ޒީލަން (10)

(4 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދެމީހުން ރެސްޓޯރެންޓުގެ އެންމެ ރައްކާތެރި ހިސާބުގައި ހުރި މޭޒެއްގެ ކައިރީގައި ތިއްބެވެ. ޒީލަން ކެއީ ހަމައެކަނި ފްރައިޑް ސީފުޑް ނޫޑްލްސްއެކެވެ. ފަޒީނުވެސް ވަރަށް އާދައިގެ ގޮތަކަށް ނިންމަވާލެއްވިއެވެ. އެދެމީހުން ކައިނިމުނު އިރުވެސް އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އެދެމެދުގައިވަނީ ނުދަންނަ ބީރައްޓެހި ކަމެކެވެ. އެއީ ކުރިން ވާހަކަ ދެއްކި ބައެކެވެ. އެއްކޮށް ކައިބޮއި ހެދި ބައެކެވެ. ވީއިރު މިއީ ކޮން ދުރުކަމެއްކަން އެކަކަށްވެސް ބުނެދޭކަށް ނޭނގުނެވެ. އެހިމޭންކަން ނައްތާލާކަށްވެސް ނޭނގުނެވެ. މިހާލަތަށް މިދިޔައީ ކީއްވެގެންކަމެއް ޚުދު އެކަކަށްވެސް ނޭނގެއެވެ. އިހުސާސްކުރެވުނު ކަމަކީ ދެމީހުންނަށް  އާދަޔާ ޚިލާފު ހިމޭންކަމެއްގައި ތިބެވޭކަމެވެ. އެކަކު އަނެކެއްގެ ވާހަކައަށް އިންތިޒާރު ކުރެވޭ ކަމެވެ.

”ޒީލަންގެ މަސައްކަތް ކިހިނެއް؟” އެންމެފަހުން ފަޒީނު ވާހަކަދެއްކެވިއެވެ.

”ވަރަށް ރަނގަޅު. ރާއްޖޭގެ ކުންފުންޏަކުން ފައިސާއެއްގެ އެހީވެދެއްވައިފި. އަލްބުނީ އެމީހުން މިލިއަނެއްހާ ރުފިޔާ ދިނުމަށް އެއްބަސް ވެފައިވާކަމަށް. ބައެއް ބޭރުގެ ގައުމުތަކުންވެސް މިހާރު އެހީ ލިބޭ. މިދިޔަ މަހު ނިމުނު އިރު ދޮޅުހާސް އަންހެނުންގެ މައްސަލަ ނިންމުނު”.

”ޒީލަން ހާދަމޮޅުވެސް ވެއްޖޭދޯ” ޒީލަންގެ ލޮލަށް ބައްލަވާލެއްވުމަށްފަހު މަޑުމަޑުން ބުނުއްވިއެވެ.

”މިހުރިހާވެސް ހައްގުވެރިއަކީ ފަޒީން. ފަޒީނު އެހީ ވެނުލެއްވިނަމަ އަޅުގަނޑު އުޅޭނީ ކޮންފަދަ ހާލެއްގައި ކަމެއްވެސް ނޭނގެ. ފަޒީނަށް ޝުކުރު ވެރިވާނީ ކިހިނެއްކަމެއްވެސް ނޭނގެ.” ފަޒީނުގެ އެބަލާލުމުން އޭނާ ރަކިވިއެވެ. އަދި އޭނާ އިސްޖަހާލިއެވެ.

”ނޫން ޒީލަން. އެއީ ޒީލަން ގެ ބުރަމަސައްކަތާއި ތަޢުލީމަށް ކުރި ލޯތްބެއްގެ ސަބަބުން ލިބުނު ކުރިއެރުމެއް. އަހަރެން ނޫނަސް މިހާރުވެސް އެތައް ބަޔަކު އެހީތެރިވެދެއެއްނު. އެއީ ޒީލަންގެ ހިތްވަރާއި ކެރުމާއި ކާމިޔާބާއި ހަމައަށް ވާސިލުވުމަށް ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ.”

