އޭނަގެ ހިތުގައި އޭނާޔަށްޓަކައި އޮންނަ އިންސާނިއްޔަތުކަން ފޮރުވައެވެ. އޭނާގެ ނަފުސުގައި އުފެދިފައިވާ އިހުސާސްތައް އެއްފަރާތް ކުރެއެވެ. އޭނާ ލޯބިވާ މީހުންނަށްޓަކައި ކިތައް ކަންތައް ކުރިހެއްޔެވެ؟ މިއަދު އެމީހުން ހަނދާން ނައްތާލުމުގައި އޭނާ ކިތައް ކަރުނައެޅި ހެއްޔެވެ. އަދި އެމީހުން އަންނާނޭ ކަމުގައި ކިހާވަރަކަށް އިންތިޒާރު ކުރިހެއްޔެވެ؟ އެމީހުންގެ ހަނދާނުގައި އޭނާގެ ވަރުބަލިވެފައިވާ ދެލޯ ނިދިން މަހުރޫމުކުރިއެވެ. އޭނާއަށް ފޮނުވާ މެސެޖުގެ ޖަވާބު ލިބޭތޯ އިރުއިރުކޮޅުން ފޯނަށް ބެލިއެވެ. ކޮންމެވެސް ސަމާސާއެއް ނުވަތަ ޚަބަރެއް ވާނޭކަމަށް އޭނާ އެތައްދަމެއް ހޭދަ ކުރިއެވެ. އިސާހިތަކު ގޭގެ ދޮރުގައި ޓަކިޖަހާލާނޭ ކަމަށް އުންމީދުކުރިއެވެ.
ނަމަވެސް ހެޔޮއެދޭ ރަހްމަތެރިންނާއި އޯގާތެރި ޢާއިލާ އޭނާ އެއްފަރާތް ކުރީއެވެ. އެންމެންގެ ތެރޭން އޭނާ ބާކީކޮށް ދޫކޮށްލިއެވެ. އޭނާގެ އަބުރު ވެއްޔާމޮޑެލިއެވެ. އޭނާގެ ރޫހު ކަތިލިއެވެ. ހުސްވަގުތު ފުރާލުމުގައި ގޮވާލެވޭ ވިހަ ބަސްތަކުން އޭނާގެ މޭތޮރުފިއެވެ. ހަގީގަތެއްނެތް ތުހުމަތުތަކުން އޭނާގެ ލަގޮނޑި ކުދިކުދިކޮށްލިއެވެ.
އޭނާއަށް އަޅާނުލި މީހުން އޭނާ އަޅާނުލާ ދޫށްކޮށްލީ އެތައް ވޭނަކާއެކުއެވެ. އޭނާގެމަތީން ހަނދާންނައްތާލި މީހުންގެ މަތީން ހަނދާންނައްތާލުމުގައި އޭނާ އެތައް ކަރުނައެއް އެޅިއެވެ. މޮޔައެއްހެން ގޭތެރޭގައި ދުވުނެވެ. ގަމާރެއްހެން ކޮޓަރީގެ ކަނަކަށް ބިއްޖެހިފައި އިނެވެ. އެ ކޮންމެ މީހަކުވެސް ވީ އޭނާގެ ހަޔާތުގެ ދަތުރުގައި ދިމާވި މުސާފިރަކަށެވެ. ރަހުމުގެ ކުނޑިކޮޅެއް އަމްދުންނެތް އިންސާނިއްޔަތުކަމެއްގެ ކުލަވެސްނެތް އިންސާނަކަށެވެ. އޭނާގެ ދިރިއުޅުމާއި ކުޅެލި ރަހުމެއްނެތް ހިލަތެއްގެ ވެރިއަކަށެވެ. އޭނާ އެހުރިހާ އަނިޔާއަކަށް ކެތްކުރީ ފުރިހަމަ އީމާނާއެކުއެވެ. އޭނާ އެމީހުންނާ ކުރިމަތިލާން ނިންމީ ކާމިޔާބުގެ އަޒުމާއެކުގައެވެ. އެމީހުން އޭނާއަށް ކިޔާނީ އެމީހުން ކިޔަން ބޭނުންވާއެއްޗެކެވެ.
އެކަމަކު އޭނާގެ ގޮތުގައި މިހުރީ އަހަރެންނެވެ. އަހަރެން އެމީހުންނަކަށް އެކަން ކާމިޔާބުވިޔަކަ ނުދޭނަމެވެ. އަހަންނަކީ ދެރަމީހެއްގެ ގޮތުގައި ހެދުމަށްޓަކައި އެމީހުން ވަރަށް މަސައްކަތް ކުރާނެއެވެ. ނަމަވެސް އަހަރެން އެކަން ސާބިތުކުރިއަކަ ނުދޭނަމެވެ. އަހަރެންގެ ހުވަފެންތަކާއި އަހަރެންގެ އުންމީދުގެ އަލިކަން އެމީހުނަށް އެކަން ކާމިޔާބު ވިޔަކަ ނުދޭނަމެވެ. އަހަރެން ގަބޫލުކުރާ ކަލާނގެ، މާތްﷲ ސުބުހާނަހޫ ވަތަޢާލާގެ ފަރާތުން އަހަރެންނަށް ނޫރެއް ލިބިފައިވެއެވެ. އެ ނޫރު ކެތްތެރިކަމާއި ހިތްވަރުން ވިދާ ބަބުޅަމުންދެއެވެ. ބަޔަކު ކިތަންމެ މަސައްކަތް ކުރިޔަސް އެޔެއް އަހަރެންގެ ކިބައިން ނިގުޅައި ނުގަނެވޭނެއެވެ.
އެމީހުންގެ ވިހަބަސްތަކުން އަހަރެންނަށް ދިމާކުރެވިދާނެއެވެ. އެމީހުންގެ ނަފުރަތުން އަހަރެންގެ ހިތް ކަތިލެވިދާނެއެވެ. އެމީހުން އަހަރެން ބާކީ ކުރުމުން އަހަރެން މަޑުމަޑުން ހުރެދާނަމެވެ. އެކަމަކު ވައިރޯޅިއެއްހެން އަހަރެން ތެދުވާނަމެވެ. އަހަރެންގެ މަގުގައި އަހަރެން ފައިތިލަ ސާބިތު ކުރާނަމެވެ. އެމީހުންނަށް ދެން އަހަރެންގެ ދިރިއުޅުމަށް ވަދެވޭނީ އަހަރެން އެމީހުންނަށް އެފުރުސަތު ދީފިނަމައެވެ. ދިން މިންވަރަކުންނެވެ.
