މިއަދަކީ ދުނިޔޭގެ މަންމައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކުވެސް މޭ މަހުގެ ދެވަނަ އާދީއްތަ ދުވަހު އެވެ. އެހެންވެ މިއަދު ރާއްޖޭގައި ވަރަށް ފޯރިއާއެކު ދަނީ މަންމައިންގެ ދުވަސް ފާހަގަކޮށް މައިންނަށް ތައުރީފު އޮއްސަމުންނެވެ. މީސް މީޑިއާގަ އެވެ. ފޭސްބުކާއި ޓްވިޓާގައެވެ. މަންމައާއެކު ނަގާފައިވާ ސެލްފީއެއް ކޮންމެވެސް ސޯޝަލް މީޑިއާއަކަށް ވައްޓާނުލާ މީހަކު މިއަދު ވަރަށް މަދެވެ.
މަންމައިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު ގިނަ މައިންނަށް މިއަދަކީ ކޮން ދުވަހެއް ކަމެއް ވެސް ނޭނގެ އެވެ. ރާއްޖޭގެ ގިނަ މައިންނަކީ މީސް މީޑިޔާ ބެނުންކުރާ ބައެއްނޫނެވެ. ބައެއް މައިންނަކީ ދަރިންނާއެކު ވަކިން އުޅޭ ބައެކެވެ. ދަރިން ކިޔަވަން މާލޭގައި ނޫނީ ކޮންމެވެސް ރަށެއްގައެވެ. ވަޒީފާއެއް އަދާކުރަން ރިސޯޓެއްގައި ނުވަތަ ކޮންމެވެސް ހިސާބެއްގައެވެ.
ވަކި ދުވަހެއް މައިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟ އެ ދުވަހަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ފާހަގަކުރާ ދުވަހަކަށް ހެދުމަކީ ރަނގަޅުކަމެއް ހެއްޔެވެ؟ އެމީހުންނަށް އިހުތިރާމްކޮށް އުފާކޮށްދޭން ޖެހެނީ ވެސް ހަމައެކަނި އެންމެ ދުވަހަކު ހެއްޔެވެ. މަންމަ ކޮބައިތޯ ވެސް ބަލާނުލާ ހަމައެކަނި ސޯޝަލް މީޑިއާއެއް ފޮޓޯއެއް ވައްޓާލައިގެން ހެއްޔެވެ؟
މަންމައިންގެ ދުވަހަކީ، ހަމައެކަނި މިއަދެއްނޫނެވެ. ހުރިހާ ދުވަހަކީ ވެސް ހަމަ މަންމައިންގެ ދުވަހެވެ. އެމީހުންނަށް އިހުތިރާމްކޮށް އުފާކޮށްދޭން ޖެހެނީ ވެސް ހުރިހާ ދުވަހަކުއެވެ. މަންމަ މަތިން ހަނދާން ބަހައްޓާންޖެހޭނީވެސް ހުރިހާ ދުވަހަކުއެވެ. މަންމަގެ އަގު ވަޒަންކުރަން ޖެހޭނީވެސް ހުރިހާ ދުވަހަކުއެވެ. ސަބަބަކީ، ސުވަރުގެ ވެސް ދެވެނީ މައިމީހާގެ ފައިތިލައިގެ ދަށުންކަމުގައިވާތީއެވެ.