ފަޒީނު ކަންބޮޑުވެލަށްވަނީ ޒީލަން އޭނާއާއިމެދު އެގޮތަށް ދެކޭތީއެވެ. އޭނާ ހުރިހާ ކަމެއްވެސް ކޮށްދެއްވަނީ ހެޔޮހިތުންނެވެ. ލޯބިވާތީއެވެ. ނަމަވެސް ޒީލަން ހަމައެކަނި ޝުކުރުވެރިވަނީ އެވެ. އޭނާ ލޯތްބެއް ނުވެއެވެ.

އެދެމީހުން ކެއުމުގެ ކަންތައް ނިމުމުން ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ވާރޭ މުޅިން ހުއްޓާލާފައި ވީނަމަވެސް ވަރަށް ވައިގަދައެވެ. އެމީހުން ގޮނޑުދޮށުން ހިނގަމުން ދިޔައެވެ. އެކިހިސާބުތަކުގައި ބަހައްޓާފައިހުރި ރަތްކުލައިގެ ބައްތި ތަކުން ކޮންމެވެސް ވަރެއްގެ އަލިކަމެއް ފެތުރިފައިވެއެވެ. ކަނޑުން އަންނަ ގަދަ ވައި ސީދާ ގަޔަށް ހަމަލާ ދޭއިރު އެފިނިން ޒީލަންގެ ހަށިގަނޑަށް ވަރަށް ބޮޑަށް ފިނިވާންފަށައިފިއެވެ. ނަމަވެސް އޭނާ ފަޒީނާއެކުވުމަށް ހިތްހަމަ ޖެހެއެވެ. ކިތަންމެ ފިނިވީނަމަވެސް ފަޒީނާއެކު ހިނގާލުމުން ބުނަންވެސް ނޭނގޭކަހަލަ އުފާވެރި ޝުއޫރުތަކެއް ހިތުގައި އުފެދެއެވެ. މިރޭ އެދެމީހުންގެ ދެމެދުގައި އުފެދިފައިމިވާ ހިމޭންކަން އެކަކަށްވެސް ބަޔާނެއް ނުކުރެވުނެވެ. އެއްވެސް ވާހަކައެއް ކުރިފަޅާ ހެދޭ ގޮތެއް ނުވެއެވެ. އެދެމެދުގައިވަނީ މަރުގެ ހިމޭންކަމެވެ. ދެމީހުންވެސް ކުރަނީ އެއްޚިޔާލެކެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. ނަމަވެސް އަނެކަކު ހީކުރާ ގޮތެއް ނޭނގޭތީ ކަންބޮޑުވަނީއެވެ.

ޒީލަން ވިސްނަމުންދިޔައީ އެއީ އޭނާއަށް އެކަށީގެންވާ ކަމެއް ނޫންކަމުގައެވެ. ފަޒީނުފަދަ ބޭކަލަކު އޭނާދެކެ ލޯބި ނުވާނެ ކަމުގައެވެ. ފަޒީނު ހަމައެކަނި އޯގާތެރިވެ އަޅާލައްވަނީ ކަމުގައެވެ. އޭނާއަކީ ނިކަމެއްޗަކަށް ވީމައެވެ .އެންމެފަހުން އެހިމޭން ކަން ފަޒީނަށް ނުހަނު އުނދަގޫ ކުރުވައިފިއެވެ.

”ޒީލަން މިދެދުވަހު ހާދަނުފެނޭ. މިރަށުގައި ފޫހިވަނީދ.ޯ”

”ނޫން އަޅުގަނޑު ފަޒީނު ދެކެން. ވަރަށް އަވަދިނެތި އުޅުއްވަނީ. މިއަދުވެސް އުނދޯލިން ދުށިން. ނަމަވެސް ކޮންމެވެސް އަންހެންކުއްޖަކު އައީމާ…..” ޒީލަންއަށް ޝަކުވާ ކުރެވުނެވެ.

”އާނ އެއީ އަހަރެން ކިޔަވަން ހުރިއިރުގެ ވަރަށްގާތް ރަށްޓެއްސެއްގެ އަންހެނުން. އޭރު އޭނާވެސް އެތާ އުޅުނު. މިހާރު ޒީލަން ވަރުގެ ދަރިންވެސް ތިބޭ.”

”އަޅުގަނޑު ހީކުރީ….” އޭނާ ހުއްޓާލިއެވެ.

”ހީކުރީ….”. ފަޒީނު ހިނގުން މަޑުކޮށްލެއްވިއެވެ.

”ހީކުރީ ކާކުކަމަށް؟” ޒީލަން އެއްޗެއް ނުބުނުމުން ޒީލަންގެ މޫނަށް ރަނގަޅަށް ބައްލަވާ ލެއްވިއެވެ.

ޒީލަން ހިމޭންވެއްޖެއެވެ. އޭނާއަށް ބުނާނެ އެއްޗެއް އޮޅުނީކަހަލައެވެ. އޭނާގެ ދޫ ތަޅުލެވިއްޖެއެވެ. އެއީ ފަޒީނުގެ ލޯބިވެރިޔާކަމަށް ހީކުރިވާހަކަ ބުނަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ ހީކުރިގޮތާއި ޚިލާފަށް އެކަންތައްވުމުން އުފާވެސް ވިއެވެ. ފަޒީނުގެ ތޫނު ބެއްލެވުމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ޒީލަން ވަނީ އެގަދަ ފިނީގައި ހީކަރުވައިގެންފައެވެ. އޭނާއަށް ވާގޮތްތަކަކީ މިވީހާތަނަށް ކުރެވުނު އިހުސާސްތަކެއް ނޫނެވެ. އޭނާގެ ޒުވާން ހިތް އެދިގޮވަނީ އެރީތި ފިރިހެނާގެ ހަށިގަނޑުގައި ހިފެހެއްޓުމަށެވެ. އޭނާގެ ހަށިގަނޑުން ހޫނުކަން ލިބިގަތުމަށެވެ. ފަޒީނަށް ޒީލަންގެ މިހިމޭންކަމެއް ބަރުދާސްތެއް ނުކުރެވުނެވެ. އޭނާއަށް ޒީލަން ފެންނަނީ ކުޑަކުއްޖެއް ފަދައިންނެވެ. އެރީތި ދޮންމޫނަށް ވެއްޓިފައިވާ އިސްތަށި ކޮޅަކުން ފޮރުވިފައިވާ މޫނުގެ ނިޔަނެތި ކަމާއި މައުސޫމުކަން އެތައް ގުނައެއް ފުރިހަމަ ކޮށްދެއެވެ. އޭނާއަށް މިހާ ފުރިހަމަ އަސަރުގަދަ ކުއްޖެއް އަދި ދިމާވެފައެއް ނުވެއެވެ. އޭނާގެ އަތް ހަރަކާތް ކުރެއްވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ދެއަތުން މަޑުމަޑުން ޒީލަންގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.

”މާތްކަލާކޯ! ޒީލަން މިއޮއް ތުރުތުރު އަޅަނީއެއްނޫން ހެއްޔެވެ؟ އަނެއްކާ ސިއްހަތު ގޯސްވީ ހެއްޔެވެ؟ ވާގޮތެއް ބުނެދީބަލާށެވެ.” ކަން ބޮޑުވެފައިވާ ފަޒީން ޒީލަން އޭނާގެ ގަޔާއި ކައިރިކޮށް ލެއްވިއެވެ. އޭނާއަށް ދުވަހަކުވެސް ނުކުރެވޭ އިހުސާސްތަކެއް އެޒުވާން ހަށިގަނޑުން ކުރެވުނެވެ. އެއީ ހުރިހާގޮތެއްގައިވެސް ފުރިހަމަ ކުއްޖެކެވެ.

ޒީލަން ހީވަނީ ކަރަންޓުގައި ޖެހުނު ހެންނެވެ. އޭނާ ހާސްވަނީއެވެ. ރޫރޫ އަޅަނީއެވެ. މިގަދަފިނީގައި ފަޒީނުގެ އެންމެ ގާތުގައި ވުމަށް އިންތިހާއަށް އެދެވެއެވެ. ނިހާޔަތަށް އެހަށިގަނޑުގެ ހިމާޔަތަށް އެދެވެއެވެ.

