(26 އެޕްރީލް 2022 ނޫހާއިގުޅޭ)
18. ބޭކާރު ވާހަކަދައްކަން ވަގުތު ހޭދަނުކުރާށެވެ.
ޒުވާބު ކުރުމާއި ޙަޤީޤަތެއްނެތް ވާހަކަ ދެއްކުމާއި ފޮނިކެނޑުންފަދަ ނުވާނެ ކަންކަމާއި ބެހޭގޮތުން ވާހަކަ ނުދައްކާށެވެ. އެހެނީ އެކަހަލަ ވާހަކަތަކުން ތިމާ މާޔޫސްވެ ނަފްސަށް އުނދަގޫ ގޮތް ވާނެއެވެ. ޚިޔާލުތަފާތުވާ މައްސަލަތަކުގައި އެހެންމީހުން ވަކިކަމަކަށް އެއްބަސްކުރުވުމަށް މަސައްކަތް ނުކުރާށެވެ. ތިމާއަށް ވިސްނޭ އެންމެ ރަނގަޅު ގޮތް ރުޅިނައިސް ތެދަށް އަދި ރީތިކޮށް ބުނާށެވެ. އެހެންމީހުންނަށް މާލާމަތް ރައްދުވާގޮތަށް ބަސްމަގު ނުގެންގުޅޭށެވެ. އެހެންމީހުން އެއިން ހިތްހަމަ ނުޖެހޭފަދަ ބަހެއް ނުބުނާށެވެ. ބުނަންބޭނުންވާއެއްޗެއް ރީތިކޮށް އަދަބު އިޙްތިރާމް ނުގެއްލޭނޭހެން ބުނާށެވެ. އޭރުން މީހުންގެ ހިތްތަކުގައި ތިބާއަށް އިޙްތިރާމު ލިބި އެމީހުން ބަލައިގަންނަ މީހަކަށް ވާނެއެވެ. ކަންބޮޑުވުމާއި ދެރަވުމުން އެހެންމީހުންގެ ވާހަކަދެކެވި އެމީހުން ދެރަކޮށްލެވޭ ފަހަރު އާދެއެވެ. މިފަދަކަންކަމުން ގެނެސްދެނީ ދިރިއުޅުން ހަލާކުވެގެން ދިއުމާއި ނަފުސަށްވެސް ހަމަޖެހުމެއް ނުލިބުމެވެ. އެހެންކަމުން އެހެން މީހުންގެ ކުށްތައް ދެއްކުމުގެ ބަދަލުގައި ތިމާގެ ކުށް ޤަބޫލުކުރުމާއި އެހެންމީހުންގެ ކުށްތަކަށް މަޢާފު ދިނުން ނަފުސުގައި ހަރުލައްވާށެވެ. ﷲ އިންސާނާ ހެއްދެވީ އެ އިންސާނާއަކީ އެންމެ ފުރިހަމަ މީހާނޫންކަން ކަނޑައަޅުއްވައި އަދި އެއީވެސް ކުށްކުރެވޭނެ މީހެއްކަން އަންގައި ދެއްވާފައެވެ. އެހެންކަމުން ތިމާގެ ކުށް ޤަބޫލުކޮށް ތިމާއަކީވެސް ފާފަ ކުރެވިދާނެ މީހެއްކަން ޤަބޫލުކޮށް ކުށަށް ތައުބާވާށެވެ. އަދި އެހެންމީހުންގެ ކުށްތަކަށް މަޢާފު ކުރާށެވެ.
19. އުންމީދާއެކު ކުރިއަށްދިއުމުގެ ހިތްވަރު ލިބިގަންނާށެވެ. މުޅި ކައުނުވެސް ތިބާއާއެކުވާނެއެވެ.
ދިރިއުޅުމުގެ ހުރިހައިކަމެއް ލޯބީގެ ރޫޙަކުން އަދި ރަނގަޅަށްދާނެކަމުގެ ވިސްނުމަކުން އުންމީދާއެކު ކުރާށެވެ. ދިރިއުޅުމަކީ އިންސާނާއަށް މާތްﷲ ދެއްވި ނިޢުމަތެކެވެ. އެހެންކަމުން މި ނިޢުމަތް ބަލައިގަންނާށެވެ. އުފަލާއެކު ކަންކަން ރަނގަޅަށްދާނެކަމުގެ ވިސްނުމާއެކު ކުރިއަށް ގެންދާށެވެ. ހެނދުނުގެ ވިދުމާއި ދުވާލުގެ އަލިކަމާއި ރޭގަނޑުގެ ހިމޭންކަމުންނެވެ. މާތް ﷲއަށް ޝުކުރުކުރާ ޙާލު ތާޒާ ފެންބޯށެވެ. އުފަލާއެކު ތާޒާވައިން އުފާލިބިގަންނާށެވެ. މީރުވަސް ދުވާ މާތަކުން ވަސްބަލާށެވެ. އެކަލާނގެއަށް ތަސްބީޙަ ދަންނަވާށެވެ. ކައުނާދޭތެރޭ ވިސްނާ އެއިން ޢިބްރަތް ޙާޞިލުކުރާށެވެ. ބިމުގައި ލެއްވި ތަކެތިކަމަށްވާ ކުލަރީތިމާތަކާއި ތާޒާ ވަޔާއި އުފާގެނެސްދޭ ބަގީޗާތަކާއި ހޫނުކަން ފޯރުކޮށްދޭ އިރާއި އަލިކަން ގެނެސްދޭ ހަނދާއިމެދު ވިސްނާށެވެ. އެކަލާނގެ އެލެއްވި ނިޢުމަތްތަކަށް ޝުކުރުކުރަމުން އެކަލާނގެއަށް ޝުކުރުވެރިވާށެވެ. ދެރަނުވާށެވެ. ކަންބޮޑުނުވާށެވެ. މާޔޫސްނުވާށެވެ. އެކަލާނގެ ރަޙުމަތްފުޅު ތިބާ މުޅި ކައުނަށް ބަލައިލިޔަސް އެހުރީ ފެންނާށެވެ. އެހުރިހައިކަމެއް ލެއްވީ ތިބާއަށްޓަކައެވެ. އެއިން އުފާ ޙާޞިލުކުރާށެވެ.
(ނުނިމޭ)