މަންމައިންނަށް ދަރިން ދުވަހަކުވެސް ބޮޑެއް ނުވާނެއޭ ބުނާތީ އިވެއެވެ. ތެދެކެވެ. އެ މައިންނަކަށް އަހަރެމެން ދުވަހަކުވެސް ބޮޑެއް ނުވާނެއެވެ. އަހަރެމެން ނުކައި ހުރެފި ނަމަ އެ މައިމީހާގެ އަރުން ކާއެތިކޮޅެއްވެސް ނުދިރޭނެއެވެ. އަހަރެމެންގެ ހަށިގަނޑުގައި ވޭނެއް އަޅައިފިނަމަ އެ މަންމަގެ ލޮލަށް ނިންޖެއް ނާންނާނެއެވެ. އަހަރެމެން ބޭނުންވާހާކަމެއް ޝަކުވާއެއް ނެތި އެ މައިމީހާ ކޮށްދެއެވެ. އަހަރެމެންގެ ޚިދުމަތުގައި ވަރުބަލިކަމެއް ނެތި އެ މައިމީހާ ހުރެއެވެ. ނުކައި ނަމަވެސް އަހަރެމެންނަށް ކާންދެވޭތޯ ބަލައެވެ. އައު އަންނައުނު ނުގަނެ އަހަރެމެންނަށް ރީތި އަންނައުނު ގަނެދެއެވެ. ފުދިގެން ނޫޅުނަސް އަހަރެމެން ބޭނުންވެގެން ބުނާ ކޮންމެ ކަމެއް ކޮށްދެއެވެ. އެއީ މައިމީހާއެވެ. އަހަރެމެން މިއަދު ފަޚުރުވެރިމިވާ މައިމީހާއެވެ.
ދަރިއެއްގެ ފަރާތުން މަންމައަކަށް ދެވޭނެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެ މަންމަ އަށް ފުރިހަމަ ގޮތުގައި އިޙްތިރާމް އަދާކޮށް، އަޅާލައި އޯގާތެރިވުމެވެ. މުޅި އުމުރު މަންމަގެ ޚިދުމަތުގައި ހޭދަކުރި ކަމުގައި ވިޔަސް، އެ މަންމަގެ އަގުވަޒަން ކުރުމަކީ ވާނޭ ކަމެއް ނޫނެވެ. މަންމަ އަކު އޭނާގެ ދަރިފުޅަށް ޓަކައި އުފުލާފައިވާ ބޮޑެތި ތަކުލީފުތަކާއި، ވެފައިވާ ބޮޑެތި ގުރުބާނީ ތަކަކީ އެކަންކަމުގެ އަގު އެއްވެސް ދަރިއަކަށް އަންދާޒާ ވެސް ކުރެވޭނެ ވަރުގެ ކަންކަމެއްނޫނެވެ. ދަރިންނަކީ އަބަދުވެސް މައިންބަފައިންނަށް ދަރަނިވެރިވެފައިވާ ދަރަނިވެރިން ކަމުގައި ސިފަކޮށްދެނީ މި ސަބަބާއި ހުރެއެވެ.
މިގޮތަށް ފާހަގަކޮށްލެވޭ އެންމެ ދުވަހަކުން އެ މަންމަގެ އަގުވަޒަނެއް ނުކުރެވޭނެއެވެ. މާތް ވެގެންވާ އިސްލާމް ދީނުގައި ވެސް އަންގަވާފައި އޮތީ މައިންބަފައިނަށް އިޙްސާންތެރިވުމަށާއި، އެމީހުންނަށް އަޅާލައި އޯގާތެރިވުމަށެވެ. މައިންބަފައިންނާއި ދޭތެރޭގައި ނުރުހިގެން އެންމެ ބަހެއްގެ މިންވަރު ވެސް ބުނެވޭކަށް ނެތެވެ. އަދި ދުވަހަކުވެސް އެ މައިމީހާގެ ހިތުގައި ނުޖެއްސޭތޯ މަސައްކަތް ކުރާށެވެ. ތިމާ ދެކެ ތިމާގެ މަންމަ ލޯބިވާ ވަރަށް ލޯބިވާނޭ އިތުރު މީހަކު ނުހުންނާނެއެވެ. ވީއިރު އެ މަންމަ ތިމާ އަށް ޓަކައި އުފުލި ބުރަ ބޮޑު ގުރުބާނީތަކުގެ މަތިން ދުވަހަކުވެސް ހަނދާން ނައްތައި ނުލާށެވެ.