”ޒީލަން އަހަރެންނާ ދިމާއަށް ބަލާލަބަލާށެވެ. ތިއީ ކޮންފަދަ ރީތިކަމެއްހެއްޔެވެ؟ ހާދަ ފުރިހަމައެވެ. ޒީލަންއެވެ. އަހަރެން އިންތިހާއަށް ޒީލަން ބޭނުމެވެ. އަހަރެން ވަރަށް ލޯބިވެއެވެ.”

ޒީލަންގެ ލޯ މެރެމުންދިޔައެވެ. އޭނާއަށްވެސް އެފަދައިން އިހުސާސެއް ކުރެވެމުން ދިޔައެވެ. އަމިއްލަ ަނަފްސުގެ މައްޗަށް އެއްވެސް ބާރެއް ނެތްކަހަލައެވެ. ލޯމެރެމުން ދިޔަނަމަވެސް އެއްލި ކަޅިއަކުން ތަންކޮޅެއް ދުރުގައިހުރި ރުކެއްގެ ކައިރީ މީހަކު ހުރިހެން ހީވިއެވެ. އަދި އެއީ ޝައީމުހެން އޭނާއަށް ހީވެއްޖެއެވެ. އޭނާ ކުއްލިއަކަށް ފަޒީނާއި ދުރުވެލިއެވެ. އަދި ހާސްވެފައި ހުރިވަރުން ހަދާނެ ގޮތް އޮޅިއްޖެއެވެ. އެއީ ޝައީމުނަމަ އޭނާ ފަޒީނަށް ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ޒީލަންއަށް ބާރަށް ދުއްވައިގަނެވުނީ ކީއްވެގެން ކަން ޚުދު އޭނާއަށް ވެސް ނޭނގުނެވެ. ދުއްވައި ގަނެވުނީ ބޭއިޚުތިޔާރުގައެވެ.

ކޮޓަރިއާއި ހަމައަށް ދެވެންދެން އޭނާ ދުވުނެވެ. އޭނާއަށް ފެނުނު މީހަކީ ޝައީމުކަމަށް ވެދާނެ ބާވައެވެ. ޒީލަން ދުވަމުންދިޔައިރު ވަރަށްރަނގަޅަށް އެރުއް ދޮށަށް ބެލިއެވެ. ނަމަވެސް އެއްވެސް މީހެއް ނެތްތާ މީހެއްގެ އަސަރުވެސް އޭނާއަކަށް ނުފެނުނެވެ. ޝައީމު މިރަށުގައި އުޅޭތީ އޭނާ މާބޮޑަށް ވިސްނަނީ އެވެ. ކޮންމެ ވަގުތަކުވެސް އޭނާ އަތުވެދާނެ ކަމުގެ ބިރު ހިތުގައި އޮންނަނީއެވެ. އޭނާއަށް އަބަދު އެވިސްނުމުގެ ސަބަބުން ޝައީމު ފެންނަހެން ހީވީ ކަމުގައި އޭނާއަށް ގަބޫލު ކުރަން ޖެހުނެވެ. ސަބަބަކީ އެއީ އާއްމުކޮށް މީހުން ވަދެއުޅުން ހުއްދަ ހިސާބެއް ނޫނެވެ. އަނެއްކާ މިކަހަލަ ވިއްސާރަ ރެއަކު އެއްވެސް މީހަކު އެތަނަށް ނުދާނެކަން އަމިއްލައަށްވެސް ގަބޫލު ކުރެވެނީއެވެ.

އޭނާއަށް މީގެ ކުޑަވަގުތުކޮޅެއް ކުރިން ދިމާވި ހާދިސާ ގަބޫލުކުރަން ވަރަށް ދައްޗެވެ. ފަޒީން އޭނާ އާމެދު ލޯބީގެ ނަޒަރަކުން ދެކޭނޭ ކަމަކަށް އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި އުފެދޭ އިޝްގީ ޖަޒުބާތީ ގުޅުމަކީ މިއީކަމެއް އޭނާއަކަށް ކުރިއަކުން ނޭނގުނެވެ. އޭނާއަށް ހީވެފައި އޮތް ގޮތުގައި ފިރިހެނުންނަކީ އަންހެނުންގެ ހަށިގަނޑުގެ ރީތިކަމާއި ފުރިހަމަކަން ފޭރޭބައެކެވެ. އެއީ އެމީހުންގެ ގަދަބާރުން އުފާ ހޯދާބައެކެވެ. އޭނާއަށް އެންމެ ފުރަތަމަވެސް ދިމާވީ އެފަދަ ހާދިސާއެކެވެ. ނަމަވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ހަށިގަނޑަށް އައިބަދަލާއި ކުރުވި އަސަރުތަކަކީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް  މިފަދަ  އަރާމަކާއި ފޮނިކަމެއް އިހުސާސް ނުކުރެވުނު ކަމެކެވެ. އޭނާއަށް ފަޒީނުގެ ކިބައިން ފުރަތަމަފަހަރަށް މިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް އޭނާ ވަނީ ކަންތައް ކުރެވުނުގޮތުން ވަރަށް ދެރަވެފައެވެ.

” އަހަރެން މީހާދަ ބޮޑު މޮޔައެކެވެ. އަހަރެންފަޒީނުދެކެ ލޯބިވެއެވެ. އޭނާ ގާތު ހުންނަހިތްވެއެވެ. އޭނާއާއެކު ވަގުތު ހޭދަކުރުމުން ދުވަހުގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ލިބެއެވެ. އޭނާގެ ޒުވާން ހަށިގަނޑުން ހިމާޔަތް ލިބޭކަން އިހުސާސް ކުރެވެއެވެ. ވީއިރު އަހަރެން އެކަމަށް ހުރަސް އަޅަންވީ ކީއްވެހެއްޔެވެ؟ ފަޒީނުވެސް ލޯބިވާ ކަމަށް ބުނުއްވައިފިއެވެ. ޝައީމުގެ ސަބަބުން އަހަރެންމިވަނީ އެއްވެސް އިރެއްގައި ސަލާމަތް ނުވެވިފައެވެ. ކޮންމެވަގުތަކުވެސް އޭނާ އަހަންނަށް އުނދަގޫ ކުރަނީއެވެ. ފަޒީނު އެންމެ އޯގާތެރިވެލެއްވި ވަގުތު އަހަރެން ފުރަގަސް ދިނުންވާނީ އަހަރެން އޭނާގެ ލޯތްބަށް އިންކާރު ކުރުން ކަމުގައެވެ. އަހަރެން އޭނާދެކެ ލޯބި ނުވަނީ ކަމުގައެވެ. އަހަރެން އޭނާގެ އިހުސާންތެރިކަން ހަނދާން ނައްތާލީ ކަމުގައެވެ. ދެން އޭނާގެ ކުރި މައްޗަށް ދާނީ ކީހިނެއް ހެއްޔެވެ؟ މާފަށް އެދޭނީ ކޮންއިބާރާތަކުން ހެއްޔެވެ؟ ޝައީމްގެ ޚިޔާލުތަކުން އެގޮތަށް އަމަލުކުރެވުނީކަމަށް ނަންގަންނަނަމަ ހީކުރައްވާނީ އަހަރެން ޝައީމުދެކެ ލޯބިވަނީ ކަމަށެވެ. އެއީ އަހަރެން އިންތިހާއަށް ނަފުރަތުކުރާ މީހަކަށް ވިނަމަވެސް މެއެވެ.

ފަޒީނަށް ލިބިލެއްވި ނާކާމިޔާބީއަކީ އޭނާއަށްވަރަށް ހިތި އަސަރުތަކެއް ކުރުވި ކަމެކެވެ. އުމުރުން މިހާތަނަށް އައިއިރު އޭނާއަށް ހަމައެކަނި ޝައުގުވެރިވެވުނު އަންހެންކުއްޖާ އެފަދަގޮތަކަށް ރައްދު ދިނުމުން ނުހަނު ދެރަވިއެވެ. ދިރިއުޅުން އޭނާއަށް ވޭނަކަށް ވެއްޖެއެވެ. ޒީލަންއަކީ އަބަދުވެސް ފިރިހެނުންގެ މަތިން ފޫހިވެފައިވާ ކުއްޖެއްކަން ހަނދާން ބަހައްޓަވައެވެ. އޭނާގެ ތެދުވެރިލޯބި މިވީހާތަނަށްވެސް ސިއްރެއްގެ ގޮތުގައިބޭއްވީ ވެސް މިސަބަބަށްޓަކައެވެ. ނަމަވެސް އޭނާގެ އިޚުތިޔާރުން ބޭރުގައި ހިނގި މިހާދިސާއިން ޒީލަން އޭނާއާއި ދޭތެރޭ ވިސްނާގޮތް މުޅިން ބަދަލުވާނެ ކަން އެނގިލެއްވިއެވެ. ޒީލަން އޭނާދެކެ ލޯބި ނުވާނެކަމާއި އޭނާއާމެދު އެކަހަލަ ނަޒަރަކުން ނުދެކޭނެކަން އޭނާ އަށް ގަބޫލު ކުރެއްވުނެވެ. އެހެންކަމުން އޭނާ ގަސްތުކުރެއްވީ ޒީލަންއާއި ވީހާވެސް ދުރުގައި އުޅުއްވުމަށެވެ.

ހެނދުނު ނުވައެއް ޖަހާއިރަށް ފުރަން ހަމަޖެހިފައިވާ ލޯންޗް އޮތްދިމާއަށް ޒީލަން ދިޔައީ ކާރުގައެވެ. އޭރު ލޯންޗަށް މީހުން އަރަނީއެވެ. ޒީލަން ގޮސް އިށީނީ އެންމެ ފަހަތުގައި ހުރި ގޮނޑީގައެވެ. ލޯންޗު ބޮޑުވެފައި ބައިމަދުނަމަވެސް އޭނާ ދަންނަމީހަކު ނެތުމުން ކަންބޮޑުވިއެވެ. ފަސްމީހުން ލޯންޗުގައި ތިބިނަމަވެސް އެންމެ ދިވެއްސެއް ފިޔަވައި ތިބީ ހުސް ފަތުރުވެރިންނެވެ.

ލޯންޗުފުރުމާއެކު ޒީލަން ލޯމަރާލިއެވެ. އަދި ހަމަޖެހިލެވޭތޯ އުޅުނެވެ. ނަމަވެސް އެކަނިވާ ކޮންމެ ވަގުތަކު ރޭގެ ހާދިސާ މަތިން ހަދާންވެ ދެރަވާގޮތްވެއެވެ. އޭނާއަށްވެސް ފަޒީނާ ނުލާ އުޅެން ދަތިވެއެވެ. އެކަނިވެރިކަން އިހުސާސް ކުރެވެއެވެ. އޭނާއަށް ހުރެވުނީ އިރުކޮޅަކުއެވެ. ކުއްލިއަކަށް ލޯންޗް ވަރަށް ގަދައަށް ހަލުވަން ފަށައިފިއެވެ. އޭނާ މާގިނައިން ދަތުރު ކޮށްފައި ނުވާތީ މިކަމަށް ބިރުގަންނަން ފެށިއެވެ. ވަރަށް ބޮޑަށް ބޯއަނބުރާ ހޮޑުލަވަން ފެށިއެވެ. އެންމެ ފަހުން އޭނާއަށް ވަރަށް ގިނައަދަދަކަށް ހޮޑުލެވުނެވެ. އޭގެ ސަބަބުން އޭނާ ވަނީ ވަރަށް ވަރުދެރަވެފައެވެ. އަދި އިންތިހާއަށް އެކަނިވެރިވެ ބިރުގެންފައެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ޒީލަން" ވާހަކައަކީ 2008 ވަނަ އަހަރުގެ ގައުމީ މުބާރާތުން ދެވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *