ބުއްދިވެރި ބަސްތަކަކީ ރަނަށް ވުރެ އަގުބޮޑު އެއްޗެއް

ރަލަކީ މީހާ އަޑުގަދަ މޮޔަ އަކަށް ހަދާލާ އެއްޗެކެވެ. ރަލުގެ އަވާގައި ޖެހޭ މީހުންނީ ބުއްދިވެރިންނަކަށް ނުވާނެއެވެ. އެމީހުންގެ ކިބައިން ފެށޭނީ އަރައިރުމެކެވެ.
ރުޅިގަދަ ވެރިޔާއަކީ ސިންގާއެއް ފަދަ އަޑުގަދަ މީހެކެވެ. އޭނާ ރުޅިއެރުވަކީ އަމިއްލަ ނަފްސު ނުރައްކަލަށް ވައްޓާލުންފަދަ ކަމެކެވެ.
ޒުވާބެއްގެ ތެރެއަށް ނުވަނުމަކީ ޝަރަފުވެރިންގެ ސިފައެކެވެ. އަރައިރުން ކުރިއަށް ގެންދާނީ މޮޔައިންނެވެ.

ރަނގަޅު މޫސުމުގައި ދަނޑު ނުހައްދާ ކަންނެތް މީހާ ކަނޑާނެ ގޮވާމެއް ނުހުންނާނެއެވެ. އޭނާ ކާނެ އެއްޗެއް ވެސް ނުހުންނާނެއެވެ.
ހިތުގެ ފުންމިނުގައި ހެޔޮ ނަސޭހަތް ފޮރުވިފައި ވާނެއެވެ. ވިސްނޭ މީހާ އެނަސޭހަތް ހޯދައި ނެރޭނެއެވެ.
ތިމަންނައަށް އިތުބާރު ކުރާށޭ ވަރަށް ގިނަ މީހުން ބުނެއެވެ. އެކަމަކު ޙަޤީޤަތުގައި އިތުބާރު ކުރެވޭ ބަޔަކު ފެނިދާނެ ހެއްޔެވެ؟
ތެދުވެރިޔާ ހިނގާނީ ހެޔޮމަގުންނެވެ. އެފަދަ މީހުން ނަމޫނާއަކަށް ބަލާ ދަރިންނަށް ބަރަކާތް ހުއްޓެވެ.
ރަސްގެފާނު ނިޔާކަނޑައަޅާއިރު ހެކީންގެ ބަސްތަކަށް ބުރަވެއެވެ. އަދި ހެވާ ނުބައި ވަކިކޮށް ދެނެގަނެއެވެ.

ތިމަންގެ ހިތް ސާފޭ، ފާފައެއް ނެތޭ ބުނެވެން އޮތީ ކާކަށް ހެއްޔެވެ؟
މިނެކިރާ ބަރުތަކާއި ނުވަރު މިންތަކަކީ މާތްރަސްކަލާނގެ ރުހިވޮޑިނުގަންނަވާ ތަކެއްޗެވެ.
ކުދިންގެ އަމަލުތަކުން ވެސް އެކުދިންނަކީ ތެދުވެރި ރަނގަޅު ބައެއް ކަން އެނގިގެންދާނެއެވެ.
އަޑުއަހާނެ ކަންފަތާއި ބަލާނެ ލޮލަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތެކެވެ.

ނިދަން ލޯބިކުރާ މީހާ ވާނީ ފަގީރެވެ. ލޯ ހުޅުވައި ހޯދާށެވެ. އޭރުން ކާތަކެތި މަދެއް ނުވާނެއެވެ.
ގަންނަމީހާ ބުނެއެވެ. ”އެއީ އަގެއް ނެތް އެއްޗެކެވެ.“ މިހެން ބުނެ އޭތި އަގުހެޔޮކޮށް ގަނެ އެކަމާ ފަޚުރުވެރިވެއެވެ.

