މިއަދު މުސްލިމުން އީދު ނަމާދަށްޓަކައި، މިއެއްވާ އެއްވުމުން ފެނިގެން މިދަނީ، މުސްލިމުންގެ އެއްބައިވަންތަކަމެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންނާއި، ފަގީރުންނާއި މުއްސަނދިންގެ މެދުގައިވާ އެކުވެރިކަމާއި ރަޙްމަތްތެރިކަމެވެ. އެބައިމީހުން، އެއްކައުވަންތަ ރަސްކަލާނގެ ޙަޟްރަތުގައި، އެލާނގެއަށް ޙަމްދާއި ސަނާ ދަންނަވައި، އެކަލާނގެ މަތިވެރިކޮށް ތަޢުޡީމު ކުރާ މަންޒަރެވެ
ޙަސަދަވެރިކަމާއި، ބައިބައިވުމާއި، އަރާރުންތަކާ ދުރުހެލިވުމަށް، މިއަދު ޢަޒުމް ކަނޑައަޅާށެވެ! ކޮންމެ މީހަކުވެސް އަނެކާގެ ޙައްގުތައް އަދާކުރާށެވެ! އެންމެ ފުރަތަމަ މާތްﷲގެ ޙައްގުތައް އަދާކުރާށެވެ! މާތް ﷲ އަހުރެމެން ހެއްދެވީ އެކަލާނގެއަށް އަޅުކަން ޚާލިޞްކުރުމަށެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގާ ވެއެވެ. "ތިމަންރަސްކަލާނގެއަށްއަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނުހައްދަވަމެވެ."
މާތް ﷲގެ ޙައްގުތައް އަދާ ކުރުމަށް އެންގެވި ބަސްފުޅާ ވިދިގެން، އެކަލާނގެ އަހަރެމެންނަށް އަންގަވަނީ މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގާ ވެއެވެ. "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ."ތިމާގެ ރަޙިމުގެ ގުޅުންތައް ވާޞިލުކުރާ މީހާއަށް، މާތް ﷲ ރަޙްމަތް ލައްވާނެތެވެ. އެމީހުން މި ގުޅުން ކެނޑިކަމުގައި ވިޔަސް ތިބާ މި ގުޅުން ކަނޑާނުލާށެވެ! ވެވުނު މިންވަރަކުން އެމީހުންނަށް ޒިޔާރަތްކޮށް ހަދިޔާދޭށެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘެއްގެ މާނައިގާވެއެވެ. "ރަޙިމުގެ ގުޅުން ވާޞިލުކުރާމީހަކީ، އޭނާއަށް ދޭ އެއްޗަކަށް އެއްޗެއް ދޭ މީހާއެއް ނޫނެވެ. އެކަމަކު ގުޅުން ވާސިލުކުރާ މީހަކީ، އޭނާއާ ގުޅުން ކެނޑިޔަސް، އެ ގުޅުން ދަމަހައްޓާ މީހާއެވެ."
ޢީދު ދުވަހު އަރަމުންދާ އިރާއެކު، ތިބާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުކުރާށެވެ! ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ބެބުޅުމުން ތިއާގެ މޫނު ބަބުޅައިލާށެވެ! ގާތްތިމާގެ އެންމެންގެ މެދުގައި ރަޙިމުގެ ގުޅުން އައުކުރާށެވެ! ރަޙްމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރާށެވެ.
ޣައިރު މުސްލިމުންގެ ޢީދުތަކާ ޚިލާފަށް އިސްލާމީ ޢީދު ތަކަކީ، މާތް ﷲ ޝަރްޢު ކުރައްވާފައިވާ ޢީދުތަކެކެވެ. މި ދުވަސްތައް ބަދަލު ކުރުމުގެ ބާރު އެހެން އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ. އަދި މި ޢީދުތައް އިތުރު ކުރުމުގެ ޙައްޤެއް ވެސް، އެހެން ފަރާތަކަށް ލިބިގެން ނުވެއެވެ. އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޢީދު ކުރުމަށްޓަކައި ޖާހިލީ ޒަމާނުގައި އޮތް ޢީދުތައް އުވައިލެއްވިއެވެ.
