ހިކުމަތް: ބުއްދިވެރިން

ބުއްދިއާއި ތަންދޮރުދަތުން ލިބިގަންނަ މީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވައެވެ. ބުއްދިވެރިކަމަކީ ރިއްސަށް ވުރެން ބޭނުން ބޮޑު އެއްޗެކެވެ. އެއީ ރަނަށް ވުރެން ވެސް އަގުބޮޑު އެއްޗެކެވެ. ވިސްނުންތެރިކަމަކީ ޖަވާހިރަށް ވުރެން ވެސް އަގުހުރި އެއްޗެކެވެ. އެއާ އަޅައި ކިޔާލެވޭނެ އެކައްޗެއް ވެސް ނުވެއެވެ. ވިސްނުންތެރި ކަމުގެ ކަނާތުގައި ވަނީ ދިގު އުމުރެކެވެ. ވާތުގައި ވަނީ މުދަލާއި ތަނަވަސްކަމާއި ޝަރަފެވެ. ވިސްނުންތެރިކަމަކީ ދިރިއުޅުން އުފާވެރި ކޮށްދީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭ އެއްޗެކެވެ. ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ.
މާތްރަސްކަލާނގެ އުޑާއި ބިން އުފެއްދެވީ އެކަލާނގެ ދެނެވޮޑިގަތުމާއި ޙިކުމަތްފުޅުންނެވެ. ކަނޑުތައް ފަތުރުއްވައި ވިލާތައް އުދުއްސަވައި ފެން ވެއްސަވަނީ އެމަތިވެރި ޢިލްމުފުޅުންނެވެ.
ދަރިފުޅާއެވެ! ވިސްނުންތެރިކަމާއެކު ކަންތައް ކުރާށެވެ. ތިމާގެ ބުއްދިފަސް ވިޔަނުދީ އުޅެވޭތޯ ބަލާށެވެ. އެގޮތުން ކަލޯއަށް ހިތްގައިމު ދިގު އުމުރެއް ލިބިގެންދާނެއެވެ. އޭރުން ތިމާގެ ފައިތިލަ ކައްސާ ނުލާ އޮމާންކަމާއެކު ތިމާ ދާ މަގުގައި ދެވޭނެއެވެ. އޭރުން ހިތްދަތިކަމެއް ނެތި ތިމާއަށް އަރާމު ކުރެވޭނެއެވެ. އަދި ބިރެއްނެތި ނިދާލެވޭނެއެވެ. ނުބައި މީހުންނާ ކުރިމަތިވާ ކުއްލި ކާރިސާތަކާ މެދު ކަންބޮޑު ނުވާށެވެ. އެހެނީ މާތްރަސްކަލާނގެ ތިމާއަށް ރައްކާތެރިކަން ދެއްވާނެކަން ހަނދާން ކުރާށެވެ.
ތިމާއަށް ވީވަރަކުން އެންމެންނަށް އެހީތެރިވެވޭތޯ ބަލާށެވެ. މިއަދު ކޮށްދެވެން އޮތްކަމެއްގައި އަވަށްޓެރިޔާ ގާތު މާދަމާ އަންނާށޭ ނުބުނާށެވެ.
ތިމާ އިތުބާރު ކުރާ އަވަށްޓެރިޔާއާ މެދު ހީލަތްތެރި ރޭވުންތައް ނުރާވާށެވެ. ތިމާއަށް ގެއްލުމެއް ނުވާހާ ހިނދަކު ޒުވާބެއް ކޮށްލުމުގެ ބޭނުމުގައި މީހަކާ ޒުވާބެއް ނުކުރާށެވެ.
އަނިޔާވެރިންގެ ގޮތްތަކަށް ހިތް ލަންބައި އެމީހުންގެ މިސާލުގައި ނުހިފާށެވެ. އެހެނީ ދޮގުވެރިން ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވައެވެ. އެކަލާނގެ ގާތްކަން ބާއްވަނީ ތެދުވެރިންނާއެވެ.
ނުބައިމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ. އެކަމަކު ހެޔޮމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ބަރަކާތް ލައްވައެވެ.
މާތްރަސްކަލާނގެއަށް މަލާމާތް ކުރާ މީހުންނަށް އެކަލާނގެ ވެސް މަލާމާތް ކުރައްވައެވެ. އެކަމަކު ހިތްތިރި މީހުންނަށް ހެޔޮގޮތް މިންވަރު ކުރައްވައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *