ހިނިތުންވެލާށެވެ. އެއީ ވެސް ޞަދަޤާތެކެވެ.

އިސްލާމް ދީނުގައި މުސްލިމުން ކުރުމަށް އަންގަވާފައިވާ ކޮންމެ ކަމެއްގައި ގިނަގުނަ ޙިކުމަތްތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ޒަކާތްދިނުމާއި ޞަދަޤާތްކުރުމާއި ﷲގެ މަގުގައި މުދާހޭދަކުރުމަށް އަންގަވާފައިއެވަނީ އެކަމުގައި ނުހަނު ގިނަ ދަރުމަ އާއި ސަވާބު، ދީނާއި ދުނިޔެވީ ހަޔާތުގައި އެކުލެވިގެން ވާތީއެވެ. ﷲގެ މަގުގައި ހޭދަކޮށް ސަދަޤާތްކުރުމަކީ އެމީހެއްގެ މުދަލުގައި ބަރަކާތްލައްވާ ރިޒްޤު ތަނަވަސްވެގެންދާ ކަމެކެވެ.  ރިޒްޤަކީ މާތްﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެއީ الرَّزَّاقُ  (ގިނަގިނައިން ރިޒްޤު ދެއްވާ) އިލާހެވެ. ހަލާލު ރިޒްޤު ތަނަވަސް ވުމުގެ ސަބަބުތަކުގެތެރޭގައި މުސްލިމްއަޅާގެ ޖާނާއި މާލުން  ﷲގެ މަގުގައި ހޭދަކުރުން ހިމެނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ   وَمَا أَنفَقْتُمْ مّن شَىْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ ٱلرَّازِقِينَ (سورة سبأ 39) މާނައީ: ތިޔަބައިމީހުން ހޭދަކުޅައެއްޗެއްގެ ބަދަލު އެކަލާންގެ ދެއްވާނެއެވެ. އެއީ އެންމެ ހެޔޮރިޒްޤު ދެއްވާ އިލާހެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. " مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ ) – الترمذي وصححه " ޞަދަޤާތުގެ ސަބަބުން އަޅާގެ މުދާ އުންޏެއް ނުވާނެއެވެ.

ﷲ ގެމަގުގައި ހޭދަކުރެވޭނެ އެތައް ގޮތްތަކެއްވެއެވެ.  މިސާލަކަށް، ފަޤީރުންނަށާއި ޙާޖަތަށްޖެހިފައިވާ މީހުންނަށް ހޭދަކުރުމުގެގޮތުން ދަރަނިވެރިވެފައިވާ މީހުންގެ ދަރަނިތައް ފުއްދައިދިނުމާއި މިސްކިތްތައް ބިނާކުރުމާއި، މިސްކިތްތަކަށް ހޭދަކުރުމާއި، ފެން ނުލިބޭ މީހުންނަށް ފެންފޯރުކޮށްދިނުމަށް ވަޅު ނުވަތަ އެނޫންފަދަ ފެން ލިބޭނެ ވަސީލަތްތައް ބިނާކުރުމާއި ދަތިޙާލުގައިވާ މީހުންނަށް ކާބޯތަކެއްޗާއި، އަންނައުނު ފަދަ ތަކެތި ފޯރުކޮށްދިނުމާއި، އިސްލާމްދީނަށް ފައިދާކުރާ ޢިލްމު އުގެނޭ ކުދިންނަށް ހޭދަކުރުމާއި، ﷲގެ މަގުގައި ޖިހާދުކުރާމީހުންނަށް ހޭދަކުރުމާއި އަދި އެކިކަންކޮޅުތަކުގައި ޙާލުގައިޖެހިފައިވާ މުސްލިމުންނަށް ހޭދަކުރުން ހިމެނެއެވެ. މިފަދަ އެތައް ގޮތަކަށް ﷲ މަގުގައި ހޭދަކުރެވިދާނެއެވެ. މިއިން ކޮންމެ ކަމެއްގައިވެސް އެކުލެވިގެން މިވަނީ މާލީ ގޮތުން ހޭދަކުރާ ކަންކަމަށް ވާތީ މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވިދާނޭ ކަމެއްނޫންކަން ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް މާލީ ތަނަވަސް ކަމެއް ނެތް މީހަކަށް ވެސް އެއްވެސް ބުރަކަމެއްނެތި އެއްކުރެވިދާނެ ޞަދަޤާތެއްވެއެވެ. އެއީ ހިނިތުންވެލުމެވެ. ހިނިތުންވުމަކީ ޞަދަޤާތެކެވެ. އެއީ ސުންނަތެކެވެ. ސަލާމާއި ޞަލަވާތް ލެއްވި ރަޙުމަތުގެ މާތް ނަބިއްޔާ ހަދީޘްކުރައްވާފައިވެއެވެ. " އަދި ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަގާތެކެވެ."

ހިނިތުންވުމުގެ ހަގީގަތާއި ހިނިތުންވުމުގެ އަސަރު ތިމާއަށާއި އަނެކުންނަށް ކުރާ ގޮތާއި މިންވަރާ މެދު ނަފްސާނީ ޢިލްމުވެރިން ވަރަށް ގިނަ ދިރާސާތައް ކުރައްވާފައިވެއެވެ. އެފަދަ ބައެއް ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ކޮންމެ މީހަކަށް ވެސް އެމީހަކަށް ޚާއްޞަ އަނެކުންނާ ތަފާތު ހިނިތުންވުމެއް ލިބިގެންވެއެވެ. އަދި ކޮންމެ ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވިފައިވާ އެތަކެއް ސިއްރުތަކެއްވެއެވެ. ހަމަ އެހެން އިންސާނާގެ ސިކުނޑީގައި އެވަގުތަކު ހިނގަމުންދާ ފިކުރުތަކާއި ކުރަމުންދާ އިހުސާސްތަކުގެ ތަސައްވަރު ހިނިތުންވުމުން ދެނެގަނެވިދާނެއެވެ. ހިނިތުންވުމުގެ ސަބަބުން އިންސާނުންނަށް ހީވެސް ނުކުރެވޭ ކަހަލަ ހެޔޮ ބަދަލުތަކެއް ގެނުވައިދެއެވެ. އަދި ހިނިތުންވުމުގައި ތިމާއަށާއި އަނެކާއަށް ޞިއްޙީ އަދި މާއްދީ ފައިދާތައް އެކުލެވިފައިވެއެވެ. ހިނިތުންވުމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ގެނުވާ އަރާމު ލިއްބައިދެއެވެ. ހަމައެޔާ އެކު އޭގެ ހެޔޮ އަސަރު މުޅި ހަށިގަނޑަށް ފެތުރިދެއެވެ. ހިތުގެ ހިނގުމާއި ލޭނާރުތައް އިންތިޒާމުކޮށްލަދެއެވެ. ހިނިތުންވުމުގެ ސަބަބުން އަނެކާގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވައިދެއެވެ.

ޢިލްމުވެރިންގެ ހޯދުންތަކުން އެނގޭ ގޮތުގައި، އިންސާނާއަށް ބޭނުންވާ އުފާވެރި ކަމުގެ އިޙްސާސަކީ ބައެއްފަހަރު ކެއިންބުއިމާއި އެއް ދަރަޖައަށް ބޭނުންޖެހޭ ކަމެކެވެ. ހިތުގެ ބަލިތަކަށް ބޭނުންވާ ފަރުވާތަކުގެ ބޮޑުބައެއް، އުފާވެރި ކަމުގެ އިހުސާސުން ލިބިދޭކަމަށް ސާބިތުވެފައިވެއެވެ. ލޯތްބާއި އޯގާތެރިކަމާއި އެކު ހަދިޔާކޮށްލެވޭ ހިނިތުންވުމުގެ ސަބަބުން އަނެކާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުމާއި ހާސްކަން ދުރުކޮށްދެއެވެ. އެފަދަ ހިނިތުންވުމަކީ ފަހަރެއްގައިވެސް ފައިސާއަކަށް ގަނެވޭނޭ އެއްޗެއް ނޫނެވެ. އެހެން ކަމުން ހިނިތުންވުމަކީ ފައިސާއަށްވުރެ ވެސް އަގުބޮޑު އެއްޗަކަށް ނުވޭތޯއެވެ. ޑރ އިބްރާހީމުލްފިޤީ ވިދާޅުވަނީ ތިބާ މީހެއްގެ ކުރިމަތީ ހިނިތުންވުން ތަކުރާރުކުރަނީ ނަމަ އޭނާ ވެސް ހިނިތުން ނުވެއެއް ނުހުންނާނެއެވެ. ސަބަބަކީ އޭނާގެ ހަށިގަނޑަށްހަމަޖެހުން ގެނުވި ހިނިތުންވުމުގެ ސަބަބަކީ ތިބާގެ ހިނިތުންވުމެވެ. ހަގީގަތުގައި އޭރަށް އެކުރެވުނީ އެންމެ ސަދަޤާތެއް ނޫނެވެ. އެއީ އޭނާގެ ކޮންމެ ގުނަނަކަށް ކޮށްދެވުނު ޞަދަޤާތެކެވެ.

ޤިޔާމަތްދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަރުޝީގެ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާދުވަހު އެއިލާހު ހިޔާވަހިކަން ދެއްވާ ހަތްބައެއްގެ ތެރެއިން އެއްބަޔަކީ ޞަދަޤާތްކުރާއިރު އެމީހާގެ ކަނާތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއެވެ. ﷲގެ މަގުގައި ހޭދަކުރާއިރު ނިޔަތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އިޚްލާޞްތެރި ކުރަން ޖެހެއެވެ.  އެމީހަކު ކުރާ ޞަދަޤާތަކީ ހަމައެކަނީ ﷲއަށްޓަކައި ކުރާ ޞަދަޤާތެއްކަމުގައި ދެކެންޖެހެއެވެ. އެހެންކަމުން ހިނިތުންވެލާށެވެ. އެއީވެސް ޞަދަޤާތެކެވެ.  މާތް ނަބިއްޔާ އިރުޝާދު ދެއްވާފަދައިން މި މުހިންމު މަތިވެރި ޞަދަޤާތްދިނުމުގައި ދަހިނުވާށެވެ. އަދި ޞަދަޤާތް ގަބޫލުކުރައްވާނޭ ގޮތުން ތިބާގެ ހިނިތުންވުމުގައި އިޚްލާސްތެރިވާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *