެސް ފައިސާ ލިބޭ ތަނަވަސް މީހެކެވެ. އޭނާގެ މައިންބަފައިންގެ ގެދޮރު ހަދާދިނުމަށްފަހު އަމިއްލަ ގޯތީގައި ގަނޑުވަރެއްކަހަލަ ރީތި ގެއެއް އަޅާފައިވާ މެދުއުމުރުގެ މީހެކެވެ. މާގިނައިން ރަށަށް ނައިކަމުގައި ވިޔަސް މަންމައަށް ވަރަށްގިނަ ކަންކަމުގައި އެހީތެރިވެދީ ހަދިޔާ ދީހަދާ މީހެކެވެ. އެމީހާގެ ނިޔަތަކީ ރުހާއާއި ކައިވެނި ކުރުންކަން ރުހާއަށް އެނގުނީ އަދި ކިރިޔާއެވެ. މަންމަ އެގޮތަށް އެއްބަސްވެފައިވާނަމަ މަންމަ ފުރާނަ ހިނގާހާ ހިނދަކު މަންމަގެ ހުރިހާ ކަމަކަށްވާނީ ރުހާގެ ކައިވެނި ޒުހޭރުއާއި ކުރުވުމެވެ. ރާއްޖޭގެ ގޮޑުދޮށްތަކަށް ރާޅު ބީއްސާހާހިނދަކު އެކަން ބަދަލުކުރެވޭނޭ މީހެއް ނުހުންނާނެކަން އޭނާ ގަބޫލުކުރެއެވެ.

"ރުހާ. ބަންގި ގޮވައިފި. ރޯދަ ވީއްލަން އާދޭ." ރުހާގެ ބައްޕަ ސަލީމް ގޮވާލިއެވެ. ބައްޕައަކީ ވަރަށްފަހުން ސްޓްރޯކެއް ޖެހިގެން އެއްފަޅި ކޮންމެވެސް ވަރަކަށް ވާވެފައިވާ މީހެކެވެ. އެހެންކަމުން އޭނާއަކީ ހިނގާބިގާވެ އުޅުމުގައި ދަތިކަމެއް ހުއްޓަސް އަމިއްލައަށް ހުރިހާ ކަމެއް ކުރެވޭތޯ އުޅޭ ހިތްވަރުގަދަ މީހެކެވެ. ރުހާއަށް ހުރިހާވެސް މީހަކީ އޭނާގެ ބައްޕައެވެ. ބައްޕަ ގޮވާލުމުން އޭނާ ކޮޓަރިން ނިކުތެވެ. މަޑުމަޑުން ގޮސް ކާމޭޒު ދޮށުގައި އިށީނެވެ.

"ކޮންމެހެން ކޮޓަރިން ނުނިކުމެ އޮންނާނެކަމެއް ނެތް. މިހާރު ތިހުރީ ބޮޑުވެ ތަސައްރަފު ފުދިފައި. ޒުހޭރު އައިހާ އަވަހަކަށް ކައިވެންޏަށް ތައްޔާރުވާންވީ." ހަލީމާ ދައްކަމުން ދިޔަ ވާހަކަ ތަކުރާރު ކުރިއެވެ.

"އެމީހާޔާ އިނދެގެން އަހަރެން އުޅޭނީ ކިހިނެއް؟ އެއީ ބައްޕަ އުމުރުގެ މީހެއް." ރުހާ ރޯންފެށިއެވެ.

"ތިޔަ ރާއިފަށް ދެވޭނީ ކޮންއެއްޗެއް. މީހަކާއިނދެ ދަރިންތައް ލިބުނީމާ އެކުދިންނަށް ޚަރަދު ނުކުރެވޭ މީހަކާއި ގުޅިގެން ޖެހޭނީ އަހަރެން މިއުޅޭހެން ގަނަތެޅެން. މީހާގެ އުމުރަކަށްނޫން ބަލަންވީ. ފުރިހަމަ ދިރިއުޅުމެއް ލިބޭތޯ ބަލަންވީ." ހަލީމާ މިފަހަރު މަޑުން ވާހަކަދެއްކީ ރުހާ އެއްބަސްކުރުމަށް ވިސްނައި ދެވޭތޯއެވެ.

ރުހާއަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އޭނާއަށް ހީވަނީ ގިޔާމަތް ގާތްވީހެންނެވެ. ޒުހޭރުއާއި އިނުމަށްވުރެ އޭނާ މިވަގުތުން ވަގުތަށް މަރުވުންވެސް މާ ރަނގަޅެވެ. އޭނާ ފެންފޮދެއް ބޯލާ ފަނިތައްޓެއް ބޯލީ ހިތްވަރަށެވެ. ބައްޕަގެ ޞިއްޙަތަށް ވިސްނާލާ އޭނާ ހަމަޖެހޭކަން ދައްކާށެވެ. ނަމަވެސް އޭނާއަށް ހީވަނީ އަރުތެރެވެސް ބެދިފައި ވާހެންނެވެ. މަންމަގެ ކުރިމަތީގައި އެއްޗެއްނުބުނެ ކޮޓަރިއަށް ވަނީ އެ ކައިވަންޏަށް ދެކޮޅު ނަހަދާތީއެއް ނޫނެވެ. މަންމައަކީ އެއްވެސްކަމެއްގައި ގޮތް ދޫކުރާނެ މީހަކަށް ނުވާތީއެވެ. އޭގެ ސަބަބުން ބައްޕައަށް އިތުރު ސްޓްރޯކެއް ޖެހި ތަކުލީފެއް އުފުލަން ޖެހިދާނެ ކަމުގެ ބިރަށެވެ. ބައްޕަގެ އެހާލު ޖެހިފައިވަނީވެސް މަންމަގެ ޒުވާބުކުރުމާއި ގޮތް ދޫނުކުރުމުގެ ނަތީޖާއިންނެވެ.

"ހަޔާތަކީ ދަތުރުކުރާ ނަވެއްގެ މިސާލެވެ. ކަނޑު ގަދަދުވަސްތަކާއި ކަނޑު މަޑު ދުވަސްތަކާއި ދިމާވާނެއެވެ. މަންޒިލާ ހަމައަށް ނުދެވި ނައު ޣަރަގުވާ ފަހަރުވެސް އާދެއެވެ. ނުވަތަ ފަރަށްކަށް އުރޭފަހަރުވެސް އާދެއެވެ. އަދި ރީތި އައްސޭރިއެއް ހޯދާ ބަނދަރު ކުރާފަހަރު އަންނަނީ މަދެއްކޮށެއް ނޫނެވެ. އަހަރެންނަށް މާފުކުރާށެވެ. އަހަރެންގެ ހަޔާތުގެ ނާ ދަތުރު ކުރަން ޖެހިފައިވާ މިސްރާބަކީ ހިތާމަޔާ ހިތްދަތިމާއި ނުތަނަވަސްކަމެވެ. އޭގައި އުފަލެއް ލިބެން ނެތްނަމަވެސް ކުރިމަތިވެފައިވާ މަޖުބޫރަކުން ރާއިފުއާއި އެކު ކުރަމުން ދިޔަ ދަތުރު ނިންމާލަން ޖެހުނީއެވެ. ނަމަވެސް ރާއިފުއަށް އަމާން އޮމާން މަންޒިލަކަށް ދަތުރުކުރުމުގެ ހެޔޮދުޢާގައި ވީމެވެ." މި އަސަރުގަދަ ސިޓީ، ސިޓީ އުރައަކަށްލާ އަދި އުރައިގައި ރާއިފުއަށް އެޑްރެސްކޮށްފައި ރައްޓެހި ކުއްޖަކަށް ހަވާލުކުރިއެވެ.

ރާއިފުއަށް ސިޓީ ލިބުމާއި އެކު ގޮތް ހުސްވިއެވެ. އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއްނެތެވެ. އޭނާއަކީ ފަގީރު ނިކަމެއްޗެކެވެ. ތަޢުލީމް ހޯދަން ބުރަ މަސައްކަތް ކުރާ ޒުވާނެކެވެ. ކިތަންމެ ބޭނުންވިޔަސް މިވަގުތު އޭނާއަކަށް ރުހާއާއި ކައިވެނި ކުރެވޭކަށްވެސް ނެތެވެ. އަމްދުން ރުހާގެ މަންމަގެ ހުރި ޒީލަގަދަކަމާއި ނުފޫޒު ގަދަކަމަކީ ރަށު ރައްޔިތުން ދަންނަ ހަގީގަތެކެވެ.

