(19 އެޕްރީލް 2022 ނޫހާއިގުޅޭ)
17. ދުޢާކުރުމުން ހިތާމަތަކަށް ލުއި ލިބެއެވެ.
އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއަކު ހުއްޓެވެ. އޭނާއަކީ ވަރަށް ދީންވެރި ހެޔޮޢަމަލުކުރާ ހެޔޮލަފާ މީހެކެވެ. އޭނާގެ ތިންކުދިން ތިއްބެވެ. މާޔޫސްކަމުން އޭނާގެ ހިތް ހަލާކުވެ ހިތާމައިން މުޅިދުނިޔެ ބަނަކޮށްލި ދުވަހެއް އައެވެ. އޭނާގެ އަންހެނުންނަށް ކެންސަރުޖެހުނު ކަން އެނގުނު ދުވަހުން ފެށިގެންނެވެ. ޝޭޚެއްގެ އިރުޝާދުން ރޭއަޅުކަންކުރުމާއި ރޭގަނޑުގެ ފަހުބައިގައި ދުޢާކުރަމުން ދިޔައެވެ. ފާފަފުއްސަވާތޯ ދުޢާކުރުމާއި ޒަމްޒަމް ފެނަށް ޤުރުއާން ކިޔަވާފައި އޭނާގެ އަންހެނުންނަށް ބޯންދެއެވެ. އޭނާގެ އަންހެނުން އެފެނުން ހަށިގަނޑު ދޮވެއެވެ. އޭނާ ކޮންމެރެއަކު މިކަން ތަކުރާރު ކުރަމުންދެއެވެ. އޭނާ އަންހެނުންނާއެކު ފަޖުރުލީއްސުރެ އިރުއަރާންދެން މަޣްރިބުންފެށިގެން އިޝާނަމާދަށް ގޮވަންދެން ﷲ އަށް ފާފަފުއްސެވުމަށާއި ބައްޔަށް ޝިފާދެއްވުމަށް ދަންނަވަމުން ދިޔައެވެ. ދެން ﷲ އެ އަންހެނާގެ ބަލި ފިލުއްވާ އޭނާއަށް ޝިފާދެއްވެވިއެވެ. އަދި ކުރިއަށްވުރެ ރީތިކަމާއި ޒުވާންކަން ދެއްވާ އޭނާގެ ހަންގަނޑު އޮމާންކޮށްދެއްވައި ބޮލުގެ އިސްތަށިގަނޑު ރީތިކޮށްދެއްވިއެވެ. އޭނާ އެކަލާނގެއަށް ކިޔަމަންވުމުގައި ދެމިހުއްޓެވެ. ހަމަކަށަވަރުން އެކަލާނގެއަކީ ބަލިތަކަށް ޝިފާދެއްވައި ފުރިހަމަ ސިއްހަތު ދެއްވާ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި އެހެން އިލާހެއް ނުވެއެވެ.
ލޮބުވެތި އުޚުތުންނޭވެ. ތިބާ ބަލިވުމުން ﷲއަށް ދަންނަވާށެވެ. ފުރިހަމަ އީމާނާއެކު އެކާލާނގެއަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ. އެކަލާނގެއަށް ތަޢުބާވާށެވެ. އެކަލާނގެއަށް އާދޭސް ދަންނަވާށެވެ. އެކަލާނގެ ތިބާގެ ދުޢާ އިޖާބަ ކުރައްވާނެތެވެ. ހިތާމަތައް ފިއްލަވައިދެއްވާނެއެވެ. މާތް ﷲ ނަމްލު ސޫރަތުގެ 62 ވަނަ އާޔަތުގައި ވަހީކުރައްވާފައި ވަނީ،
﴿ أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَٰهٌ مَّعَ اللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ ﴾
ނުވަތަ ދަތި އުނދަގޫ حال ޖެހިފައިވާ މީހާ، އެކަލާނގެއަށް دعاء ކުރާހިނދު، އެމީހާގެ دعاء އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ خليفة އިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟ اللَّه އާއެކު އެހެން إله އަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.
[ އަންނަމްލް ސޫރަތުގެ 62 ވަނަ އާޔަތް]
18. ބޭކާރު ވާހަކަދައްކަން ވަގުތު ހޭދަނުކުރާށެވެ.
ޒުވާބު ކުރުމާއި ޙަޤީޤަތެއްނެތް ވާހަކަ ދެއްކުމާއި ފޮނިކެނޑުންފަދަ ނުވާނެ ކަންކަމާއި ބެހޭގޮތުން ވާހަކަ ނުދައްކާށެވެ. އެހެނީ އެކަހަލަ ވާހަކަތަކުން ތިމާ މާޔޫސްވެ ނަފްސަށް އުނދަގޫ ގޮތް ވާނެއެވެ. ޚިޔާލުތަފާތުވާ މައްސަލަތަކުގައި އެހެންމީހުން ވަކިކަމަކަށް އެއްބަސްކުރުވުމަށް މަސައްކަތް ނުކުރާށެވެ. ތިމާއަށް ވިސްނޭ އެންމެ ރަނގަޅު ގޮތް ރުޅިނައިސް ތެދަށް އަދި ރީތިކޮށް ބުނާށެވެ. އެހެންމީހުންނަށް މާލާމަތް ރައްދުވާގޮތަށް ބަސްމަގު ނުގެންގުޅޭށެވެ. އެހެންމީހުން އެއިން ހިތްހަމަ ނުޖެހޭފަދަ ބަހެއް ނުބުނާށެވެ. ބުނަންބޭނުންވާއެއްޗެއް ރީތިކޮށް އަދަބު އިޙްތިރާމް ނުގެއްލޭނޭހެން ބުނާށެވެ. އޭރުން މީހުންގެ ހިތްތަކުގައި ތިބާއަށް އިޙްތިރާމު ލިބި އެމީހުން ބަލައިގަންނަ މީހަކަށް ވާނެއެވެ. ކަންބޮޑުވުމާއި ދެރަވުމުން އެހެންމީހުންގެ ވާހަކަދެކެވި އެމީހުން ދެރަކޮށްލެވޭ ފަހަރު އާދެއެވެ. މިފަދަކަންކަމުން ގެނެސްދެނީ ދިރިއުޅުން ހަލާކުވެގެން ދިއުމާއި ނަފުސަށްވެސް ހަމަޖެހުމެއް ނުލިބުމެވެ. އެހެންކަމުން އެހެން މީހުންގެ ކުށްތައް ދެއްކުމުގެ ބަދަލުގައި ތިމާގެ ކުށް ޤަބޫލުކުރުމާއި އެހެންމީހުންގެ ކުށްތަކަށް މަޢާފު ދިނުން ނަފުސުގައި ހަރުލައްވާށެވެ. ﷲ އިންސާނާ ހެއްދެވީ އެ އިންސާނާއަކީ އެންމެ ފުރިހަމަ މީހާނޫންކަން ކަނޑައަޅުއްވައި އަދި އެއީވެސް ކުށްކުރެވޭނެ މީހެއްކަން އަންގައި ދެއްވާފައެވެ. އެހެންކަމުން ތިމާގެ ކުށް ޤަބޫލުކޮށް ތިމާއަކީވެސް ފާފަ ކުރެވިދާނެ މީހެއްކަން ޤަބޫލުކޮށް ކުށަށް ތައުބާވާށެވެ. އަދި އެހެންމީހުންގެ ކުށްތަކަށް މަޢާފު ކުރާށެވެ.