މިއަދަކީ ފިޠުރު ޢީދު ދުވަހެވެ. ފިޠުރު ޢީދަށް ބަލާއިރު، އެއީ މާތް ﷲ ފަރްޟު ކުރެއްވި ރަމަޟާން މަހުގެ ރޯދައާ ގުޅިގެން އަންނަ ޢީދެވެ. ރޯދައިގެ އަޅުކަން އަދާ ކުރެވުނީތީ އެކަމަށް ޝުކުރުކޮށް އުފާފާޅުކުރާ ދުވަހެވެ
އިސްލާމީ ޢީދުތައް ފެށެނީ އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުންނެވެ. މިއީ މާތް ﷲ އަށް ޝުކުރު ކުރުމަށްޓަކައި ބޭއްވޭ ޢީދު ނަމާދުގެ ބައްދަލުވުމެވެ މި ބޮޑު ބައްދަލުވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް ޢީދުގެ ތަހުނިޔާ ބަދަލު ކުރުމުގެ ފުރުޞަތު ތަނަވަސް ވެއެވެ. އެކަކު އަނެކަކާ ބައްދަލުކޮށް ކޮންމެ މީހަކު ވެސްއެ މީހެއްގެ ހިތުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމާއި، ގާތްތިމާގެކަމުގެ ޝުޢޫރުތައް ފާޅުކުރެއެވެ.
އިސްލާމީ ޢީދުތަކަކީ، އެކަމުގައި އެންމެން ބައިވެރި ކުރުވަންޖެހޭ އިޙްތިފާލު ތަކެކެވެ. އެ ދުވަސްތަކުގައި އުފާ ފާޅުކުރަންވީ ހަމަ އެކަނި ތަނަވަސްކަން ލިބިގެންވާ މީހުންނެއް ނޫނެވެ. ތަނަވަސްކަން ލިބިގެންވާ މީހުން، މި ތަނަވަސްކަން ފަގީރުންނަށާއި މިސްކީނުންނަށް ފޯރުކޮށްދީ، ޢީދުގެ އުފަލުގައި އެމީހުން ބައިވެރިކުރަން ޖެހޭނެއެވެ.
ފިތުރު ޢީދު ދުވަހު، ޢީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް އަދާކުރުމަށް އަންގަވާފައި ވަނީމިހެން ވެގެންނެވެ. މި ކަމުގެ ސަބަބުން ފަގީރުންނަށް ސަލާމްނުޖަހާ ދިރިއުޅެވޭ ވަރުގެ ތަނަވަސްކަމެއް ލިބޭނެތީއެވެ.
އިސްލާމީ ޢީދުތަކަކީ ޒީނަތްތެރިވުމުގެ މުނާސަބަތުތަކެވެ. މިހެންވެ ޢީދު ދުވަހަށްޓަކައި ހިނައިގަތުން ސުންނަތް ވެގެންވެއެވެ. އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުން ސުންނަތް ވެގެންވެއެވެ. ހުވަނދުލުމާއި، މީރުވަސް ދުވާ އެއްޗެހީގެ ބޭނުން ކުރުމަކީ ސުންނަތުގައިވާ އިސްލާމީ އަދަބެކެވެ.
އިސްލާމް ދީނުގައި ޢީދުތައް ޝަރުޢުކުރައްވާފައި ވަނީ، ހަމައެކަނި އުފާފާޅުކޮށް މަޖާކުރުމަށް ނޫނެވެ. ނަމަވެސް އެކަން ޝަރުޢުކުރެއްވީ، އިސްލާމީ މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކުރެއްވުމަށްޓަކައެވެ. އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓެވުމަށްޓަކައެވެ. މުސްލިމުންގެ މެދުގައި ހެޔޮފޯރުވުމުގެ ރަނގަޅު އާދަ ފެތުރުއްވުމަށްޓަކައެވެ. ޢީދުގެ ދުވަސްތަކުގައި ހެޔޮފޯރުކޮށް އުޅުމާއި، އެއްބަޔަކު އަނެއްބަޔަކަށް އަޅައިލުމަކީ، އިސްލާމީ ރިވެތި އާދައެކެވެ.
މަޢުލޫމާތު: ފިޠުރު ޢީދުދުވަހުގެ ޚުޠުބާ