ދަންވަރުގެ ހިމޭންވަގުތެވެ. ރުހާގެ ގެޔަކީ ރާއިފުއަށް ނުހަނު ފަރިތަ ތަނެކެވެ. ފަނިފަކުސާތަކުގެ ގޮވެލިތަކުގެ އަޑަށްވެސް ސިއްރުން ރާއިފް ރުހާއާއި ބައްދަލުވޭތޯ އެގެއަށް ދިޔައެވެ. ގިފިލި ފާރުމަތިން ފުންމާލާ އެގޭތެރެއަށް ވަނެވެ. ނަސީބު ރަނގަޅުކަމުން ރުހާގެ ކޮޓަރި ދޮރު ހުރީ ތަޅުނުލައެވެ. ސިއްރު ސިއްރުން ރާއިފު ރުހާގެ ގައިގާ ކޮށްޓާލިއެވެ.

"ކާކު؟" ރުހާ ހަޅޭއްލަވައިގަތެވެ. އެވަގުތު ރާއިފު އޭނާގެ އަނގަމަތީ އަތް އެޅިއެވެ.

"ޝްޝް" މީ އަހަރެން. ހަޅޭއްނުލަވާ." ރާއިފު ސިއްރު ސިއްރުން ބުންޏެވެ.

"ރާއިފް. މީ ކިހާބޮޑު ބޭ އިންސާފެއް." ރުހާއަށް ރޮވެން ފެށުނެވެ.

"ކައިވެންޏަށް ދެކޮޅު ހަދާ. ކިޔެވުން ހުއްޓާލާކަށް ނުވާނެ. ކިޔަވާ ނިމެންދެން އަހަރުމެންނަށް ބައްދަލުނުކޮށް ތިބެވިދާނެ." ރާއިފު ބެލީ ކޮންމެ ގޮތެއް ހަދައިގެންވެސް ކައިވެނި ހުއްޓުވާށެވެ.

"އެއީ ކިހިނެއް ވާނެކަމެއް. އެމީހުންނަކީ ގޮތް ދޫކުރާނެ ބައެއްނޫން. އަހަރެން ކުރާ ކަމަކުން ބައްޕައަށް އިތުރު ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ ހަދާނީ ކިހިނެއް؟" ރުހާއަށް ރޮވެނީއެވެ.

ރަށުގެ ކުދިބޮޑު އެންމެންނަށް ކައިވެނި ވަލީމާގެ ދަޢުވަތު ދެވިގެން ބޭއްވި އެންމެ ބޮޑު ޕާޓީއަކީ ރުހާއާއި ޒުހޭރުގެ ޕާޓީއެވެ. މަޖުބޫރުން ކުރުވި ކައިވެނީގެ ހުރިހާ އުފަލެއް ލިބުނީ ހަލީމާއަށެވެ. ޒުހޭރު ވަނީ ހަލީމާއަށް ބައިވަރު ފައިސާއާއި ހަދިޔާދީ އޭނާގެ ހިތް އަތުލާފައެވެ. ނަމަވެސް ރުހާގެ ހިތްވަނީ ކަތިލެވިފައެވެ. ރާއިފަށް ލިބުނު ހިތާމައިގައި ރަށުންބޭރަށް ތަޢުލީމް ހާސިލްކުރަން ދިޔައީއެވެ.

"އަހަރެންގެ މަޖުބޫރީ ހާލަތު ދެނެހުރެ އަހަރެންގެ ހަޔާތާއި ޒުހޭރު ކުޅެލައިފީމު. އަހަރެންގެ ޖިސްމު ލިބުނަސް އަހަރެންގެ ހިތެއް ޒުހޭރަކަށް ނުދެވޭނެ." ކައިވެނީގެ އަގުބޮޑު ހެދުމުގައި ހުރެ ރުހާ ބުންޏެވެ.

"ތީ އަހަންނަށް ނޭނގޭ ކަމެއް ނޫން. ރުހާގެ ހިތް ހޯދުމަށްޓަކައި އަދި ރުހާ ދިރިއުޅުމަކަށް ބޭނުންވާނެ ހަރުދަނާ މީހަކަށް ހެދުމަށްޓައި އަހަރެން ކާމިޔާބުވާތަން ރުހާއަށް ފެންނާނެ." ޒުހޭރުގެ އަޑުގައި ވަނީ ޔަގީން ކަމެވެ.

ކައިވެނީގެ ފުރަތަމަ އަހަރު ރުހާއަށް ލޯބިލޯބި އަންހެން ކުއްޖަކު ލިބުނެވެ. ޖެހިގެން އައި އަހަރު ދޫކޮށް ދެންއައި އަހަރުގައި ފިރިހެން ކުއްޖެއް ލިބިއްޖެއެވެ. ހަލީމާގެ ހެޔޮކަމާއި އޯގާތެރިކަން ރުހާއަށް ލިބެމުން ދިޔައެވެ.

