ޖަޒުބާތީ ގޮތުން ކުޑަކުދިން ބްލެކްމެއިލް ކުރުމުން އެކުދިންނަށް އަނިޔާ ލިބޭ!

ޖަޒުބާތީ ގޮތުން ބްލެކްމެއިލްކުރެވޭ ތަފާތު ގޮތްތައް ހުރެއެވެ. މިސާލަކަށް ކުއްޖާގެ ސިކުނޑި ދޮވެލާނެ ގޮތްތައް ކަންކަން ވިސްނައި ދިނުމާއި، ބެލެނިވެރިޔާ ބުނާބަސްތަކަކުން އިންޒާރު ދިނުމާއި އަދި ކުއްޖާގެ އިހުސާސްތަކާއި އުފާތަކާއި ދެކޮޅަށް ވިސްނުމަށް ނުފޫޒު ފޯރުވާނެ ކަންކަން ހިމެނެއެވެ.

ގިނަ ފަހަރަށް މައިންބަފައިންގެ އިރުޝާދުތަކަށް އަމަލުކުރަން ކުއްޖާ ދެކޮޅު ހެދުމުން ކުދިންނަށް ޖަޒުބާތީ ގޮތުން ބްލެކްމެއިލް ކުރުމަށް މަގުފަހިވެދާނެއެވެ. ނަމަވެސް އެކަމުން ކުދިންނަށް ލިބެމުންދާ އަނިޔާ ފާހަގަކުރަން ބެލެނިވެރިންނަށް ނޭނގިދާނެއެވެ. ގިނަ ފަހަރަށް ކުދިން މައިންބަފައިންގެ އިރުޝާދުތަކަށް ޖަވާބުދާރީވާން ބޭނުން ނުވެދާނެއެވެ. ނުވަތަ ރައްދުދޭންވެސް ބޭނުން ނުވެދާނެއެވެ. އެއީ އެމީހުން ރުޅިއަރުވަން ބޭނުން ނުވާތީއެވެ. ނުވަތަ ހަމައެކަނި ކުދިންނަށް މައިންބަފައިންގެ ވާހަކަ އަޑުއަހަންވީ ސަބަބު ނުވިސްނޭތީ ކަމަށްވެސް ވެދާނެއެވެ.

ކުދިންލައްވާ ވަކިކަމެއް ކުރުވުމަށް ކުދިންނަށް އަމުރުކުރުމުން އިމޯޝަނަލް ބްލެކްމެއިލް ނުވަތަ ޖަޒްބާތުތަކާއި ކުޅެވެއެވެ. އެއީ ފައިދާ ހުރިކަމެއް ނޫނެވެ. އެހެން ހެދުމުން ކުދިންނަށް ވިސްނެނީ އެއީ ވަކި މުއްދަތަކަށް އަމަލުކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން އޭގެ ފަހުން މައިންބަފައިންގެ އިރުޝާދަށް ތަބާނުވުމަށް ކުދިންނަށް ފުރުސަތު ލިބެއެވެ. ޖަޒުބާތީ ގޮތުން ބްލެކްމެއިލް ކުރުމުން ދިގު މުއްދަތަކަށް ކުރާ އަސަރުތަކަކީ ދަރިފުޅާ މައިންބަފައިންނާ ދެމެދު އޮންނަ ގުޅުމަށްވެސް އަސަރުކުރާ ކަމެކެވެ.

މީހަކު ޖަޒުބާތީ ގޮތުން ބްލެކްމެއިލް ކުރެވޭނެ ތަފާތު ގޮތްތައް ހުރިއިރު، ބެލެނިވެރިން ދަރިންނަށް އެކަން ކުރަމުން ދަނީ ނޭނގި ކަމަށްވެސް ވެދާނެ އެވެ. އަދި ޖަޒުބާތީ ގޮތުން ބްލެކްމެއިލް ކުރުމަކީ ދަރިފުޅުގެ ކިބައިގައި ބިރުވެރިކަމާއި އިތުބާރުގެ މައްސަލަތަކާއި އަމިއްލަ ނަފްސު ކުށްވެރިކުރުމާއި އަދި އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުން ކުޑަވުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމެކެވެ. ޖަޒުބާތީ ބްލެކްމެއިލް ކުރުމުން ކުރާ އަސަރުތައް ދަރިފުޅުގެ ކިބައިން ވަގުތުން ނުފެނިދާނެއެވެ. ނަމަވެސް ދިގު މުއްދަތަކަށް ކުރާ އަސަރުތަކުން ކުއްޖާ ހިތްހަމަ ނުޖެހިދާނެއެވެ.

