ހަމަކަށަވަރުން ރަޙްމަތާއި ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް މިވަނީ އަހަރެމެންނާ އަލްވަދާޢު ކިޔުމަށް ކުޑަތަންވެފައެވެ. ބަރަކާތްތެރި މައްސަރުގައި އަޅުތަކުން ކުރާ އަމަލުތަކުގެ ފަތްތައް، މާތް ﷲގެ ޙަޟްރަތަށް އުފުލިގެން ދާނެއެވެ. އެ އުފުލުނު ޢަމަލުތައް ޤަބޫލުވެވި، ނަރަކައިން މުއްތިކުރެވުނު މީހަކަށް ހުރި ހެޔޮކަމެއްގެ ބޮޑުކަމާއެވެ! އަދި އެ ޢަމަލުތައް ޤަބޫލުނުވެވި، އަނބުރާ ރައްދުކުރެވޭ މީހަކަށް ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ! ﷲ سبحانه وتعالى އަޅަމެންނަށް އެފަދަ ދެރަ ގޮތެއް މިންވަރު ނުކުރައްވާށިއެވެ! އާމީން
އަހަރެމެންގެ ތެރެއިން ބައެއް މީހުން، ރަމަޟާން މަހު ނަމާދުގެ ޖަމާޢަތަށް ރައްކާތެރިވެ، ގިނަގިނައިން ޤުރްއާން ކިޔަވައި، މީސްތަކުންނަށް ހެޔޮފޯރުވައި އުޅުމަށްފަހު، ރަމަޟާން މަސް ނިމުމުން މިކަންކަމަށް ފަރުވާކުޑަކުރާކަމީ އެކަމާމެދު ވިސްނަންޖެހިފައިވާ ކަމެވެ. މިއީ މީހަކު އެތައް ޚަރަދަކާއި އެތައް މަސައްކަތެއް ކޮށްގެން ރަނގަޅު ބިނާއެއް ކުރުމަށްފަހު، އެ ބިނާ އަމިއްލަ އަތުންފުނޑުފުނޑުކޮށްލުން ފަދަ ކަމެއް ނޫންހެއްޔެވެ؟ އެފަދަ މީހުން ހީކުރާ ގޮތުގައި ރަމަޟާން މަހަކީ، އެ މީހުން މުޅި އަހަރުތެރޭގައި ކުރާ ފާފަތައް ފޮހެލުމަށް މާތް ﷲ ދެއްވާފައިވާ ރަނުގެ ފުރުޞަތެކެވެ. ރަމަޟާން މަސް ނިމުމުން އަނެއްކާވެސް ކުރީގެ ޙަޔާތަށް އެނބުރި ރުޖޫޢަވާންވީއެވެ! އެހެންނަމަވެސް އެބައިމީހުންގެ އެ ހީކުރުމަކީ، ކުށް ހީއެކެވެ. ފާފަތަކަށް އެނބުރި ދިޔުމަށް ގަސްތުކުރާ ހާލުގައި ކުރާ، ހެޔޮ އަމަލުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟
އަޅުން ކުރާ ހެޔޮ ޢަމަލު، މާތް ﷲ ޤަބޫލު ކުރެއްވިކަމުގެ ނިޝާންތަކެއްގެ ގޮތުގައި ބައެއް ކަންތައްތައް އިލްމްވެރިން ބަޔާންކުރައްވާފައި ވެއެވެ. އެއީ، ހެޔޮ ޢަމަލުކުރުމަށްފަހު، އެ ޢަމަލުތައް ދޫކޮށްނުލައި، ފާފަތަކަށް އަރައި ނުގަނެ ހުރުމެވެ. ކުރެވުނު ހެޔޮ ޢަމަލަކީ، މާތް ﷲގެ ޙަޟްރަތުގައި، މަޤްބޫލު ޢަމަލަކަށް ނުވެ ހިނގައިދާނެތީ، އެކަމަށް ބިރުވެތިވުމެވެ. ހެޔޮ ޢަމަލު ކުރުމަށްފަހު، ފާފަތަކާ ދުރުހެލިވެ، ހެޔޮ ޢަމަލުތައް ކުރުންމަތީ، ދެމިހުރުމުގެ ތައުފީޤު ލިބުމެވެ. ކުރެވުނު ހެޔޮ ޢަމަލާމެދު ބޮޑާވުމުގެ ބަދަލުގައި، އެޢަމަލުގެ މަދުކަން އިޙްސާސްވުމެވެ. ހެޔޮ ޢަމަލު ކުރުމަށާއި، ޞާލިހުންނަށް ލޯބިޖެހުމެވެ. ފާފަތަކަށާއި، ފާސިޤުންނަށް ނުރުހުންތެރިވުމެވެ. ފާފަ ފުއްސެވުން އެދި، ގިނަގިނައިން މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުމާއި ހެޔޮ ޢަމަލު ކުރުންމަތީގައި ދެމިހުރުމެވެ.
ރަމަޟާން މަހު ﷲ تعالى ގެ ވަޖުހުފުޅު އަދައިގެން، ހެޔޮ ގޮތުގައި ރޯދަ ހިފައި، ރޭއަޅުކަން ކޮށް، ހެޔޮ އަމަލުތައް ކޮށް އުޅުނުމީހާ، ފަހެ އެކަންތައްތަކާ މެދު ބޮޑާވެ ނުގަންނަހުށްޓެވެ. އަހަރެމެންގެ ކުރީގައި އުޅުއްވި ޞާލިޙު އަޅުން ހެޔޮގޮތުގައި ރަމަޟާން މަސް ވޭތުކުރެވޭނެ ފުރުޞަތު ދެއްވުން އެދި މާތް ﷲގެ ރތުގައި ދުޢާ ދަންނަވާކަމުގައިވެއެވެ. އަދި ރަމަޟާން މަސް ލިބިއްޖެ ނަމަ، އެމަހުގެ ދުވާލާއި، ރޭތައް އަޅުކަމުގައި ހޭދަ ކުރައްވާކަމުގައިވެއެވެ. އެއަށްފަހު، އެމަސް ނިމުމުން، އެމަހުގައި ކުރި އަޅުކަން ޤަބޫލު ކުރެއްވުން އެދި، ޖެހިގެން އަންނަ ހަ މަސްދުވަހު ﷲ تعالى އަށް ދުއާ ދަންނަވާ ކަމުގައި ވެއެވެ. – މަޢުލޫމާތު: ހުކުރު ޚުޠުބާ
