އަބަދުވެސް ދެކެވެމުން ދިޔަ ވާހަކައަކީ ދިވެހިންނަކީ އޯގާވެރި ބައެއްގެ ވާހަކައެެވެ. ހިތްހެޔޮ ބައެއްގެ ވާހަކައެެވެ. ނަމަވެސް ނުދެކެވޭ ވާހަކައަކީ ހަމަ މިރާއްޖޭގައި އެކަކު އަނެކަކާ އަޅާނުލުމުގެ ވާހަކައެވެ. ދިވެހިރާއްޖޭގައި އެކަކު އަނެކަކަށް އަޅާނުލުމުގެ ވާހަކަ ދައްކަން އެބަޖެހެއެވެ. މިއީ ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ކަންބޮޑުވާންޖެހޭ ކަމެކެވެ. މައިންބަފައިން ތުއްތު ދަރިންނަށް އަޅާނުލާ ވާހަކައެވެ. ދަރިން މުސްކުޅި މައިންބަފައިންނަށް އަޅާނުލާ ވާހަކައެވެ. އަނބިން ފިރިންނަށް އަޅާނުލާ ވާހަކައެވެ. ފިރިން އަނބިންނަށް އަޅާނުލާ ވާހަކައެވެ.
26 އޭޕްރީލް 2022 ގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްއިން (ސީއެފްޕީއެސް) ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ އެއަހަރު މޭ މަހުގައި އެންމެ ގިނައިން އެ އޮފީހަށް ހުށައެޅިފައިވާ މައްސަލަ ތަކަކީ ޖިންސީ ގޯނާގެ މައްސަލަތަކާއި އަޅާނުލުމުގެ މައްސަލަތައް ކަމަށެވެ.
އޭގެ އިތުރުން މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާ ކުރުމުގެ 126 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާގެ 39 މައްސަލައާއި ނަފްސާނީ އަނިޔާގެ 20 މައްސަލައާއި ޖިސްމާނީ އަނިޔާގެ 27 މައްސަލަ އާއި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމުގެ ތިން މައްސަލަ އާއި ބުލީ ކުރުމުގެ ތިން މައްސަލައިގެ އިތުތުރުން އެހެން ހަތް މައްސަލަ އެކެވެ.
އަޅާލުމާއި އޯގާވެރިކަމުގެ ރޫހު މި މުޖުތަމަޢުން މަޑުމަޑުން ނެތެމުން ދާންފެށީ ކީއްވެތޯ ބަލާލުމުން ފާހަގަ ވަނީ ދިރިއުޅުމަށް އައި ބަދަލެވެ. ތޮއްޖެހިފައިވާ މާލޭގައި ކުދިކުދި ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅެމުން ދާއިރު ތަކެތީގެ އަގުބޮޑުވުމާއި ބުރަކޮށް އުޅެން ޖެހިފައިވުމެވެ. އިޖުތިމާއީ މައްސަލަތަކަށް ހައްލުހޯދަން ކުރެވޭ މަސައްކަތްތައް މަދުވުމެވެ.
"ކޮންމެ މީހަކުވެސް ބުރަކޮށް މަސައްކަތްކުރަނީ އޭނާގެ ދިރިއުޅުން ބިނާކުރަން. ވަރަށް ބުރަކޮށް އުޅެމުންވެސް ލިބޭ ޢާމްދަނީ މިވަނީ ކުއްޔާއި ތަފާތު ބިލުތަކަށް ޚަރަދު ކުރަންޖެހިފައި. ތިމާގެ އަމިއްލަ ކަންކަން ރަނގަޅުުކުރަން އުޅޭއިރު އެހެންމީހެއްގެ ކަމެއް މިއޮންނަނީ ބަލާނުލެވިފައި. ގިނަފަހަރު ތިމާގެ ޒިންމާގެ ދަށުގައި ތިބި މީހުންނަށް މީގެ އަސަރު ބޮޑަށް ކުރަނީ." އާއިލާއާ ބެހޭ ކޯޓުގައި މަސައްކަތްކުރާ ފަރާތެއް ފާހަގަ ކުރިއެވެ.
މިހާރަކަށް އައިސް މައިންބަފައިން އެކުގައި ވަޒީފާއަށް ދިއުމުގެ ސަބަބުން ކުދިންނާއި އާއިލާ ބެލެހެއްޓުމަށްވެސް ވަނީ ތަފާތުތަކެއް އައިސްފައެވެ. ބައެއްކުދިން އިންޓަރނެޓާއި ސްކްރީންތަކަށް ވަނީ ދެވިހިފާފައެވެ. ދެން ތިބިކުދިން ޕާޓީ ޑްރަގްސްއާއި މަސްތުވާތަކެތީގެ ވަބާގައެވެ.
ރާއްޖޭގައި އަންހެނުންނަށް ޚަރަދުނުކުރާ މައްސަލަވެސް އަންނަނީ ކުރިމަތިވަމުންނެވެ. ކާބޯތަކެއްޗާއި އަންނައުނު ނުލިބޭ އަންހެނުން އުޅޭއިރު ވަޒީފާއަށްދާ އަންހެނުންގެ ފައިސާއިން ދިރިއުޅޭ ފިރިހެނުންވެސް އަންނަނީ އިތުރުވަމުންނެވެ.
މައިންބަފައިން ބެލުމަށްޓަކައި އުޒުރުވެރިވާ ދަރިން ތިބޭކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. އެމީހުން ބެލުމަށްޓަކައި އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުންދޭ ފައިސާވެސް އެމީހުންނަށް ނުލިބި ނުހަނު ދަތިހާލުގައި އުޅެމުންދާ މީހުން އެބަ އުޅެއެވެ.
ދިރިއުޅުމުގެ ހާލަތު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް އެކަކު އަނެކަކަށް އަދާކުރަން ޖެހޭ ހައްގުތަކަށް ރައްކާތެރިކަންދީ އެ ހައްގުތައް އަދާކުރަން ޖެހެއެވެ. އެމީހުންނަކީ ނަފްސާނީގޮތުންވެސް ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ތިމާގެ ޒިންމާގެ ދަށުގައިވާ ފަރާތްތަކަށް އޯގާތެރިވާން ޖެހެއެވެ. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓައިގެން މެނުވީ މި ރިވެތި ސިފަ އަށަގަތުމަކީ ދުރުގައިވާކަމެކެވެ.