ބެލެނިވެރިން ވާންޖެހޭނީ ކުދިންނަށް ކަންކަން ދަސްކުރެވޭނެ ގޮތްގޮތަށް ފައްސި (ޕޮޒިޓިވް) ގޮތަކަށް އުޅެން ދަސްކޮށްދޭ ބަޔަކަށެވެ. ޖަޒުބާތީ ގޮތުން ބްލެކްމެއިލް ކުރުން ފަދަ ސިއްހަތަށް ނުރަނގަޅު ސުލޫކެއް ހިނގާ ހާލަތެއްގައި ވެސް ހަމަ އެގޮތަށް މަސައްކަތް ކުރެވިދާނެކަން ހަނދާން ބަހައްޓަން ޖެހޭނެއެވެ. ރުޅިވެރިކަމުގެ މައްސަލަތަކެއް ހުރުމުން ދަރިފުޅަކީ ހަރުކަށި ނުވަތަ ގޮތްދޫނުކުރާ ކުއްޖަކަށް ވެދާނެ ފަދައިން، ހަމަ އެފަދައިން ޖަޒުބާތީ އަނިޔާއަކީ ގަބޫލުކުރެވޭ ސުލޫކެއް ކަމަށް އެކުދިންވެސް ގަބޫލުކުރަން ފަށައިފާނެ އެވެ.

"އިމޯޝަނަލް ބްލެކްމެއިލްގެ އެންމެ ގޯސް ކަމަކީ އެކަމުގެ ސަބަބުން ކުދިން މައިންބަފައިނަށް ނުފޫޒުފޯރުވަން ފެށުން. ފަހުން ނުރައްކާވެދާނެ އަމަލުތަކަކަށް ކުދިން އަހުލުވެރިވުން. އެމީހުން މިކަން ކުރަނީ މައިންބަފައިން ކުރާ ކަންތައްތައް ކޮޕީ ކުރާތީ،" ކުޑަކުދިންގެ މުދައްރިސެއް ހާމަކުރިއެވެ.

ދަރިފުޅު ތިމާގެ އިތުބާރާމެދު ސުވާލު އުފައްދަން ފެށެންދެން އިމޯޝަނަލް ބްލެކްމެއިލް ކުރުމަކީ ވަރަށް ކުރު މުއްދަތަކަށް ފައިދާހުރި ކަމެއް ކަމަށް ވެދާނެއެވެ. އެގޮތުން އެއް ކަމަކީ ނަފްސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތިވަމުންދާތީ އެމީހުންގެ ޖަޒުބާތުތަކަށް އަޅާލުން ހުއްޓާލުމެވެ. ކޮންމެ ގޮތެއް ވަރިހަމަ ކޮށްލުމެވެ. ނަމަވެސް އޭގެ ސަބަބުން ދައްކަން ޖެހިދާނެ އަގަކީ ވަރަށް ބޮޑު އަގެކެވެ. ދަރިން ތިބާގެ އަތުން ކަންކަން ހޯދުމަށްޓަކައި ތިބާއަށް ނުފޫޒު ފޯރުވަން (މެނިޕިއުލޭޓް) ކުރަން ފަށައިފާނެއެވެ.

އެއީ އާދައިގެ މުއާމަލާތެއް ނަމަވެސް، ކުއްޖާއަށް އެކަން އެނގޭނެ އެހެން ގޮތެއް ނެތިދާނެ އެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާއަށް ކަންކަން ލިބޭނީ ހަމައެކަނި އުނދަގޫ ގޮތަކަށް ކަމަށް ގަބޫލުކުރަން ފަށައިފާނެއެވެ. ދޮގުހެދުމާއި ކަންކަން ހާސިލްކުރަން އެހެން މީހުންގެ އެހީތެރިކަންވެސް ހޯދަން ފަށާފާނެއެވެ.

އިމޯޝަނަލް ބްލެކްމެއިލިންގ އިން މުޖުތަމަޢުގައި އުޅެން ހުރަސް އެޅެއެވެ.

ކުދިން ބޮޑުވަމުން އަންނަ ވަރަކަށް މައިންބަފައިންގެ ކިބައިން އެހެން މީހުންނާ މުއާމަލާތް ކުރެވޭނެ ގޮތްތައް ދަސްކުރެއެވެ. މިގޮތުން ދަރިފުޅު ބޮޑުވަމުން އަންނަނީ މެދުނުކެނޑި ޖަޒުބާތީ ގޮތުން ބްލެކްމެއިލް ކުރާ މާހައުލެއްގައި ކަމަށްވާއިރު، އެކަމުގެ ސަބަބުން އެ ދަރިފުޅު މުޖުތަމަޢުތެރޭގައި އުޅެން އުނދަގޫވެއެވެ. އަދި ޖަޒުބާތީ ގޮތުން ކުރިއެރުން ހުއްޓިދާނެއެވެ.