ތަންދޮރު އެނގުމަކީ އެތައް ގިނަ ރަނަށް ވުރެ އަދި އެތައް ރަން މުތްތަކަށް ވުރެން އަގުބޮޑު އެއްޗެކެވެ.
ނުދަންނަ މީހެއްގެ ދަރަނި ބޮލުގައި އެޅުމުގެ މޮޔަ ނަހަދާށެވެ. އެހެންނޫނީ ރަހުނުގެ ގޮތުގައި ތިމާގެ އަމިއްލަ މުދާތައް ބަހައްޓަން ޖެހިދާނެއެވެ. އެއީ ބީރައްޓެއްސެއް ނަމަ އެ ދަރަނީގެ ބަދަލުގައި އެއްޗެއް ރަހުނުގެ ގޮތުގައި އަތުލާށެވެ.

ވަގަށްނަގާ ރޮށިކޮޅު މީރުވެދާނެއެވެ. އެކަމަކު އަނގަޔަށްލުމުން އެވާނީ ހިލަވެއްޔަށެވެ.
ރޭވުންތައް ކާމިޔާބުވަނީ ރަނގަޅު މަޝްވަރާގެ މަތިންނެވެ. ބުއްދިވެރި ލަފަޔަކާ ނުލައި ހަނގުރާމައަކަށް ނުދާށެވެ.
ދެބަކުޓުވާ މީހާ ސިއްރު ބުނަމުން ހިނގާނެއެވެ. އެފަދަ މީހުންނާ ގުޅުން ނުބާއްވާށެވެ.
ބަފަޔާއި އަމަޔަށް ހުތުރުބަސް ބުނާ މީހާގެ ޙަޔާތުގެ ބައްތި ނިވި ކަނު އަނދިރިވެދާނެއެވެ.
ކުއްލިގޮތަކަށް ލިބޭ މުދާގަނޑެއްގައި ބަރަކާތެއް ނުވެއެވެ.

ބަދަލު ހިފަން އުޅެނުގަންނާށެވެ. އެކަންތައް މާތްރަސްކަލާނގެ ހިންމަވައި ދެއްވާނެއެވެ. އެއިރަކަށް އިންތިޒާރު ކުރާށެވެ.
އުނިއިތުރު ކުރާ މީހުން ދެކެ މާތްރަސްކަލާނގެ ނުރުހުންތެރިވެ ވޮޑިގަންނަވައެވެ. ދޮގުވެރި ތިލަފަތް ދެކެ އެކަލާނގެ ރުހިވޮޑިއެއް ނުގަންނަވައެވެ.
އަހަރެމެންގެ މަގުތައް ކޮށްޓަވަނީ މާތްރަސްކަލާނގެ އެވެ. ވީއިރު ކުރިޔަށް ދެވެން އޮތީ ކޮން މިސްރާބަކަށް ކަން ދެނެގަންނަން އެނގޭނީ ކާކަށް ހެއްޔެވެ؟

އަވަސް އަރުވައިގެން މާތްރަސްކަލާނގެއަށް ނަދުރު ނުބުނާށެވެ. ފަހުން އެކަމާ ދެރަވާން ޖެހިދާނެއެވެ.
ބުއްދިވެރި ރަސްގެފާނު ނުބައި މީހުން ފުށަށް ހަދައި ބުރުވާލައެވެ. އެމީހުންނާ މެދަކު ރަޙުމެއް ނުބަހައްޓައެވެ.
މާތްރަސްކަލާނގެ މީހާގެ ރޫޙުގެ ފުންމިނަށް އަލިކޮށް ބައްލަވާ ވޮޑިގަންނަވައެވެ. އޭނާގެ ޒަމީރުގައި ފޮރުވިފައިވާ އެއްޗެއް އެކަލާނގެއަށް ފާޅުވެ ފެންނަން ހުރެއެވެ.
ރަސްގެފާނަށް ސަލާމަތްކަން ލިބެނީ އަމާނާތްތެރިކަމާއި ދެގޮތެއް ނުވާ ލޯބިންނެވެ. އަދި އެރަސްކަން ދެމެހެއްޓެނީ އެންމެތަކުން ދެކެ ދެގޮތެއް ނުވެ ލޯބިވާނަމައެވެ.
ޒުވާންކަމުގެ ޖޯޝަކީ ގަދަ ބާރެކެވެ. ނުރައަކީ ތަޖުރިބާކާރުންގެ އަގުބޮޑު ޝަރަފެވެ.
ތަޅައި އަދަބު ދިނުމުން ނުބައިކަން ފިލާދެއެވެ. ތަރުބިއްޔަތު ކުރުމުން ހިތް ސާފުވެދެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *