އިނގުރަކީ ގިނަ ބަޔަކު ބޭނުންކުރާ އެންމެ ސިއްހަތަށް ފައިދާހުރި އެއް ކާނާއެވެ. އެއީ ހުން އައުމާއި ކެއްސުމަށް ފަރުވާކުރުމަށާއި ނުބައި ކޮލެސްޓްރޯލް މަދުކުރުމުގެ އިތުރުން ސިއްހީ އެތައް ފައިދާތަކެއް ލިބިގެންދާ އެއްޗެކެވެ. އެއީ އިންސާނާގެ ސިއްހަތަށް ރަނގަޅު އެންޓި-އިންފްލެމެޓަރީ ބައިތަކެއް ތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ގިނަ ބަޔަކު ކޮންމެދުވަހަކުވެސް އިނގުރު ކެއުމަށް އިސްކަންދީގެން އިނގުރުން ފައިދާ ހޯދަމުން ދިޔަނަމަވެސް އޭއިން ލިބޭ ގެއްލުންތައް ގިނަ މީހުންނަކަށް ނޭނގެއެވެ.
ދުވާލަކު 3 އާއި 4 ގްރާމަށް ވުރެ ގިނައިން އިނގުރު ބޭނުންކުރުމުން ލިބޭ ގެއްލުންތައް:
ލޮލާއި ހަންގަނޑު އެލާޖިކްވުން:
ދުވާލަކަށް ބޭނުންވާ ވަރަށް ވުރެ ގިނައިން އިނގުރު ބޭނުންކުރާނަމަ، ހަންގަނޑަށް ތަފާތު މައްސަލަތައް ދިމާވެ އަދި ލޯ ރަތްވުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. މިއީ ވަރަށް ބޮޑަށް އުނދަގޫވެ އަދި އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހިދާނެ ކަމެކެވެ.
ހަކުރުބަލީގެ މީހުންނަށް ކުރާ އަސަރު:
ހަކުރުބަލީގެ މީހުން މާގިނައިން އިނގުރު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަނީ އެކަމުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެ، ބޯއެނބުރުމާއި ވަރުބަލިވުން ފަދަ ކަންކަން ދިމާވެދާނެތީއެވެ. އެހެންކަމުން ބޭނުންވާ މިންވަރަށްވިރެ އިތުރަށް އިނގުރު ބޭނުން ނުކުރާށެވެ.
ލޭއައުމުގެ މައްސަލަ:
އިނގުރަކީ އެންޓި-އިންފްލެމެޓަރީގެ ބައިތައް ހުންނަ ކާނާއެއްގެ ގޮތުގައި މަޝްހޫރު އެއްޗެކެވެ. ނަމަވެސް މީހަކު މާގިނައިން އިނގުރު ބޭނުންކުރާނަމަ ހަށިގަނޑުގެ ބައިތަކުން ލޭއައުމުގެ މައްސަލަތައް ކުރިމަތިވެދާނެ އެވެ.
ބޭރަށް ހިންގުން:
ބަނޑު ގޯސްވުމުގެ މައްސަލައަށް ފަރުވާ ދިނުމުގައި އިނގުރު އެހީތެރިވެދެއެވެ. އެކަމަކު، އިނގުރު މާގިނައިން ބޭނުންކުރުމުން ވެސް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. މާގިނައިން އިނގުރު ކެއުމުން އިނގުރުގައި ހުންނަ ހަޖަމުކުރުމުގެ ބައިގެ މަސައްކަތް އަވަސްކޮށްދީ ބޭރަށް ހިންގުން ޖެހެއެވެ.
އިތުރު މައްސަލަތައް:
މާބަނޑު އަންހެނުން މާބަނޑު ދުވަސްވަރު އިނގުރު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަނީ އެއީ ދަރިފުޅަށް ގެއްލުން ހުރި އެއްޗަކަށް ވާތީއެވެ. ކިޑްނީގެ ބަލިމީހުންނަށް ކިޑްނީގެ މައްސަލަތައް ރަނގަޅު ކުރުމަށް ބޭނުންކުރާ ބޭހަށް ހުރަސް އެޅިދާނެތީ އިނގުރު ބޭނުންކުރުމުން ދުރުހެލިވުމަށް އިލްތިމާސް ކުރެ އެވެ. މާގިނައިން އިނގުރު ބޭނުންކުރުމުން ހިތުގެ ސިއްހަތަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ އެވެ. ހިތުގެ ބަލިމީހަކު މާގިނައިން އިނގުރު ކެއުމުގެ ސަބަބުން ބަލިވެ އުޅެން ޖެހިދާނެ ކަމަށާއި އެއީ ހިތުގެ ހިނގުން ގަވާއިދާ ހިލާފަށް ޖެހުމުގެ ފުރުސަތު ބޮޑުވާތީ އެވެ. ކަރުތެރެ ރިއްސުމުގެ މައްސަލައަށް އިނގުރަކީ އެހީތެރިވެދޭ އެއްޗެއް ކަމަށް ވިޔަސް މާގިނައިން ބޭނުންކުރުމުން ކަރުތެރެއަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