"މަންމައަކަށް މީކީ މާ ބޮޑުކަމެއް ނޫން. ރުހާ އަބަދުވެސް ރީތިވެގެން ހަމަޖެހިގެން ހުރޭ." ހަލީމާ ބުނަމުންދެއެވެ. ހަދިޔާއާއި ފައިސާ ގިނައިން ލިބޭ މިންވަރަކުން އޭނާގެ ހެޔޮކަން މިންކުރެވެއެވެ. މާމަދަރިންނަށް ކާންދީ ފެންވަރުވައި އެކުދިން ބެލުމުގައި ހަލީމާއަކީ މިސާލެކޭ ބުނެވޭނެއެވެ. ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި ރުހާއަކަށް ވިސްނާކަށް ނުޖެހެއެވެ. ޒުހޭރުއާއި މަންމަ ރުހާއަށް އިންތިހާއަށް ހެވެވެ.

"މީ ވިޔަފާރިއެއް. މި ވިޔަފާރީގައި ފައިދާވަނީ މަންމައަށާއި ޒުހޭރުއަށް." ގޮތް ހުސްވެފައިވާ ރުހާއަށް ބުނެވުނެވެ. ދިރިއުޅުމެއްގައި ރުހާއަށް ނުލިބޭ އެއްޗެއް ނެތެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ މާޔޫސްކަމެވެ. ހިތާމައާއި މޮޅިވެރި ކަމެވެ. އެކުވެރި ކުދިން ކިޔަވައިފިއެވެ. ވަޒީފާތަކަށްގޮސް ބޭނުންވާ ކަންކަން އަމިއްލައަށް ކުރަމުންދެއެވެ. ބޭނުންއިރަކު ބޭނުންތާކަށް ދެވެއެވެ. ރަހުމަތްތެރިންނާއެކު ސަކަރާތް ޖެހެއެވެ. އޭނާއަށް އިހުސާސްވަނީ އެކަނިވެރިކަމެވެ. ހިތްވަނީ މޮޅިވެފައެވެ.

"ޒުހޭރު ކިހާ ރަނގަޅުތަ؟ ރަށުގައި ތިވަރުގެ އުފަލުގައި ހުންނަންޖެހޭ އެހެން ކުއްޖެއް ނެތް. ރުހާއަށް ނުލިބެނީ ކޯންޗެއް." ހަލީމާ ރުހާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

"ބޭނުންހާ އެއްޗެއް ލިބެނީ މަންމައަށް. އެކަމުން އުފާވަނީވެސް މަންމަ. އަހަރެން ބޭނުންވީ މޮޅަށް ކިޔަވަން. ހިތްއެދޭ ބައިވެރިޔަކާއި އެކު ދިރިއުޅުން އާރާސްތު ކުރަން. ބޭނުންއިރަކު ގެއިން ބޭރަށްވެސް ނިކުމެލަން. މިހުރިހާ ތަކެތިން އުފާވެރިކަން ލިބޭނަމަ އަހަރެން މާޔޫސްވަނީ ކީއްވެގެންކަން މަންމަ ބުނެދީބަލަ." ރުހާގެ މޫނުގެ ކުލަވަނީ ބަދަލުވެފައެވެ. އޭނާލޮލުގައި ވަނީ ހިތާމައިގެ އަސަރުތަކެވެ.

ރުހާ ދިޔައީ އޭނާގެ ރައްޓެހި މަރީ ގާތަށެވެ. މަރީ ޓީޗަރުކަން ކިޔަވާ ނިމުމާއި ގުޅިގެން އެގޭގައި އޮތް ކުޑަ ހަފްލާއަށެވެ. ކުދިން ލިބުންފަހުން އޭނާއަށް ގެއިން ނިކުންނާކަށް އަމުރެއް ނެތެވެ. ޒުހޭރު ގަބޫލު ކުރާގޮތުގައި ދަރިން ލިބުމުން މަންމަ އަބަދު ހުންނަން ޖެހޭނީ ދަރިންނާއި އެކުގައެވެ. ގެއަށް އައިސް ވަންއިރު ޒުހޭރު ހުރީ ރުޅިއައިސްފައެވެ.  (ނުނިމޭ)

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ރީތި. މަންމަގެ މުށުތެރެން ސަލާމަތްވެވޭނެ ގޮތެއްނެތްދޯ! އަވަހަށް އަނެއްބައިތައް ގެނެސްދެއްވާ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *