މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި،ކީރިތިރަސޫލާ ﷺ އަށް ލޯބިވުމާއި، އެކަލޭގެފާނަށް އަދަބު އިޙްތިރާމް އަދާކުރުމާއި، އިސްލާމީ ޝަރީޢަތަށް ބޯލަނބައި ކިޔަމަންގަތުމަކީ، މުސްލިމުންގެ މައްޗަށް ވާޖިބެކެވެ. އަދި އެއީ މާތް ﷲ އާއި ރަސޫލާ އަށް އަދާކުރަން ޖެހޭ ޙައްޤެކެވެ. މާތް ﷲ އާއި، ރަސޫލާ އަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ އިތުރުން އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކެއްވެއެވެ.
ކީރިތި ރަސޫލާ ﷺ ގެ ޙަދީޘެއްގެ މާނައިގާވެއެވެ ."އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ޙައްޤުތައް ފަހެކެވެ. އެހެން ރިވާޔަތެއްގައި ހައެއް ކަމަށް ބަޔާންވެގެން ވެއެވެ." ދެންނެވުނެވެ. އޭ މާތް ﷲ ގެ ރަސޫލާ އެވެ! އެޙައްޤުތަކަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ބައްދަލުވެއްޖެ ނަމަ ސަލާމް ކުރުމެވެ. އަދި ދައުވަތެއް ދީފިނަމަ އެދައުވަތަކަށް އިޖާބަދިނުމެވެ. އަދި ކިނބިއްސެއް އެޅޭހިނދު މާތް ﷲ އަށް ޙަމްދުކޮށްފިނަމަ، އޭނާއަށްޓަކައި ހެޔޮދުޢާ ކުރުމެވެ. އަދި ބަލިވެއްޖަނަމަ އޭނާއަށް ޒިޔާރަތް ކުރުމެވެ. އަދި އޭނާ މިދުނިޔެ ދޫކޮށްފިނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ."
މި ޙަދީޘްގައި ބަޔާން ކުރައްވާފައިވާ ޙައްޤުތަކަކީ އެއްވެސް މުސްލިމަކު ދޫކޮށްލައިގެންވާނެ ޙައްޤުތަކެއް ނޫނެވެ. މިގޮތުން އެންމެ ފުރަތަމަ ބަޔާން ކުރައްވާފައިވަނީ، ސަލާމް ކުރުމުގެ ޙައްޤެވެ. ސަލާމުގެ ބަދަލުގައި ދެވޭ ޖަވާބަކީ މުޖުތަމަޢަށް އަދި އެމީހަކަށް އަމާންކަން ލިބިގެންވާ ކަމުގެ މެސެޖެވެ. ސަލާމަކީ، ތިމާގެ ފަރާތުން އަނެކާއަށް އެއްވެސް އުނދަގުލެއް ތުރާލެއް ލިބިގެން ނުދާނެކަމުގެ މައްޗަށް ވެވޭ ޢަހުދެކެވެ. މާތް ޤުރްއާނުގައި ވަނީ ސަލާމް ކުރުމަށް ވަޞިއްޔަތްކުރައްވައި އެކަމަށް އަމުރު ކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا بِأَحْسَنَ مِنْهَا أَوْ رُدُّوهَا ۗ إِنَّ اللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيبًا ﴾ މާނައީ : "ތިޔަބައިމީހުންނަށް އެއްވެސް ކަހަލަ ސަލާމަކުން ސަލާމްކޮށްފި ނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."
ކީރިތި ރަސޫލާ ﷺ ބަޔާންކޮށް ދެއްވާފައިވަނީ މީސްތަކުންނާ ސަލާމް ކުރުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިންވާ ޢަމަލެއްކަމުގައެވެ. އެއީ އެކަމުގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި، އޯގާތެރިކަމާއި، އެކުވެރިކަމާއި، އެއްބައެއްވަންތަ ކަމުގެ ސިފަ އާލާވެގެން ދާނެތީއެވެ. ޢަބްދުﷲ ބްނި ޢަމްރޫ ބްނި އަލްޢާސި (ރަޟިޔަﷲ ޢަންހުމާ) އަރިހުން ރިވާވެގެންވެއެވެ. "މީހަކު ނަބިއްޔާ ﷺ އަށް ސުވާލު ދެންނެވިއެވެ. "އެންމެ ހެޔޮ އިސްލާމް ކަމަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "މީސްތަކުންނަށް ކާން ދިނުމެވެ. އަދި ތިބާ ދަންނަ މީހުންނާއި ނުދަންނަ މީހުންނާ ސަލާމް ކުރުމެވެ." އަދިވެސް ރަސޫލު ﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. "އެއްމުސްލިމަކު އަނެއް މުސްލިމަކު ބައްދަލުވެ އެކަކު އަނެކަކާ ސަލާމްކޮށްފި ނަމަ، އެދެމީހުން ވަކިވުމުގެ ކުރިން މާތް ﷲ އެދެމީހުންގެ ފާފަފުއްސަވައި ދެއްވާނެތެވެ.
މުޖުތަމަޢުގެ ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި، އުފާތަކުގައި ބައިވެރިވުން ވެއެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވާނެއެވެ. އެހެންވެ ކީރިތި ރަސޫލާ ﷺ ގެ ޙަދީޘެއްގެ މާނައިގާވެއެވެ. "އަދި ތިބާއަށް ދައުވަތު ދެވިއްޖެނަމަ، އެކަމަށް އިޖާބަދޭށެވެ!" ކީރިތި ރަސޫލާ ﷺ އެކަލޭގެފާނަށް ދައުވަތުދޭ މީހަކީ ކޮންމެ ފެންވަރެއްގެ މީހެއްކަމުގައި ވީނަމަވެސް އެމީހެއްގެ ދައުވަތަށް އިޖާބަ ދެއްވައެވެ. އެ ދައުވަތު ދެވުނީ ކިތަންމެ ކުޑަ ކުޑަ ކާއެތިކޮޅަކަށް ކަމުގައި ވިނަމަވެސް އެ ދައުވަތަށް ވެސް އިޖާބަ ދެއްވައެވެ. މާތްނަބިއްޔާ ﷺ ގެ އިރުޝާދު ދެއްވާފައި ވަނީ، މީހާގެ މަޤާމަށް ބެލުމެއްނެތި އެމީހާ ދޭ ދައުވަތަށް އިޖާބަ ދިނުމަށެވެ. އަދި ޚާއްޞަ ގޮތެއްގައި އެ ދައުވަތަކީ، ކާވެނީގެ ވަލީމާއެއް ނަމަ، އެދައުވަތަށް އިޖާބަދެއްވުން އަވަސް ކުރައްވައެވެ. އެއީ އެމަޖިލީހުގައި އެކުލެވިފައިވާ އެއްބަނޑު އެއްބަފާކަމާއި އަޚުވަންތަކަމާއި، އެ ދައުވަތު ދޭމީހާއަށް އެކަމުގެ ސަބަބުން އިތުރު ހިތްހަމަ ޖެހުމެއް ލިބިގެންދާނެތީއެވެ. ކީރިތި ރަސޫލާ ﷺ ގެ ޙަދީޘެއްގެ މާނައިގާވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ކާވެނީގެ ވަލީމާއަކަށް ދައުވަތު ދެވިއްޖެނަމަ، އެ ދައުވަތަށް އިޖާބަ ދޭހުށިކަމެވެ!"
މަޢުލޫމާތު: ހުކުރު ޚުޠުބާ