ކިޔަވައިދިނުމުގެ މަންހަޖުގައި ކުދިންނަށް އަސާސީ އިޖުތިމާޢީ-ޖަޒުބާތީ ހުނަރުތައް ދަސްކޮށްދޭނެ ޓެކްސްޓް ފޮތްތަކެއް ނުހުރެއެވެ. އޭގެ ބަދަލުގައި ކުދިން ކަންކަން ރަނގަޅަށް ދަސްކުރަނީ ތިމާއާއެކު ގޭގައި އެހެންމީހުނަށް އޯގާތެރިވުމާއި، އެހެންމީހުންގެ އިހުސާސްތައް ދެނެގަންނަން އެނގުމާއި، ދޭދޭމީހުންނަށް އިހުތިރާމްކުރުމާއި، ކޮންމެ މީހަކަށްވެސް އަމިއްލަ ވަގުތާއި ކަންކަން ބޭނުންވާނެ ފަދަ ހުނަރުތައް އެކުގައި އުޅޭމީހުންގެ ގާތުންނެވެ. އެދި އެގޮތަށް ޕްރެކްޓިސްވެސް ކޮށްގެން ތަޖުރިބާގެ ތެރެއިންނެވެ.  އެ ހެޔޮކަމުގެ ނަމޫނާ ދައްކަން ތިބި ބެލެނިވެރިންގެ ފަރާތުން އެމީހުންނަށް ނަފްސާނީ އަނިޔާ ވެސް ދަސްވެއެވެ.

އިމޯޝަނަލް ބްލެކްމެއިލް ކުރުމަކީ އެމީހުންގެ އިޖުތިމާޢީ ޤާބިލުކަމާއި އިމޯޝަނަލް އިންޓެލިޖެންސް ތަރައްގީވުމަށް ހުރަސްއެޅިދާނެ ކަމެކެވެ. އެންމެ ފަހުން އެކަމުގެ ސަބަބުން އެމީހުންގެ އެކުވެރިންނާ އެކަހެރިވެ، އެމީހުންގެ އަމިއްލަ ސޫރަ އޮޅުވާލުން ފަދަ ދުރު އަސަރުތަކެއް ކޮށްފާނެއެވެ. މިއީ އެމީހުންގެ ތައުލީމީ ނަތީޖާ ފަހަތަށް ޖެހި، ކުރިއަށް އޮތްތަނުގައި ކާމިޔާބީގެ ނިސްބަތް ދަށްކޮށްދޭނެ ކަމެކެވެ.

އިނގިރޭސި ވިލާތުގެ ކުޑަކުދިންނަށް އެހީވާ ޖަމުއިއްޔާއެއްކަމަށްވާ އެން.އެސް.ޕީ.ސީ.ސީ ފާހަގަކުރާގޮތުގައި "ޖަޒުބާތީ ގޮތުން އަނިޔާ ލިބޭ ކުއްޖަކަށް ދިމާވާ ކަންކަމަކީ ގޯސް ކަމެއްކަން ނޭނގިދާނެ. އަދި ކުއްޖާ އަމިއްލައަށް ކުށްވެރިއަކަށް ވެދާނެ.

އެއީ ނަފްސާނީ ސިއްހަތުގެ މައްސަލަތައް ކުރިމަތިވާ ކަމެކެވެ.

އިމޯޝަނަލް ބްލެކްމެއިލް ކުރުމަކީ ދަރިފުޅުގެ ނަފްސާނީ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ. އެއީ އެމީހުން ސްޓްރެސްވެ ހާސްވެ، ޙަޔާތުގެ ފަހުގެ ދުވަސްތަކުގައި ޑިޕްރެޝަނަށްވެސް ހުށައެޅިދާނެ ކަމެކެވެ. ދަރިފުޅާ އެކު އާދައިގެ އަދި ދުޅަހެޔޮ މުވާސަލާތީ ރޮނގެއް ނެތްނަމަ، ނަފްސާނީ ގޮތުން އުފެދޭ ނުތަނަވަސްކަން ހާމަ ނުކުރެވިދާނެއެވެ. އެކަން ފާހަގަ ނުކުރެވިއްޖެނަމަ ކުއްޖާގެ ނަފްސާނީ ސިއްހަތުގެ މައްސަލަތައް އިތުރަށް ގޯސްވެސް ވެދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *